ޔަހޫދީ ސަރުކާރުން ބުނާ ގޮތުން ޣައްޒާއަށް އެއްގަމު މަގުން އަރައި ޔަހޫދީ އަސްކައިއްޔާއިން މިހާރު ހިންގަމުން ގެންދާ އަނިޔާވެރި އޮޕަރޭޝަންގެ މަގުސަދަކީ ހަމާސް ދުނިޔެއިން ފޮހެލުމެވެ.
ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގައި 16 އަހަރު ހޭދަކުރައްވާފައިވާ ނޯވޭގެ ޑޮކްޓަރު މޭޑްސް ގިލްބާޓް ދެކެވަޑައިގަންނަވާ ގޮތުގައި ޔަހޫދީ ހަމަލާތަކުގެ ފަހަތުގަައި އޮތީ ހަމައެކަނީ ހަމާސް ނައްތާލުމެއް ނޫނެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ޣައްޒާއިން އިންސާނީ ވަސީލަތްތައް ނައްތާލުމަކީ ވެސް ޔަހޫދީންގެ އޮތް ދަހިވެތި ރޭވުމެކެވެ.
އިންސާނީ ވަސީލަތްތައް ނައްތާލުމުގެ ބޭނުމަކީ އިސްނާނީ ބޮޑު ކާރިސާއެއް ކުރިމަތިކުރުން ކަމަށްވެސް ޑޮކްޓަރު ގިލްބާޓް ދެކެވަޑައިގަންނަވަ އެެވެ.
އޭނާ ވިދާޅުވީ މީހުން ހާލުގައި ޖައްސުވައި، މަރައި މުޅި ތަން ހުސްކުރުމަކީ ޔަހޫދީންގެ ސިއްރު އެޖެންޑާއެއްގެ ދަށުން ހިންގަމުން ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
އޮކްޓޯބަރު ހަތްވަނަ ދުވަހު ޔަހޫދީން ފަށައިގަތް ހަމަލާތަކުގައި ޣައްޒާ އަދި ހުޅަނގު ސަރަހާގަައި ހުންނަ ސިއްހީ ފަރުވާދޭ ތަންތަނަށް 100 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރެކޯޑްކޮށްފައިވާ ކަމަށްވެސް ގިލްބާޓް ވިދާޅުވި އެވެ.
އަލް ޝިފާ ހޮސްޕިޓަލުގެ ބިންގަރާހަކީ ހަމާސްގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެ ޔަހޫދީން ފަތުރަމުންދާ ހަބަރުތަކަށް ރައްދުދެއްވައި ޑރ. ގިލްބާޓް ވިދާޅުވީ އަލް ޝިފާ ހޮސްޕިޓަލުގައި އެފަދަ ހަރަކާތްތަކެއް ހިންގާކަށް އޭނާއަށް އެނގިވަަޑައިގެންފައި ނުވާ ކަމަށެވެ.
ޑރ. ގިލްބާޓް ވިދާޅުވީ ހަމާސްގެ އަސްކަރީ އެޖެންޓުން ވަދެ ނިކުމު އުޅޭ ކޮމާންޑް ސެންޓަރެއް ބިންގަރާހުގައި ހުންނަ ކަމަށް ބުނެ ތުންތުންމަތިން ދެކެވޭ ވާހަކައެއް ވެސް އޭނާ އަޑުއައްސަވާފައި ނުވާ ކަމަށެވެ.
ޝިފާ ހޮސްޕިޓަލްގައި ހަމާސްގެ އަސްކަރީ ބިންގަރާހެއް ހުންނަ ކަމަށް ޔަހޫދީން ބުނާ ބުނުން ގިލްބާޓް ވައްތަރުކުރެއްވީ އެމެރިކާއިން އީރާގަށް ބޮން އެޅުމަށް އދގެ ސަލާމަތީ މަޖިލީހުގައި ހެދި ދޮގު ފަދަ ދޮގަކާ އެވެ.
އީރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ އެމެރިކާއިން އދ އަށް އޮޅުވާލުމަށްފަހު އީރާގަށް އަރައިގަތީ އެމެރިކާގެ އަމިއްލަ ބޭނުންތަކެއް ފުއްދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔަހޫދީ ސިފައިން އެއްގަމު މަގުން މިހާރު ޣައްޒާއަށް އަަރައިގެންފައިވާއިރު އަލް ޝިފާ ހޮސްޕިޓަލަށް ވަދެގަތުމަކީ ކޮށްފާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ދޮގު ބަހަނާތަކެއް ކުރިއާލައި ފެތުރުމުގެ ބޭނުމަކީ ސިއްހީ ފަރުވާދޭ ތަންތަނަށް ވަދެގަތުމަށް ކަމަށްވެސް ގިލްބާޓް ގަބޫލުކުރައްވަ އެވެ.
ޔަހޫދީންގެ ހަމަލާތަކުން ފަލަސްތީންގެ ބަޔަކު ސަލާމަތްވި ނަމަވެސް، އިންސާނީ ވަސީލަތެއް އަދި ކާނެ ބޯނެ އެއްޗެއް ނެތް ހާލަތުގައި އެ މީހުން ބަނޑަށް މަރުވުން އެކަށީގެންވާ ކަމަށްވެސް ޑރ. ގިލްބާޓް ވިދާޅުވި އެވެ.