ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބޮޑު ގްރޫޕެއްގެ ތެރޭގައި ކޮވިޑް ފެތުރޭގޮތް ބަލަން ޕޮޕް ކޮންސަޓެއް

ކޮވިޑް-19ގެ ބޮޑު ވަބާ ދުނިޔެއާ ކުރިމަތިވެފައިވާތާ ދެބައިކުޅަ އެއްބައި އަހަރު ފާއިތުވާއިރު އަދިވެސް ބަލި ފެތުރުން މައިތިރިއެއް ނުކުރެވެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވަހެއް ދުވަހަކަށް ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މިހާރު ގަބޫލުކުރަން ޖެހިފައިވާ އެއް ހަގީގަތަކީ އަހަރެމެން އިންސާނުންނަށް މި ބައްޔާއެކު އުޅެން ދަސްކުރުން ނޫން އެހެން ގޮތެއް މިވަގުތަށް ފެންނަން ނެތް ކަމެވެ. މީގެ މާނައަކީ ވައިރަސް ދުނިޔޭން ފެނުމުގެ ކުރިން އަހަރެމެން އުޅުނު ގޮތަށް ދިރިއުޅުން ބަދަލުކޮށްލަންވީއޭ ހެއްޔެވެ؟ މިސާލަކަށް ކުރީގައި އުޅުނު ގޮތަށް އަހަރެމެންނަށް މިއުޒިކް ކޮންސަޓަކަށް ގޮސް ގިނަ ބަޔަކާ އެކު ލަވަ އަޑުއަހާލަން މިހާރު ތިބެވިދާނެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބު ހޯދަން ޖަރުމަންގެ ސައިންސްވެރިންގެ ޓީމަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި ޖަރުމަނުން މިހާރު ޕޮޕް ކޮންސަޓެއް އެ ގައުމުގައި ބާއްވަން އެބަ މަސައްކަތް ކުރެ އެވެ. މި ކޮންސެޓަށް 4000 މީހުން ވަންނާނެ ކަމަށް ބެލެވެ އެވެ.

މިއީ ސައިންސްވެރިންގެ ދިރާސާއަކަށް އަޖުމަ ބެލުމުގެ ގޮތުން ބާއްވާ ކޮންސަޓެކެވެ. އިންޑޯގައި ބާއްވާ ބޮޑު އެއްވުމަކުން ކޮވިޑް-19 ފެތުރޭ މިންވަރު ދެނެގަތުމަށެވެ. މިއީ މިފަދަ އެއްވުންތަކުން ކޮވިޑް-19 ފެތުރޭ ގޮތް ދެނެގަނެ ފެތުރުން ހުއްޓުވަން ކުރެވިދާނެ ކަންތައްތައް ބެލުމަށް ބާއްވާ ކޮންސެޓެކެވެ. ކޮވިޑް-19ގެ ވަބާ ދުނިޔޭގައި ދެމި އޮތަސް މިފަދަ ކޮންސެޓްތަކަށާއި ގިނަ މީހުން އެއްވެގެން ބާއްވާ ކަންތައްތަކުގައި ރައްކާތެރިކަމާއެކު މީހުންނަށް ބައިވެރިވެވޭނެ ގޮތްތަކެއް ހޯދައިދިނުމަށެވެ.

"ކޮރޯނާވައިރަސް އެކްސްޕެރިމެންޓް"ގެ ބައެއްގެ ގޮތުގައި ބާއްވާ މި ކޮންސެޓް އޮންނާނީ ޖަރުމަނުގެ ސިޓީއެއް ކަމަށްވާ ލިޕްޒިގްގެ އިންޑޯ ސްޓޭޑިއަމްއެއްގައި މިމަހުގެ 22 ވަނަ ދުވަހު އެވެ. މި ކޮންސެޓްގެ ތަރިއަކީ ލަވަކިޔުންތެރިޔާ އަދި ސޯންގް ރައިޓާ ޓިމް ބެންޑްޒްކޯ އެވެ.

އިނގިރޭސި ވިލާތުގެ ގާޑިއަން ނޫހުގައިވާ މި ރިޕޯޓު ބުނާ ގޮތުގައި މި ދިރާސާގައި ބައިވެރިވާން ވޮލަންޓިއާ ކޮށްފައިވާ އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ގިނަ އަދަދެއްގެ މީހުން މި ކޮންސެޓަށް ވައްދަން ސައިންސްވެރިން ދަނީ ތައްޔާރު ވަމުންނެވެ.

"ރިސްޓާޓް-19 ޕްރޮޖެކްޓް"ގެ ނަން ދީފައިވާ މި ކޮންސެޓަށް 999000 ޔޫރޯ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. މި ކޮންސެޓު ބާއްވާ ތަނަށް ވަންނަ ވޮލަންޓިއަރުންގެ އަތުގައި ޓްރެކިން ގެޖެޓް ހުންނާނެ އެވެ. އަދި ފްލޯރަސެންޓް ޑިސްއިންފެކްޓަންޓް ފުޅިތައް ވެސް ހުންނާނެ އެވެ.

މިއީ ކޮންސަޓް އޮންނަ ވަގުތު ވޮލަންޓިއަރުންގެ ހަރަކާތްތައް މޮނިޓާކުރުމަށް އެމީހުންނާ ހަވާލު ކުރާ ތަކެއްޗެވެ. މީގެން ކޮންމެ މީހެއްގެ ހަރަކާތްތައް ހުންނަ ގޮތާއި ދާ ތަންތަން އަދި އަތްލާ ތަންތަން ވެސް މޮނިޓާ ކުރަމުން ގެންދާނެ އެވެ.

އަލިފާން ދަނޑިއެއް ވަރުގެ "ކޮންޓެކްޓް ޓްރޭސާ"އެއް ކޮންމެ މީހެއްގެ ވެސް ކަރުގައި އަޅާފައި އޮންނާނެ އެވެ. މީގެ ސަބަބުން ކޮންމެ ފަސް ސިކުންތަކުން އެމީހުން ތިބޭ ތަން ފާހަގަ ކުރެވެމުން ދާނެ އެވެ. އަދި އޯޑިއަންސްގައި ތިބި އެހެން މީހުންނާ އެމީހުން ކައިރިވާ ވަރެއް ވެސް މޮނިޓާ ކުރެވެން ދާނެ އެވެ.

މި މީހުން އަތަށް ދޭ ޚާއްސަ ޑިސްއިންފެކްޓަންޓް އަކީ ފްލޯރެސެންޓް ހޭންޑް-ސެނިޓައިޒާ އެކެވެ. ކޮންސެޓް ނިމޭ ފަހުން ވެސް ކޮންމެ މީހެއްގެ އަތް ޖެހިފައިވާ ތަންތަން މީގެން މާކް ވެފައި ހުންނާނެ އެވެ. އަދި ޔޫވީ ލައިޓްގެ އެހީގައި ސައިންސްވެރިން އަތްޖެހިފައިވާ ހުރިހާ ތަނެއް ދެނެގަންނާނެ އެވެ.

މި ރިސާޗްގެ ސަބަބުން ކޮވިޑް-19ގެ ބޮޑު އައުޓްބްރޭކެއް އަތުވެދާނެކަމަށް ސައިންސްވެރިން ވަނީ ވިސްނާފަ އެވެ. އަދި އެ ފަދަ ފުރުސަތެއް ތަނަވަސް ނުވާނެ ފަދަ ގޮތަކަށް ރައްކާތެރިކަމުގެ ފިޔަވަޅު ވަނީ އަޅާފަ އެވެ.

މި ކޮންސެޓަށް ދާ ހުރިހާ ވޮލަންޓިއަރުން ވެސް ކޮންސެޓް ބާއްވާ ދުވަހުގެ 48 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެ އެވެ. ޓެސްޓް ނުކުރާ އެއްވެސް މީހަކަށް ކޮންސެޓަކަށް ނުވަދެވޭނެ އެވެ. އަދި އެންމެންނަށް އެކްސްހެލޭޝަން ހަރުކޮށްފައިވާ ފޭސް މާސްކް ފޯރުކޮށްދެވޭނެ އެވެ. އެންމެން ވެސް ތިބޭނީ މާސްކް އަޅައިގެންނެވެ.
މި ޝޯ އިންތިޒާމްކުރާ ފަރާތުން އިންޒާރު ދީފައިވާ ގޮތުގައި ކޮންސެޓުގައި ބައިވެރިވާ އެންމެންގެ ރައްކާތެރިކަމާ މެދު 100 ޕަސެންޓް ގެރެންޓީއެއް ނުދެވޭނެ އެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ބަލި ޖެހުމުގެ ނުރައްކާ ވަރަށް ބޮޑުތަން ކުޑަ ކުރެވޭނެ ކަމުގެ ޔަގީންކަން އޮގަނައިޒަރުންނަށް އެބައޮތެވެ.

މި އެކްސްޕެރިމެންޓްގެ ފުރިހަމަ މައުލޫމާތުތައް އެއް ކުރުމަށްފަހު ރިޕޯޓެއް ތައްޔާރުކޮށް އޮކްޓޯބަރު މަހު ނެރެން ސައިންސްވެރިން ވަނީ ނިންމާފަ އެވެ. މިއީ ކޮންސެޓްތައް ބޭއްވުމަށް ބޭނުންވާ ވަރަށް ގިނަ ފަންނާނުންނަށް ބޭނުންތެރި މައުލޫމާތު ތަކަކަށް ވާނެ އެވެ. އަދި މިފަދަ ކޮންސެޓުތައް މުސްތަގްބަލުގައި ބޭއްވޭނީ ކޮން ގޮތަކަށްތޯ ދެނެގަތުމަށް ވެސް މި ދިރާސާގެ ބޭނުން ހިފޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.