ލައިފްސްޓައިލް

ފުރާނަ ސަލާމަތްވީ ބޮޑު ބަނޑުގެ ސަބަބުން

މާ ބަނޑުފަލަކޮށް ތިބޭ މީހުންނަށް ގިނަ ބައެއްގެ މަލާމާތް ރައްދުވެ އެވެ. އަދި އެއީ ސިއްހަތަށް ނުބަލާ އުޅޭ މީހެއްގެ ގޮތުގައި ބަލަ އެވެ. ނަމަވެސް މިފަހަރު ކަންދިމާވީ ތަފާތު ގޮތަކަށެވެ. މީހެއްގެ ބަނޑު އާދަޔާޚިލާފަށް ބޮޑުވުން އޭނާގެ ފުރާނަ ސަލާމަތްވީ ސަބަބަކަށް ވީމަ އެވެ. ވަޅަކަށް ވެއްޓެން ދިޔަ މީހަކު ވަޅަށް ނުވެއްޓި ތާށިވެފައި ހުރީ އޭނާގެ ބަނޑު ބޮޑުކަމުން ބަނޑު އަޅައިގެންފައި ކަމަށް ވާތީ އެވެ.

ޗައިނާގެ މިމީހާ އަކީ އާދަޔާޚިލާފަށް ފަލަ މީހެކެވެ. އުމުރުން 28 އަހަރުގެ ލިއު ނަމަކަށް ކިޔާ މި މީހާގެ ގޭގައި ހުރި ފުން ވަޅަކަށް މި މީހާ ވެއްޓެމުން ދަނިކޮށް ވަޅުގެ ތުންފަތުގައި ބަނޑު އަޅައިގެންފައި ތާށިވެފައި ހުރި ގޮތަށް ހުރީ އެވެ. އޭނާގެ ފުރާނަ ސަލާމަތްވާން މެދުވެރިވީ ސަބަބަކަށް މިކަން ވަނީ ވެފަ އެވެ.

ޗައިނާގެ މެދުތެރޭގައިވާ ހެނާން ޕްރޮވިންސްގެ ލުޔޯޔަންގް ސިޓީގައި ދިރިއުޅޭ މި މީހާ އަކީ ސިކުނޑި ހަމަ ނުޖެހޭ މީހެކެވެ. އެ މީހާގެ ގޭގައި އާއިލާގެ މީހުން ކޮނެފައިވާ ވަޅަކަށް މި މީހާ ވެއްޓެން ދިޔައީ އެ ވަޅު މަތީގައި އަޅާފައިވާ ފްލައިވުޑް ފިލައެއްގެ މައްޗަށް އަރާ ފުމެނިކޮށް ފިލާ ފުނޑުފުނޑު ވެގެންނެވެ.

އެ ސަރަހައްދުގެ ރެސްކިއު ޑިޕާޓްމަންޓުގެ ފަސް މީހަކު އައިސް މި މީހާ ސަލާމަތް ކުރަން އުޅޭ މަންޒަރުގެ ވީޑީއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ.

މި ވީޑިއޯ އިން ފެންނަނީ ހުސް ގަޔާ ހުރި މީހަކު ވަޅުގައި ތާށިވެފައި ދެއަތް ޖޯޑުކޮށްގެން ހުއްޓަ އެވެ. އަދި ފަޔާ ފައިޓަރުންގެ ފަސް މީހަކު އައިސް މި މީހާ ސަލާމަތް ކުރަން މަސައްކަތް ކުރާ ތަނެވެ. އެމީހާގެ ބަނޑުގައި ބެލްޓެއް ބައްދާފައި އޭނާ ވަޅުނަގަން ކުރި މަސައްކަތް ފުރަތަމައިނުން ވަނީ ނާކާމިޔާބު ވެފަ އެވެ. އެއީ އެ މީހާ ބަރުވެފައި އޭނާ ވަޅުގައި ތާށވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެހެންވެ ފަހުން ވަރަށް ވަރުގަދަ ފަލަ ނަނުގަނޑެއް އެމީހުންގެ އުނގަނޑުގައި ބައްދައިގެން ދަމައިގެން، އޭނާ ސަލާމަތް ކުރެ އެވެ.

ލުޔޯޔަންގް ފަޔާ ސާވިސް އިން ބުނެފައިވާ ގޮތުގައި ސަލާމަތްކުރުމުގެ ތެރޭގައި އެމީހާއަކަށް އެއްވެސް އަނިޔާއެއް ނުލިބެ އެވެ.

ފަޔާ ސާވިސް އިން ލަފާ ކުރާ ގޮތުގައި މި މީހާގެ ބަރުދަނުގައި 500 ޕައުންޑް (226 ކިލޯ) ވަރު ހުންނާނެ އެވެ. އެމީހާ ވަޅަށް ވެއްޓުނު ނަމަ ފުރާނަ ސަލާމަތް ކުރަން ވަރަށް އުނދަގޫ ކަމަކަށް ވީސް ކަމަށާއި އޭނާގެ ފުރާނަ ސަލާމަތްވީ "މާ ބޮޑަށް ފަލަވީމަ" ކަމަށް ފަޔާ ސާވިސް އޮފިޝަލުން ވެސް އެއްބަސްވެ އެވެ.
މި ވީޑީއޯ ވައިރަލް ވުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކަށް މިއީ ވަރަށް މަޖާ ކަމަކަށް ވެގެން ތަފާތު ކޮމެންޓުތައް ކޮށްފައިވެއެވެ.

ކޮމެންޓުކުރި އެކަކު ބުނި ގޮތުގައި އުނގަނޑު ފަލަވާ ވަރަކަށް ސިއްހީ ނުރައްކާތައް އިތުރުވާނެކަމަށް ބުނި ނަމަވެސް އެއީ ވަޅަށް ވެއްޓުމުން ސަލާމަތް ވާނެ ކަމެކޭ އެކަކުވެސް މިހާތަނަށް ބުނެފައި ނުވާ ކަމަށެވެ. ދެ ވަނަ އަށް ކޮމެންޓު ކުރި މީހާ ބުނީ އުނަގަނޑު ފަލަ ވުމަކީ ވެސް ބައެއް އިމަޖެންސީ ހާލަތުގައި އެޑްވާންޓޭޖަކަށް ވާކަން އެނގިއްޖެ ކަމަށެވެ.