ފިނޭންސް މިނިސްޓްރީ

ތެލަށް ބަރޯސާވުން ކުޑަ ކުރަން އީޔޫއިން 5 މިލިއަން ޔޫރޯގެ އެހީ

ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމުގެ މަގުސަދުގައި ހިންގާ "ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބްލް އެނާޖީ ޑިވޮލޮޕްމެންޓް (ޕޮއިސްޑް) ގެ ދަށުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދޭ ފަސް މިލިއަން ޔޫރޯގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ދިޔަ ޕާޓްނާޝިޕް ފޯރަމް ތެރެއިންނެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އީޔޫގެ ފަރާތުން ސޮއިކުރީ އެ ޔޫނިއަންގެ އެމްބެސެޑާ ޓުންގްލަރީ މާގް އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ އަތޮޅެއްގެ ރަށްރަށުގައި ސޯލާ ޑީސަލް ބެޓްރީ ހައިބްރިޑް ސިސްޓަމް ގާއިމްކުރާނެ އެވެ. އެ ދެ އަތޮޅަކީ ގއ. އާއި ގދ. އެވެ.

އީޔޫ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ފަސް މިލިއަން ޔޫރޫ ދިންއިރު މިއަދު އީޔޫ އިން ވަނީ ދިވެހި ސަރުކާރުގެ ކުރީގެ ވެރިންގެ މައްޗަށް ފިޔަވަޅު އެޅުމަށް އީޔޫ އިން މިދިޔަ އަހަރު ފާސްކުރި އުސޫލު ބާތިލުކޮށްފި އެވެ.