ލައިފްސްޓައިލް

އޮންލައިން ކްލާސްތަކުގައި ކުދިންގެ ހާލަކީ މީ!

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން އެންމެން ގޭގޭގައި ބަންދު ވެގެން ތިބެން ޖެހިފައިވާތީ ކުދިންނަށް ސްކޫލަށް ދެވޭނެ ގޮތެއް ނެތި އޮންލައިން ކްލާސްތަކުގައި ބައިވެރިވާން ވަނީ މަޖުބޫރުވެފަ އެވެ. ނަމަވެސް ގިނަ ވަގުތު ތަކެއްގައި ވީޑިއޯ މެދުވެރިކޮށް ކިޔެވުމަކީ ގިނަ ކުދިންނަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. ޚާއްސަކޮށް މިގޮތަށް ތިބޭއިރު ފިލާވަޅު ސަމާލުކަން ދީގެން ގިނަ އިރު ވަންދެން ތިބެން ވަރަށް ގިނަ ކުދިންނަށް އުނދަގޫވެ އެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ މިފަދަ ކުއްޖެއްގެ ފޮޓޯއެކެވެ. އުމުރުން ފަސް އަހަރުގެ މި ކުއްޖާ އޮންލައިން ކްލާހުގައި އިންދާ ނިދިގެން ގޮނޑިމަތީގައި އޮތް މަންޒަރެވެ. މި ކުއްޖާގެ ފޮޓޯ ނަގާފައި ވަނީ އޭނާގެ މަންމަ ކާރާ މެކްޑޯވެލް އެވެ. ކުއްޖާ އަށް ނިދިފައި އޮތްއިރު ލެޕްޓޮޕްގެ ސްކްރީނުން އެ ކުއްޖާގެ ޓީޗަރު ފެންނަން ހުއްޓެވެ.

މި ފޮޓޯ ބަލާފައި ވަރަށް ވަރުގަދަ ބަހުސެއް މިހާރު ސޯޝަލް މިޑިއާގައި އެކި މީހުން ވަނީ ކުރަން ފަށާފަ އެވެ. އޮންލައިންކޮށް ކިޔަވައިދިނުމުގައި މައިންބަފައިންނާއި ކުދިންނަށް ކުރިމަތިވާ ތަފާތު މައްސަލަތަކާ ގުޅޭ ބަހުސެވެ.

ދަރިފުޅު ނިދާފައި އޮއްވާ ނަގާފައިވާ ފޮޓޯއަށް ފަހު މެކްޑޯވެލް ވަނީ އޭނާގެ ދަރިފުޅު އޮންލައިން ކްލާހުގައި ޝައުގުވެރިކަމާއެކު ޓީޗަރު ކިޔައިދޭ އެއްޗެހި އަޑުއަހަން އިންދާ ވެސް ފޮޓޯއެއް ނަގާފަ އެވެ.

މެކްޑޯވެލް ބުނި ގޮތުގައި ޓީޗަރުންނަށް ވެސް އޮންލައިން ކްލާސްތައް ނަގައިދިނުމުގައި ވަރަށް ގިނަ މައްސަލަތައް ދިމާވެ އެވެ. ނަމަވެސް ބައެއް ޓީޗަރުން ކްލާސްތައް ގެންދަނީ ކުދިން ވަރަށް ޝައުގުވެރިވާނެ ގޮތްގޮތް ހޯދައިގެންނެވެ. އޭނާގެ ދަރިފުޅަށް މި ފަހަރު ޓީޗަރު ކިޔަވައިދޭ ގޮތް ކަމުދާތީ އޭނާ ވަރަށް ގަޔާވެގެން ކްލާހުގައި ބައިވެރިވަނީ ކަމަށް މެކްޑޯވަލް ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގައި ކުރަމުންދާ މި ބަހުސްގައި ވަރަށް ގިނަ ބަޔަކު އެ މީހަކަށް ފެންނަ އެއްޗެއް ބުނެފައި ވެއެވެ. އަދި ޒޫމް ކްލާސްތަކުގައި އެމީހުންގެ ދަރިންނަށް ވެސް ކުރެވޭ މިފަދަ ގިނަ ތަޖުރިބާތަކެއް މީހުން ދަނީ ހިއްސާ ކުރަމުންނެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި ޚަބަރުގައި މިވާ ކުއްޖާ ފަދަ ކިންދަގާޓެން ކުދިންނަށް މާ ގިނަ ވަގުތު އޮންލައިން ކްލާސްތައް ނަގައިދިނުމަކީ އެކުދިންނަށް މާ ބުރަ ބޮޑުވާނެ ކަމެކެވެ.