ލައިފްސްޓައިލް

އެންމެ ހިމަ އުނަގަނޑުގައި 13.7 އިންޗި

މިޔަންމާގެ 23 އަހަރުގެ ސުއި ނައިންގް ބުނާ ގޮތުގައި އޭނާގެ އުނަގަނޑުގައި ހުންނަނީ އެންމެ 13.7 އިންޗި އެވެ. އެހެންކަމަށް ވާނަމަ ސުއި އަކީ ދުނިޔޭގައި ހުރި އެންމެ އުނަގަނޑު ހިމަ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަން ޔަގީނެވެ. އުނަގަނޑު ހިމަ ކުރަން ސުއި ވަކި މަސައްކަތެއް ނުކުރެ އެވެ. އެންމެ ކުރިއްސުރެ ވެސް އޭނާ ހުންނަނީ ވަރަށް ހިކިކޮށް ކަމަށް ސުއި ބުންޏެވެ.

އިންސްޓަގްރާމްގައި ސުއި އޭނާގެ ފޮޓޯތައް ޝެއާ ކުރުމުން އޭނާ އެ ފޮޓޯތައް އެޑިޓްކޮށްފައިވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އަދި އުނަގަނޑު ހިމަ ކުރަން ބައެއް ކަހަލަ ސާޖަރީތައް ހަދާފައިވާ ކަމަށް ވެސް އޭނާ އަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.

ނަމަވެސް މި ވާހަކަތައް ސުއި ދޮގު ކުރެ އެވެ. އަދި ހިކިކޮށް ހުންނަން ނުކައި ނުހުންނަ ކަމަށާއި ސިއްހަތަށް ފައިދާހުރި ކާނާ އާދަކޮށް ކައިއުޅޭކަމަށް މި ޒުވާނާ ބުންޏެވެ. އަދި އޭނާގެ ހިމަ އުނަގަނޑަކީ ޖެނެޓިކް ގޮތުން ވާރުތަ ވެފައިވާ އެއްޗެއް ކަމަށް ސުއި ސިފަ ކުރެ އެވެ.

ގިނިކްސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް ބުނާ ގޮތުން މި ވަގުތު ދުނިޔޭގައި ހުރި އެންމެ އުނަގަނޑު ހިމަ މީހަކީ އިނގިރޭސި ވިލާތުގެ އީތެލް ގްރެންގާ އެވެ. އީތެލްގެ އުނަގަނޑުގައި ހުންނަނީ 13 އިންޗި އެވެ. ނަމަވެސް އީތެލް އަށް ހިމަ އުނގަނޑެއް ލިބިފައިވަނީ ވަރަށް ތަފާތު ޓްރެއިންތައް ހަދައިގެން އުނަގަނޑު ހިމަ ކުރަން ގިނަ މަސައްކަތް ތަކެއް ކޮށްގެންނެވެ. އަދި އުނަގަނޑު ހިމަ ކުރަން އޭނާ ކޯސެޓް އެއް ވެސް ގަވާއިދުން އަޅައިގެން އުޅޭ ކަމަށް ވެއެވެ.

މިގޮތަށް އުނަގަނޑު އާދަޔާ ޚިލާފަށް ހިމަ ކަން ފާހަގަ ކުރެވިފައިވާ އެހެން ގިނަ މީހުން އުޅެނީ އުނަގަނޑު ހިމަކޮށް ބެހެއްޓުމަށް މައިބަދައިގެ ކަށިގަނޑު ސާޖަރީ ހަދައިގެން ނަގައިގެންނެވެ. ސުއިގެ ފޮޓޯތައް ބަލާފައި އަދިވެސް ގިނަ ބަޔަކަށް އޭނާގެ އުނަގަނޑު ހަގީގަތުގައި މިހާ ހިމަ ވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ގިނަ މީހުން ބުނަނީ އޭނާ ފޮޓޯތައް އެޑިޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ވާހަކަ އޭނާ ދޮގު ކުރެ އެވެ.