ލައިފްސްޓައިލް

އިންޑިއާގެ ވަޒީރަކު އަލުން ގްރޭޑް 11 ގައި ކިޔަވަނީ

އިންޑިޔާގެ ޖަރްކަންޑްގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް (އެޗްއާރްޑީ) މިނިސްޓަރު ޖަގަރްނާތު މަހްތޯ އަލުން ކިޔަވަން ފަށަން ނިންމަވައިފި އެވެ. އެގޮތުން ދޭވީ މަހްތޯ އިންޓަ ކޮލެޖުގެ ގްރޭޑް 11 އަށް ވެންނެވުމަށް މިނިސްޓަރު މިހާރު ވަނީ އެޕްލިކޭޝަން ހުށަހަޅުއްވާފަ އެވެ. މިއީ ބޮކާރޯ ޑިސްޓްރިކްޓްގައި ހުންނަ ސަރުކާރު ބައިވެރިވެގެން ހިންގާ ކޮލެޖެކެވެ.

އުމުރުން 53 އަހަރުގެ މިނިސްޓަރު އަލުން މި ކިޔަވަން ފައްޓަވަނީ ކިޔެވުން ހުއްޓާލެއްވިތާ 25 އަހަރު ފަހުންނެވެ. ގްރޭޑް 10 ގެ އިމްތިހާނު އޭނާ ހެއްދެވީ 1995 ވަނަ އަހަރު އެވެ.

ޖަރްކަންޑްގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް މިނިސްޓަރުކަން ލިބި ވަޑައިގަތީއްސުރެ އޭނާއަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި މީހުންގެ ފަރާތުން ވަރަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އޭނާގެ ތައުލީމީ ފެންވަރު ދަށްކަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭނާގެ ތައުލީމީ ފެންވަރު ދަށްކަމުން އަބަދާ އަބަދު މީހުން އޭނާއަށް ދަނީ ފާޑުކިޔަމުންނެވެ. އެހެންވެ އަލުން ކިޔަވަން ފައްޓަވައި ނުނިމި އޮތް ތައުލީމީ ބައި ފުރިހަމަ ކުރަން ގަސްތުކުރެއްވީ އެވެ.

"އަހަންނަށް ޖަރްކަންދްގެ ތައުލީމީ ވަޒީރުކަން ލިބުމާއެކު ސަރުކާރުގެ ތެރެއިން ބައެއް މީހުން އަހަރެންގެ ތައުލީމީ ފެންވަރު ދަށްކަމުން ވަރަށް ވަރުގަދަޔަށް ފާޑުކިޔަމުން އެބަދޭ. އެހެންވެ އަލުން ކިޔަވަން ފަށަން ނިންމީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ކިޔަވަން ގަސްތުކުރައްވާފައިވަނީ އާޓްސް ސްޓްރީމެވެ.

"ކިޔެވުން ކުރިއަށް ގެންދަމުން ވަޒީފާގެ މަސައްކަތްތައް ވެސް ކުރާނީ. އަހަންނަކީ ސިޔާސީ މީހެއް. އެހެންވީމާ ހަމަ ޔަގީނުން ވެސް އެއް މާއްދާ އަކަށް ނަގާނީ ޕޮލިޓިކަލް ސައިންސް، ދެން ކިޔަވާނެ މާއްދާތައް ވެސް ވަރަށް އަވަހަށް ފައިނަލް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މަތީ މަގާމެއް އަދާ ކުރަމުން ކޮލެޖުގެ ކްލާސްތަކަށް ދެވޭނެތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އަދި ކޮލެޖަށް ވަންނަން ފޯމު ހުށަހެޅީ ކަމަށާއި އެޑްމިޝަން ލިބުމުން އެކަމާ ވިސްނާނީ ކަމަށެވެ.

"އަހަރެންގެ އެޕްލިކޭޝަން ގަބޫލުކޮށްފިނަމަ ކިޔެވުމާއި މަސައްކަތް ބެލެންސް ކުރާނެ ގޮތެއް ހޯދާނީ،" އޭނާ ވިދާޅުވި އެވެ.
ޖަރްކަންޑްގެ ސަރުކާރުގައި ތިބި 81 ލެޖިސްލޭޓަރުންގެ ތެރެއިން 31 އެމްއެލްއޭ އިންނަކީ ގްރޭޑް 8 އާއި 12 އާ ދެމެދުގެ ކިޔެވުމެއް ފުރިހަމަ ކޮށްފައި ތިބި މީހުންނެވެ.