ވިޔަފާރި

އެސްޓީއޯ: ކުދި ވިޔަފާރިތަކާ ދުރަށް، ކުދި ވިޔަފާރިންނާ ގާތަށް!

Dec 18, 2019
3

އާއްމު ވިޔަފާރީގެ ތެރެއިން ސަރުކާރު ކުންފުނިތައް ނުކުތުމަކީ އެންމެ ރަނގަޅު ގޮތެވެ. އިގްތިސާދީ މާހިރުން ދެކޭ ގޮތުގައި ރާއްޖެ ފަދަ ކުޑަ އިގްތިސާދެއް އޮތް ގައުމެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ނުކުރުމަކީ މުހިންމު ކަމެކެވެ. ސަރުކާރު ކުންފުނިތަކުން ކުދި ވިޔަފާރިތަކުގެ ތެރޭގައި ހަރަކާތްތެރި ނުވުން މުހިންމެވެ. އެކަމަކު، މިހާތަނަށް ސަރުކާރުގެ ގިނަ ކުންފުނިތަކަށް މި ހިތްވަރު ކުރަން އޮތީ ނުކުރެފަ އެވެ. ނަމަވެސް ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އިން މިވަނީ މި ފަދަ ވިޔަފާރި ކުރުމާ ފޭއަށް ޖެހެން ފަށާފަ އެވެ. މިހާރު އެ ކުންފުނިން އަމާޒު ހިފާފައި ވަނީ ކުދި ވިޔަފާރިތައް ބާރުވެރިކުރުވައި އެ ކުންފުނި ކުރާ ކުދި ވިޔަފާރި ތަކުން ދުރުވުމެވެ.

"ޕްރައިވެޓް ސެކްޓާ އާއި ސަރުކާރު ކުންފުންޏަކާ ވިޔަފާރި ކުރުމުގައި ހުރި ފަސޭހަތައް ތަފާތު. އެސްޓީއޯއަށް ފޮތް ފަންސޫރު ގެނެސްގެން ސްކޫލްތަކަށް ފޯރުކޮށްދެވިދާނެ. ގާނޫނުތައް އޮތް ގޮތުން ބިޑް ނުކޮށްވެސް އެކަން ކުރެވިދާނެ. އެކަމަކު އެހެން ހެދުމުން އަމިއްލަ ވިޔަފާރިވެރި ގެއްލިގެންދޭ އެހެންވެ އަޅުގަނޑުމެން މިހާރު ބޭނުންވަނީ މި ވިޔަފާރިތަކާ ދުރަށް ދާން،" އެސްޓީއޯގެ ސީނިއަ އޮފިޝަލަކު ވިދާޅުވި އެވެ.

އެސްޓީއޯ ކުދި ވިޔަފާރި ކުރުމާ ދުރަށް ދާން ކުރީ ކޮން ކަމެއް ހެއްޔެވެ؟ މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފި ހެއްޔެވެ؟ ސުވާލަކީ މި އެވެ.

ސުޕަމާކެޓު ރެކުތައް އަމިއްލަ ވިޔަފާރި ތަކަށް!

އެސްޓިއޯއަކީ ކުރިން އިލެކްޓޯނިކްސް ވިޔަފާރި ފުޅާކޮށް ކުރި ކުންފުންޏެވެ. ނަމަވެސް އާ މެނޭޖުމަންޓުން ވަނީ މި ވިޔަފާރި ދޫކޮށްލާފަ އެވެ. އަދި އެސްޓީއޯ އިލެކްޓްރޯނިކްސް ފިހާރަ ވަނީ ބަންދުވެސް ކޮށްފަ އެވެ. މާލޭގައި ހުރި ފިހާރަ ބަންދު ކުރުމުގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިންގި ފިހާރަ ވެސް އެ ކުންފުނިން ބަންދު ކުރި އެވެ. މީގެ އިތުރުން ގެނެސްފައިވާ އަނެއް ބަދަލަކީ ކުރިން އަމިއްލަ އަށް ތަރުކާރީ ގެނެސް އެސްޓީއޯ އިން ވިއްކިނަމަވެސް، އެކަން ވެސް މިހާރު ހުއްޓާލާފައިވުމެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި ތަރުކާރީއާ މޭވާގެ ބާވަތްތައް ވިއްކުން އަމިއްލަ ފަރާތްތަކަށް ވަނީ ދޫކޮށްލާފަ އެވެ.

އެ ކުންފުނިން ކުދި ވިޔަފާރި ކުރުން ހުއްޓާލަން އެންމެ ފަހުން ނެގި ބޮޑު ފިޔަވަޅަކީ ސުޕަ މާކެޓުގައި ހުރި ބޮޑެތި ފިނިކުރި ކޮށާރުތައް އަމިއްލަ ފަރާތް ތަކަށް ދޫކޮށްލުމެވެ.

އެ ކުންފުނީގެ އޮފިޝަލް ވިދާޅުވީ މިހާރު އެ ކުންފުނިން ފިނިކުރި މަހުގެ ބާވަތްތައް އެތެރެ ނުކުރާނެ ކަމަށެވެ.

"މިއީ ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިއާ ދުރަށް ދާން ނެގެސްފައިވާ މުހިންމު ބަދަލެއް،" އޮފިޝަލް ވިދާޅުވި އެވެ.

ދަނޑުވެރިންގެ އެހީތެރިއަކަށް!

ދިވެހި ދަނޑުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަނޑުވެރިކަމަށް ހައްދާ ތަކެތި ނުވިކުމެވެ. އެކަށީގެންވާ ހަމަ އަގު ނުލިބުމެވެ. އެސްޓީއޯ އިން މިހާރު ވަނީ ދަނޑުވެރިންގެ އަތުން ދަނޑުވެރި އުފެއްދުންތައް ގަނެ ރިސޯޓް ތަކަށް މާކެޓް ކޮށްދިނުމަށް ނިންމާފަ އެވެ. އެކަމުގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް އެ ކުންފުނިން ނިންމާފައިވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށްވާ އއ. ތޮއްޑޫގަ އެވެ. އެކަމުގެ ތައްޔާރީތަކުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. މިއާއެކު ދަނޑުވެރިން ހައްދާ ތަކެތި ނުވިކި ނުވަތަ ދަނޑުވެރިޔާ އަށް ހަމަ އަގު ލިބިގެންދާނެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެ ކުންފުންޏަކީ މީގެ 54 އަހަރު ކުރިން ރާއްޖޭގައި ކާނާގެ ރައްކާތެރިކަން ދެމެހެއްޓުމަށް ސަރުކާރުން އުފެއްދި ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިން މިހާރު ރާއްޖެ އަށް ތެޔޮ އެތެރެ ކުރަމުން ދާއިރު، އެ ކުންފުނީގެ ޑިޕާޓްމަންޓެއްގެ ގޮތުގައި އުފެއްދި މިހާރު ކުންފުންޏެއްގެ ގޮތުގައި އޮތް މިފްކޯ އިން މަސްވެރިކަމަށް ބޮޑު އެހީތެރިކަމެއް ދެމުން ގެންދާ ކަމަށެވެ.

އެމްޑީ ވިދާޅުވި ގޮތުގައި އެ ކުންފުނިން އަލަށް ފަށަން ތައްޔާރުވާ މަސައްކަތްތަކީ ދަނޑުވެރިކަމަށް އެހީތެރިވެ ދިނުން ކަމަށެވެ. މި މަސައްކަތުގެ ދަށުން ދަނޑުވެރިކަމުގެ ސާމާނު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދާ ތަންތަނަށް ގެނެސް ދިނުމުން ރިސޯޓު ތަކަށް މާކެޓުކޮށް ދޭން ނިންމާފައިވާ ކަމަށެވެ.

"އެސްޓީއޯއާ ހަމަ އަށް ގެނެސް ދިނުމުން އުފެއްދުންތައް ޕެކްކޮށް ރިސޯޓުތަކާ ހަމަ އަށް ގެނެސް ދޭނެ. މީގައި އެސްޓީއޯ އިން ޔަގީންކަން ދޭނަން އޭގެ ކޮލިޓީ އަށް،" އަމްރު ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ މައި ކުންފުނިން ބައެއް ވިޔަފާރިތައް ދޫކޮށްލުމަކީ ހެޔޮ ފާލެކެވެ. މިކަމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރި އަށް އަސަރު ކޮށްފި ހެއްޔެވެ؟ މި ބަދަލު ގެނައި ނަމަވެސް މުވައްޒަފުން މަދުކޮށްފަ އެއް ނުވެ އެވެ. އަދި ފައިދާ ވެސް ދަށްވެފައެއް ނުވެ އެވެ. މި އަހަރުގެ ވޭތުވެދިޔަ ތިން ކުއާޓާގައި އެ ކުންފުނީގެ ފައިދާ ވަނީ އިތުރުވެފަ އެވެ.