ފިނޭންސް މިނިސްޓްރީ

އޭޑީބީން ރާއްޖެއަށް 10 މިލިއަން ޑޮލަރު

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖޭގައި ހިންގާނެ 10 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައި ވަނީ މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި ޕާޓްނާޝިޕް ފޯރަމްގެ ތެެރެއިން ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އޭޑީބީގެ ފަރާތުން ސޮއިކުރީ އެ ބޭންކުން ރާއްޖެއަށް ކަނޑައަޅައިފައިވާ ކަންޓްރީ ޑިރެކްޓާ ރޮނަލްޑް ބުޓިއޮން އެވެ.

މި މަޝްރޫއަކީ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ނޭޝަނަލް ސިންގަލް ވިންޑޯ (އެންއެސްޑަބްލިޔު) މަޝްރޫއު އެވެ. މި 10 މިލިއަން ޑޮލަރުގެ ތެރެއިން ފަސް މިލިއަން ޑޮލަރަކީ އޭޑީބީގެ ސްޕެޝަލް އޮޕަރޭޝަންގެ ދަށުން ދޭ ހިލޭ އެހީ އެވެ. އަނެއް ފަސް މިލިއަން ޑޮލަރަކީ އޭޑީބީގެ އޯޑިނަރީ އޮޕަރޭޝަނަލްގެ ދަށުން ލޯނުގެ ގޮތުގައި ދިން ފަސް މިލިއަން ޑޮލަރެވެ.

އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިލެކްޓްރޯނިކް މެކޭނިޒަމް ބޭނުން ކޮށްގެން ވިޔަފާރި އަދި ހިދުމަތްދޭ ފަރާތްތަކުން ބިޒްނަސް ޓްރާންސްސެކްޝަން ހެދުމަށް މަގުފަހިކޮށްދޭނެ އެވެ. އަދި ބޯޑާ ކޮންޓްރޯލް ޕޮރޮސިޖާ ކުރިއަށް ގެންދިޔުމަށްޓަކައި އައިސިޓީގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އޮންލައިން އެކްސެސް ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން، ރާއްޖޭގައި އިންޓަނޭޝަނަލް ޓްރޭޑް ފެސިލިޓޭޝަނަށް ހާއްސަ ކޮށްގެން ނޭޝަނަލް ސިގްނަލް ވިންޑޯ ސިސްޓަމެއް ވެސް މި މަޝްރޫއުގެ ދަށުން ގާއިމްކުރާނެ އެވެ.