ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ހިންގަން އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީން) އިން ރާއްޖެއަށް 73 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ) ލުއި ލޯނެއް ދޭން ނިންމައިިފި އެވެ.
އޭޑީބީ އިން ބުނީ މި މަޝްރޫއުގެ ދަށުން ދުވާލެއްގެ މައްޗަށް 500 މެޓްރިކް ޓަނުގެ ކުނި ޕްރޮސެސްކޮށް އެ ކުނިން ހަކަތަ އުފައްފާ ޕްލާންޓެއް ގާއިމް ކުރާނެ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ދުވާލަކު 250 ޓަނުގެ ކުނި ޓްރީޓްކޮށް އަށް މެގަވޮޓް ކަރަންޓް އުފެއްދޭ ވަރުގެ ވަސީލަތެއް ގާއިމް ކުރާނެ ކަމަށެވެ.
މި މަޝްރޫއުގައި ވައި ނުސާފުވުން ކޮންޓްރޯލް ކުރެވޭ ނިޒާމަކާއި ބާކީ ހުންނަ ކުނި ރައްކާތެރި ކަމާއެކު ނައްތާލުމަށް ހާއްސަ ކުނިކޮއްޓެއް ވެސް ހަދާނެ އެވެ.
މި މަޝްރޫއު ހިންގަން އޭޑީބީ އިން ނިންމާފައި ވަނީ އަމިއްލަ ފަރާތްތަކާ ހަވާލު ކޮށްގެނެވެ. އެ ފަރާތުން 15 އަހަރަށް މި ތަން ބަލަހައްޓައި ދޭނެ އެވެ.
އޭޑީބީ އިން ވަނީ މި މަޝްރޫއުގެ ދަށުން އެންވަޔަރުމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ފަންނީ ގާބިލްކަން އިތުރުކޮށް އާއްމުންގެ މެދުގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ހޭލުންތެރި ކުރުވަން ހޭދަ ކުރުމަށް ވެސް ނިންމާފަ އެވެ. މީގެ އިތުރުން އީޕީއޭ އާއި ތިމާވެއްޓާ ބެހޭ މިނިސްޓަރީގެ ފަންނީ ގާބިލްކަން އިތުރު ކުރަން 500،000 ޑޮލަރުގެ ހިލޭ އެހީ އެހީއެއް ވެސް ދޭނެ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން ވެސް 27.74 މިލިއަން ޑޮލަރު ހޭދަ ކުރާނެ އެވެ.
ރާއްޖެ އަށް އެންމެ ގިނަ އިން އެހީވެދޭ އެއް ޖަމިއްޔާއަކީ އޭޑީބީ އެވެ. އެ ޖަމިއްޔާ އިން ދާދި ފަހުން ވަނީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތްތަކަށް އެއް މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވެސް ދީފަ އެވެ. އޭޑީބީ އިން ވަނީ 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 770 މިލިއަން ރުފިޔާ) ދީފަ އެވެ. އޭޑީބީން ދީފައިވާ މި ފައިސާގެ ތެރެއިން 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) އަކީ ލޯނެވެ. އަދި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ އެވެ.
އޭޑީބީން މި ފައިސާ ދެނީ ރާއްޖޭގެ ފަސް ސަރަހަދެއްގައި ހުރި ހޮސްޕިޓަލް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތް ހަމަޖެއްސުމާއި ދުވާލަކު 800 ޓެސްޓް ހެދޭނެ ވަރަށް ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ހާއްސަކޮށް އައިސޮލޭޝަން 400 އެނދު ގާއިމްކޮށް އިތުރު، 200 އައިސީޔޫ އެނދު ހޯދުމެވެ.