އެންއައިސީ

އެންއައިސީއަށް އައްޔަން ކުރަން 17 ނަމެއް ފޮނުވައިފި

Aug 12, 2020

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ހުސްވެފައިވާ މެމްބަރު ކަމަށް އައްޔަން ކުރަން 17 ބޭފުޅެއްގެ ނަން ރައްޔިިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފި އެވެ.

އެންއައިސީގެ ތިން މަގާމެއް ހުސްވެގެން ދިޔައީ އެ ކޮމިޝަނުން ތިން މެންބަރަކު އިސްތިއުފާ ދެއްވުމުންނެވެ. އެއީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައްސާން ހަމީދުއާއި، މެންބަރު ކަމުގައި ތިއްބެވި އަހުމަދު އަމީންއާއި، ހަދީޖާ އަބްދުﷲ އެވެ. އެ މެންބަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުން އެ މެންބަރުން ވަކިކުރަން ވެގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.

އެންއައިސީން ހުސްވި އެ ތިން މާގަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން އެ މަގާމުތަކަށް އައްޔަން ކުރައްވަން ރައީސް ސޯލިހްއަށް ފެނިވަޑައިގަންނަވާ 17 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަންތައް އިއުލާން ކުރެއްވި އެވެ. އަދި ދިރާސާާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވި އެވެ.

އެންއައިސީގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން ވަކިކުރަން ރައީސްއަށް ލަފާ ދެއްވަން ވެސް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވެ އެވެ. މަޖިލީހުގެ ލަފައާ އެއް ގޮތަށް ސުލައިމާން މަގާމުން ވަނީ މިހާރު ވަކިކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލާން އިއްޔެ ހުޅުވާލި އެވެ.

އެންއައިސީގައި މިހާރު އިންނަވާނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ ފިރިކަލުން އަހުމަދު ޖިހާދު އެކަންޏެވެ. ޖިހާދަކީ މި ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރެކެވެ. ވަކި ކުރަން ނިންމި ހަތަރު މެންބަރުންނަކީ ކުރީ ސަރުކާރުގެ ދުވަސްވަރު އެ ކޮމިޝަނަށް އައްޔަން ކުރި މެންބަރުންނެވެ.

އެންއައިސީއަށް އައްޔަން ކުރަން ފޮނުވި ނަންތައް

  • ހަދީޖާ މޫސާ، މ. ބަޝީރީހިޔާ
  • ޝުއައިބް އަބްދުލް ރަހުމާން، ދ. 1188
  • އާޝިއަތު ޝިއުނާ، ގ. ދޫރެސްވިލާ
  • އަހުމަދު މޫސާ، ހ. އަމްސާވިލާ
  • އަލީ މުހައްމަދު މަނިކު، ދ. 1851
  • އާއިޝަތު ހުސައިން މަނިކު، ހ. ރީނދޫކޮކާގެ
  • މުހައްމަދު އަލީ، ރަތްފުސްގެ، ހއ. ހޯރަފުށި
  • އައިމިނަތު ޝާދިޔާ، މ. ޕިސްތާގެ
  • އިސްމާއިލް ސާޖިދު، މއ. ވިލާރޮނދި
  • ހަދީޖާ ނައީމް، މ. ރަންވަރު
  • އައިިނަތު އަޒްލިފާ، ގުލާބީގެ، ރ. ރަސްގެތީމު
  • ހާރިސް މުހައްމަދު، ދ. 4289
  • ޑރ. އިބްރާހިމް ޝިޔާމް، މ. ކަފިޔާވިލް
  • އަލީ ނިޒާމް، މ. މޮޑާންކޮމެޓް
  • އަލީ ނަޖީބް، ހުޅުމާލެ ފްލެޓް ނަންބަރު 137
  • މުހައްމަދު ޝަރީފް، ފުސްތުޅާގެ، ގދ. ތިނަދޫ
  • މަޖީދު އަލީ، ގއ. ދާންދޫ