ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"ދުނިޔެއިން ކޮވިޑް ނައްތާލުމަކީ މުސްތަހީލްކަމެއް"

ދުނިޔެއިން ދާއިމަށް ކޮވިޑް ނައްތާލުމަކީ ވުން އެކަށީގެން ނުވާ ކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިޔޫއެޗްއޯ އިން ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނި ގޮތުގައި ކޮވިޑް ނައްތާލަން އެންމެ ބޮޑަށް ދަތިވާ ސަބަބަކީ ތަފާތު އެތައް ގޮތަކަށް މި ބަލި ފެތުރޭތީ އެވެ.

އިންސާނުންގެ ގައިން ޖަނަވާރުންނަށް އަދި ޖަނަވާރުގެ ގައިން އިންސާނުންނަށް ކޮވިޑް އަރާކަން ކަށަވަރު ކުރެވިފައިވާ ކަމަށް ޑަބްލިޔޫއެޗްއޯ އިން ބުނެ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށާއި ނައްތާލުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް މި ސަބަބު ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

ޑަބްލިޔޫއެޗްއޯ އިން ބުނީ ފަރުވާދިނުމަށް ހުރި ޒަމާނީ އީޖާދުތަކުގެ ސަބަބުން ކޮވިޑް ކޮންޓްރޯލްކުރުން އަވަސްކުރެވޭ ކަމަށެވެ. އަދި ބަލީގައި ބޮޑުވަރުވުން ހުއްޓުވައި ފުރާނަ ސަލާމަތްކުރެވޭ ރޭޓު އިތުރުކުރެވޭ ކަމަށެވެ.

ޑަބްލިޔޫއެޗްއޯ އިން ބޭއްވި ސުވާލާއި ޖަވާބު ސެޝަނެއްގައި ހެލްތު އެމެޖެންސީ ޕްރޮގްރާމްގެ ޑައިރެކްޓަރު މައިކަލް ރިޔާން ވިދާޅުވީ ކޮވިޑް ނައްތާލަން އޮތް އެންމެ ބޮޑު ހުރަހަކީ ވައިރަސް އެކި ފަހަރު އެކި ގޮތަށް ބަދަލުވުން ކަމަށެވެ.

ކޮވިޑް ވައިރަހަކީ އެކި ތަންތަނުގައި -- އިންސާނުންގެ ހަށިގަނޑުގައި އަދި ޖަނަވާރުންގެ ހަށިގަނޑުގައި ފިލަން ކުޅަދާނަ ވައިރަހެއް ކަމަށް ވެސް މައިކަލް ރިޔާން ވިދާޅުވި އެވެ.

ރިޔާން ވިދާޅުވި ގޮތުގައި ކޮވިޑަކީ މާބޮޑު ކަމަކަށް ނުހަދައި ފަަރުޖެއްސެއް އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ ފަރުވާދިނުން އަވަސްކުރުމާއި ތަޖުރިބާގެ ބޭނުންހިފުން އެއީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ.

ދުނިޔޭގައި ކޮވިޑް ފެތުރުން ނުހުއްޓުވުނެއް ކަމަކު ރިޔާން ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން ޑަބްލިޔޫއެޗްއޯ އިން އިއުލާންކުރި އެމެޖެންސީގެ ހާލަތު އުވާލީ އެކަމުން ދެން މާބޮޑު އަސަރެއް ނުކުރާނެތީ ކަމަށެވެ.

ރިޔާން ވިދާޅުވި ގޮތުގައި ކޮވިޑަކީ އާންމުންނަށް އޮތް ނުރައްކަލެއް ކަމަށް ޑަބްލިޔޫއެޗްއޯ އިން ދެން ނުބަލާނެ އެވެ. ޑަބްލިޔޫއެޗްއޯ އިން ބަލާނީ ކޮވިޑާ އެކު އުޅެން ދަސްކޮށްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ދުނިޔެއަށް އިއުލާންކުރި ސިއްހީ ނުރައްކަލުގެ ހާލަތު މިދިޔަ ހުކުރު ދުވަހު ޑަބްލިޔޫއެޗްއޯގެ ޑައިރެކްޓަރު ޖެނެރަލް ޓެޑްރޮސް އެދަނޮމް ގެބްރިޔާސުސް ވަނީ އުވާލައްވާފަ އެވެ.

ޑައިރެކްޓަރު ޖެނެރަލް ވިދާޅުވި ގޮތުގައި ކޮވިޑަކީ އަދިވެސް އިންސާނިއްޔަތަށް ނުރައްކަލެެއް ކަމަށް އެ ޖަމާއަތުން ގަބޫލުކުރެ އެވެ.