އަހުމަދު މަހްލޫފު

"އާޒިމް މަސައްކަތް ކުރައްވަނީ ރައީސަށް ކަމެއް ނުވާކަން ދައްކަން"

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް މަސައްކަތް ކުރަނީ ރައީސް ސޯލިހަށް ސަރުކާރު ނުހިންގޭކަން ދައްކަން ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް، އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިރޭ ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ މަޖިލީސް މެންބަރުންނާއި ސަރުކާރާ ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާ ނަމަވެސް މަޖިލީހުގެ މެންބަރުން ވަޒީރުންނަށް ގާނޫނާއި ހިލާފު ކަންކަން ކުރުމަށް އެންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ަކމަށެވެ.

މަހުލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު ފަސްކުރުމަށް އާޒިމް އިސްވެ ހުރެ މަސައްކަތް ކުރީ ނުބައި ނިޔަތެއްގައި ކަމަށެވެ.

"އަލީ އާޒިމްއަކީ އެފްއޭއެމްގައި ހުރެގެން އޭގެ ފޮނި ރަހަ ވަރަށް ބޮޑަށް ލާފައިހުރި މީހެއް އިނގޭ. އެހެން ނޫނަމަ އެވަރަކަށް ބޭފުޅަކު އެފްއޭއެމްއޭ ކިޔައިގެން އަޅުގަނޑު ކުރަންހުރި އެހެން މަސައްކަތްތައް ކުރިޔަނުދީ އަޅުގަނޑު ފަހަތުން ދުވަންޖެހޭ އެއްވެސް ސަބަބެއްނެތް،"

ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބުގެ ކަންކަމަށް މިނިސްޓަރު ވަންނަން ޖެހޭ ސަބަބެއް ނެތް ކަމަށާ އެފްއޭއެމްގެ އިންތިހާބަށް ހަތަރު މަސް ކުރިން ހުޅުވާލިއިރުވެސް ބައްސާމްއާ ވާދަ ކުރާނެ ކެންޑިޑޭޓަކު ނުނެރެ ދެން އިންތިހާބު ހުއްޓުވަން މަސައްކަތް ކުރުމަކީ "ހަޑި" ކަމެެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އަދި އާޒިމްމެން އެދޭ ގޮތަށް ފުލުހުންނާއެކު ކުޅިވަރު މިނިސްޓަރު ވަޑައިގެން އެފްއޭއެމްގެ އިންތިހާބު ހުއްޓުވިނަމަ ރާއްޖެ ސަސްޕެންޑްކޮށް އެކަމުގެ ސަބަބުން ކުލަބުގެ ރުޅި އަދި ކުޅުންތެރިންގެ ނަފްރަތު އަމާޒުވާނީ ރައީސް ސޯލިހާއި އޭނާއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަލީ އާޒިމްއަށް ކަނޑައެޅިގެން މިކަން އޮތްގޮތް އެނގެމެ އަޅުގަނޑު ބޭނުންކޮށްގެން މުޅި ރާއްޖޭގެ ފުޓްބޯޅަ ހަލާކުކޮށްލި ބަޔަކީ އަޅުގަނޑާއި ރައީސުލްޖުމްހޫރިއްޔާކަން ދައްކަން އެކުރާ މަސައްކަތަކަށް އެއްބާރުލުމެއް ނުދޭނަން. އަޅުގަނޑު ކުރާ މަސައްކަތެއް ކުރާނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާގޮތަކަށް. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް ގާނޫނާއި ގަވާއިދާ ހިލާފުނުވާ ގޮތުގެ މަތިން އަޅުގަނޑު ހުރިހާ ކަމެއްކުރާނަން. އެކަމުގެ ޔަގީންކަން ރައީސަށް އޮންނާނެ." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އާޒިމްމެން މަސައްކަތް ކުރަނީ ރައީސް ސޯލިހަށް ސަރުކާރު ނުހިންގޭކަން ދައްކަން ކަމަށެވެ. ނަމަވެސް އާޒިމްގެ އިތުުރުން ދެން އެ މަސައްކަތުގައި އުޅެނީ ކޮން ކަމެއް ކަމެއް މަހުލޫފް ވިދާޅެއް ނުވެއެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރު ނުހިންގެނީ ކަމަށް ދައްކަން ވެގެން އާޒިމްމެން ކަހަލަ ބޭފުޅުން އެ ކުރައްވާ މަސައްކަތް ހުއްޓާލާފައި، ސަރުކާރަށް އެއްބާރުލުމާއި އެހީތެރިކަން ދީގެން ކަންކަން ކުރަން އުޅުނީމަ ރަނގަޅުވާނެ." މަހުލޫފް ވިދާޅުވިއެވެ.