މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 128 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 127 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަދި އަނެއް މީހާއަކީ އަތޮޅުތެރޭގެ ރަށަކުން ބަލި ޖެހުނު މީހުންނެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 83 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 35 މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ނޭޕަލްގެ ދެ މީހަކާއި ލަންކާގެ ހަތަރު މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5,494 އަރާފައެވެ.
މިއަދު ކޮވިޑުން ރަނގަޅުވީ 36 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2920 އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2553 މީހުންނެވެ. ކޮވިޑްގައި 21 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވީ އިއްޔެއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގައި ގެނައި ދިގު ލޮކްޑައުންއަށް ފަހު ހާލަތު އިތުރަށް ގޯސްވެފައިވާތީ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތަކާއި އާ ބައެއް ފިޔަވަޅުތައް އަޅައި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކޮށްފައި ވެއެވެ. މިހާރު ވަނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް އަދި ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ދެމެދު ބޭރުގައި އުޅުން މަނާކޮށްފަ އެވެ. އަދި ރަށްރަށަށް ދިއުމުގައި ދިން ލުއިތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ.