ޣައްޒާގައި ޕޯލިއޯ ފެތުރޭތީ ވެކްސިން ދިނުމަށްޓަކައި ހަނގުރާމަ ހުއްޓާލަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުން ވެކްސިން ދިނުމަށް ވެސް ހުޅުވާލެވޭނީ އިންސާނީ އެހިތެރިކަމަށް ހުޅުވާލެވޭ ފުރުސަތުތަކެކެވެ. ވެކްސިން ދޭ އޮފިޝަލުން ވެސް ބޭނުންހިފަން ޖެހޭނީ މި ފުރުސަތު ކަމަށް ވިދާޅުވި އެވެ.
ވެކްސިން ދިނުމަށް ހާއްސަ ވަކި ކަމެއް ކުރުމެއް ނޯންނާނެ ކަމަށް ނަތަންޔާހުގެ އޮފީހުން ބުންޏެވެ. ނަމަވެސް ވެކްސިން ދިނުމަށް އާންމު ތަންތަނަށް މީހުންނަށް ޖަމާވެވޭނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.
ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުން ވެކްސިން ދިނުމަށް ކޮންމެ ދުވަހަކުވެސް ދެވޭނީ ވަކި ފުރުސަތެކެވެ. މި ގޮތުން ހުއްދަ ދެވޭ ގަޑިތަކުގައި -- ހުއްދަދީފައި އޮންނަ މަރުކަޒަކަށް ޖަމާވެ ވެކްސިން ދިނުމުގައި ނުރައްކަލެއް ނޯންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޣައްޒާގައި ޕޯލިއޯ ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ. ޕޯލިއޯ ވެކްސިން ދިނުމަށް އެހިތެރިކަން ފޯރުކޮށްދެނީ ޕޯލިއޯ ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށްވެސް ބަޔާނުގައިވެ އެވެ.
ސަރަހައްދީ ބައްޔެއް ގޮތުގައި ޕޯލިއޯ ފެތުރުމަކީ އިޒުރޭލަށްވެސް އޮތް ނުރައްކަލެއް ކަމަށް ވަނީ ބުނެފަ އެވެ. މިހެން ކަން އޮތުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް އެއްބާރުލުން ދޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ޣައްޒާގައި ޕޯލިއޯ އަލުން ފެތުރެން ފަށާފައި މިވަނީ މި ބަލި ނައްތާލެވިފައިވާތާ 25 އަހަރު ފަހުންނެވެ.
މި ބަލި ފެތުރެން ފެށިކަން އެނގުނީ 10 އަހަރުގެ ކުއްޖަކަށް ޕޯލިއޯ ޖެހިއްޖެކަން ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން އިއުލާންކުރުމާ ގުޅިގެންނެވެ.
މި އިއުލާނާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ކުދިންނަށް ވެކްސިން ދެވޭނެ ގޮތެއް ތަނަވަސްކޮށްދިނުމަށް އިޒުރޭލުގެ ކިބައިން އެދިފަ އެވެ.
ޕޯލިއޯ ޖެހިފައި އިތުރު ކުދިން ތިބިތޯ ބަލާނެ ގޮތެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށް ކުރިން އޮތީ ބުނެފަ އެވެ. އަދި ކުދިންނަށް ވެކްސިން ދިނުމަށް މަގުފަހިކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށްވެސް އޮތީ ބުނެފަ އެވެ.