ވިޔަފާރި

އެގްރޯ ކޯޕަރޭޝަނާއެކު ދަނޑު ހައްދާނެ ބަޔަކު ހޯދަނީ

Aug 12, 2020
1

ދަނޑުވެރިކަން ފުޅާ ކުރަން ސަރުކާރުން އުފެއްދި ކުންފުނި، އެގްރޯ ކޯޕަރޭޝަނާ ގުޅިގެން ދަނޑުވެރިކަން ކުރާނެ ފަރާތްތައް ހޯދަން ފަށައިފި އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްވަމުން އެގްރޯ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހާރޫނު ރަޝީދު ވިދާޅުވި ގޮތުގައި "ކޮންޓްރެކްޓް ފާމިން" އުސޫލުން ދަނޑުވެރިކަން ކޮށްދޭނެ ފަރާތްތަކެއް ހޯދަން، ކައުންސިލް ތަކަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

"ކޮންޓްރެކްޓް ފާމިންގެ އެޑްވާންޓޭޖްއަކީ ދަނޑުވެރިޔާ އަަށް އޮންނާނެ ޔަގީންކަން ތަކެތި ގަންނާނެ ބަޔަކު ތިބިކަން. އޭރުން އަޅުގަނޑުމެންނާ އެއްބަސް ވެގެން އެކަން ކުރެވޭނެ. އަޅުގަނޑުމެން ރާއްޖޭގެ ރިސޯޓްތަކާއި މާކެޓަށް ނެރެދޭނީ،" ހާރޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގްރޯ ކޯޕަރޭޝަނުން ކޮންޓްރެކްޓް ފާމިން ފަށާނީ ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން ކަމަށެވެ.

"ފަސް ޒޯންގައި މި މަސައްކަތުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ބޭނުންވާ ވަސީލަތް ގާއިމް ކުރެވޭނެ. ތަމްރީންނާއި ވަސީލަތްތައް އަދި މާލީ ގޮތުން ކުރިމަތިވާ މައްސަލަތަކަށްވެސް އެހީވެވޭނެ،" ހާރޫނު ވިދާޅުވި އެވެ.

17 ބާވަތެއް އުފައްދާނެ

އޭނާ ވިދާޅުވީ ފުރަތަމަ ވިސްނުން ހުރީ ރާއްޖޭގައި އާއްމުކޮށް ހައްދާ 17 ބާވަތެއް 43 ރަށެއްގައި ހެއްދުމުގެ މަސައްކަތް ކުރުމަށް ކަމަށާ މި ތަކެތީގެ އިމްޕޯޓް 50 ޕަސެންޓަށް ދަށް ކުރުމަކީ އަމާޒެއް ކަމަށެވެ.

"މި 17 ބާވަތްތައް ހާއްސަ ކުރުމުގެ ބޭނުމަކީ ވެސް މި ތަކެތި އިމްޕޯޓަށް ބަރޯސާވުން ކުޑަ ކުރުން. ހުރިހާ ބާވަތްތަކެއް އުފެއްދީމަ އެ ތަކެތި މާކެޓަށް ނެރުމުގައި އެންމެ ރަނގަޅު އަދަދު ތަކެއް ނުލިބޭނެ. އެހެންވެ ވިސްނަނީ އެކަށީގެންވާ ވަރަކަށް މިކަން ކުރެވޭނީ ވަކި ބާވަތްތަކެއް އުފައްދައިގެން ކަމަށް،" ހާރޫނު ވިދާޅުވި އެވެ.

އުޅަނދު ފަހަރު ހޯދައި ތަކެތި ގެނެސްދޭނެ

އޭނާ ވިދާޅުވި ގޮތުގައި އެގްރޯ ކޯޕަރޭޝަންގެ ދުރު ވިސްނުމުގައި ފިނިކޮށްގެން ދަނޑުވެރިކަމުގެ ސާމާނު ގެނެވޭނެ އުޅަނދު ފަހަރު ހޯދުމާއި މި ސިނާއަތަށް އިންވެސްޓް ކުރުން ވެސް ހިމެނޭ ކަމަށެވެ.

"މި ސިނާއަތަކީ މީގެ ކުރިން އަޅާލި ސިނާއަތެއް ނޫން. އެހެންނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ މި ސިނާއަތަކީ އިގްތިސޯދުގައި މުހިންމު ދައުރެއް ކުޅޭނެ ސިނާއަ ތަކަށް ހެދުން. އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަނޑުވެރިކަމުގެ ސާމާނު ރާއްޖޭގެ މާކެޓުގައި އަގު ބޮޑުވުން. މި ތަކެތި މާކެޓް ކުރަން ދަތުރުފަތުރުގެ ނިޒާމު މުހިންމު. މިހާރު މި ގެންނަނީ މުދާ އުފުލާ ބޯޓް ފަހަރު. އެހެންވެ އަޅުގަނޑުމެން ވިސްނަނީ އެހީތެރިކަން ދީގެން ރާއްޖޭގެ ފަސް ސަރަހައްދުން ގަނެގެން ތަކެތި ގެންނަން،" ހާރޫނު ވިދާޅުވި އެވެ.