އެސްޓީއޯ

ރާއްޖެއަށް ގޮދަން ގެނެސް އެސްޓީއޯއިން ފުށް އުފައްދަން ފަށަނީ

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން ރޯ ގޮދަން ރާއްޖެ ގެނެސް، ރާއްޖޭގައި ފުށް އުފައްދަން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ދުރާލާ ރެކޯޑުކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އެނގިގެން ދިޔަ އެއް ކަމަކީ ރާއްޖެ އަށް ފުޑް ސެކިއުރިޓީގެ ޔަގީންކަން ބޮޑު ކުރަން ޖެހިފައިވާ ކަމެވެ. އެކަން ކުރުމުގެ ގޮތުން ގޮދަން ރާއްޖެ ގެނެސް ފުށް ތައްޔާރު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.

"މީގެ ސަބަބުން ކާނާގެ ޔަގީންކަން ވެސް ބޮޑު ވެގެންދާނެ،" އަމްރު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީ ވިދާޅުވީ އެ ކުންފުނީގެ ވިޔަފާރި ރާއްޖޭން ބޭރަށް ގެންދިއުމަކީ ވެސް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ސެންޓްރެލް ވެއާހައުސްއެއް ހަދައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ގުދަންތައް ހަދައި ހިދުމަތް ދިނުމަކީވެސް އަމާޒެއް ކަމަށެވެ. މީގެ އިތުރުން ސަރަހައްދީ ބަނދަރުތަކަށް ހާއްސަކޮށް މުދާ ގެނައުން ފުޅާ ކުރަން ވިސްނާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ކުންފުނިން އަލަށް ކުރަން ފަށާނެ ކަމަށް މިއަދު އިއުލާނުކުރި ކަންތައްތަކުގެ ތަފުސީލު އެމްޑީ ދެއްވާފައެއް ނުވެ އެވެ.

އެސްޓީއޯ އިން ދާދި ފަހުން ވަނީ "ޑިޖިޓަލް ބޭންކިން" އަށް ނުކުންނަން ވިސްނާ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް މި ހިދުމަތްތަކުގެ ތަފުސީލެއްވެސް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރާ ސަރުކާރުގެ ކުންފުނި އެސްޓީއޯއިން ވަނީ ކޮވިޑް-19 ގެ ސަބަބުން ބޯޑަރު ބަންދުވުމާއެކު ރާއްޖެ ކާޑަށް ޖެހުނަ ނުދޭން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ މަސައްކަތްތަކުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ކާޑު އެޖެންޓުން ހަމަޖެއްސި އެވެ.