ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގެ އަދަދު 5500 އަށް، މިއަދު 78 ޕޮޒިޓިވް

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 78 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 74 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަދި އަނެއް ހަތަރު މީހުންނަކީ އަތޮޅުތެރޭގެ ރަށަކުން ބަލި ޖެހުނު މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 46 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ނޭޕަލް މީހަކާއި ލަންކާގެ ދެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5,572 އަރާފައެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 90 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 3،010 އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2540 މީހުންނެވެ. ކޮވިޑްގައި 22 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވީ ރޭގެ ވަގުތެއްގައެވެ. އެޗްޕީއޭއިން ބުނީ ރޭ 1:45 ގައި މަރުވެފައިވަނީ އުމުރުން 61 އަހަރުގެ އަންހެނެއް ކަމަށެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

އިތުރު މީހަކު މަރުވި އިރު ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. މިހާރު ވެސް އައިސޮލޭޝަނާއި ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 150 މީހަކު ހޮސްޕިޓަލްތަކުގައި އެބަތިއްބެވެ.

ކޮވިޑްގެ ބަލި މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުން އެޑްމިޓް ކުރަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުުރުން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) އެވެ. އެ ހޮސްޕިޓަލްގެ ދެ ފްލޯއެއް ވަނީ ކޮވިޑަށް ހާއްސަކޮށްފަ އެވެ. އެގޮތުން ޑީއެޗްގެ 11 ވަނަ ބުރީގައި ތިބެނީ ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުނެވެ. އެ ފްލޯގައި ގާއިމްކޮށްފައި ވަނީ އައިސީޔޫއެކެވެ. ޑީއެޗްގެ 16 ވަނަ ބުރީގައި ތިބެނީ ކޮވިޑްޖެހޭ މާބަނޑު މީހުނެވެ.

އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ތިބީ އައިސީޔޫގަ އެވެ. އޭގެ ތެރެއިން ހަތް މީހަކު ހުޅުމާލޭ މެޑިކަލް ފެސިލީޓީގެ އައިސީޔޫގަ އެވެ. ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ޑީއެޗްގެ އައިސީޔޫގައިވެސް ދެ މީހަކު އެބަތިއްބެވެ.