ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 90 މީހަކު ރަނގަޅު ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 90 މީހަކު ކޮވިޑް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުންނާއެކު ރާއްޖޭގެ އަަދަދު ވަނީ 3،010 އަށް އަރާފައެވެ.
ކޮވިޑް ޖެހުނު 90 މީހުން މިއަދު ރަނގަޅުވީނަމަވެސް އިތުރު 78 މީހަކަށް ކޮވިޑް ޖެހިފައިވެއެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 74 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށެވެ. އަދި އަނެއް ހަތަރު މީހުންނަކީ އަތޮޅުތެރޭގެ ރަށަކުން ބަލި ޖެހުނު މީހުންނެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 46 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ނޭޕަލް މީހަކާއި ލަންކާގެ ދެ މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5,572 އަރާފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2540 މީހުންނެވެ. ކޮވިޑްގައި 22 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވީ ރޭގެ ވަގުތެއްގައެވެ. އެޗްޕީއޭއިން ބުނީ ރޭ 1:45 ގައި މަރުވެފައިވަނީ އުމުރުން 61 އަހަރުގެ އަންހެނެއް ކަމަށެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.