އަހުމަދު މަހްލޫފު

"މައްސަލަ ރީތިކޮށް ހައްލު ކުރަންޖެހޭ"

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިިލީހަށް ވެއްދުމަށް އެމްޑީޕީގެ ބައެއް މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރީތި ގޮތަކަށް ހައްލު ކުރަން ޖެހޭނެ ކަަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަދި މިހާރުގެ ކެބިނެޓްގައި އެންމެ ހީވާގިކޮށް ފެންނަ، މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ވަރަށް ގާތް ކަމެއް އޮންނަ މެންބަރުންތަކެއް ކަމަށް ވަނީ އެނގިފަ އެވެ. އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވައްދާ ގަރާރުގައި ރައީސް ނަޝީދު ވެސް ވަނީ ސޮއިކުރައްވާފަ އެވެ. އަދި އެ މަނިކުފާނާއެކު އިތުރު 20 މެންބަރަކު ސޮއި ދެއްވާފައިވާ ކަމަށް ޔަގީންވެފައި ވެއެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު މަހުލޫފް ވަނީ އިތުބާރުގެ އެ. މައްސަލާގައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އުޅެން ޖެހުނު ގޮތް ހަނދާން ކޮށްލި ނަމަވެސް މިފަދަ ކަމެއް ނުކުރާނެ ކަމަށެވެ.

"ކުރީގެ ވެރިކަން ބަދަލު ނުވިނަމަ އަޅުގަނޑުމެން އެންމެން ތިބޭނީ ޖަލުގައި،"

މިނިސްޓަރު ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރުމަކީ ޕާޓީގެ އާންމު މެންބަރުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން އެމްޑީޕީގެ އާންމު މެންބަރުން ވެސް އެމްޑީޕީގެ ވަޒީރަކާއި ދިމާއަށް ދިއުމަކީ ކަންބޮޑުވާނެ ކަމެއް ކަމަށް،" މަހުލޫފް ވިދާޅުވިއެވެ. އޭނާ އަދި ވިދާޅުވީ މި މައްސަލާގައު ވާހަކަ ދައްކައިގެން ހައްލު ލިބުމަކީ އޭނާ އުންމީދު ކުރައްވާ ގޮތް ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ރީތި ގޮތަކަށް މިކަން ހައްލު ކުރެވިގެންދާނެ ކަމަށް،"

ފައްޔާޒުގެ އިތުބާރާ ގުޅޭ ހަބަރު މީޑިއާގައި އާންމު ވުމާ ގުޅިގެން އެމްޑީޕީގެ ސުޕަމެޖޯރިޓީގައި ހިމެނި ވަޑައިގަންނަވާ ބައެއް މެންބަރުން، މިނިސްޓަރު ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ ގެންދަވަނީ އެކަން ހާމަ ކުރައްވަމުންނެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް މަސައްކަތް ކުރަނީ ރައީސް ސޯލިހަށް ސަރުކާރު ނުހިންގޭކަން ދައްކަން ކަމަށް ކަމަށް ވިދާޅުވެ މަހުލޫފް ރޭ ވަނީ އާޒިމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.