ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 198 މީހަކު ރަނގަޅު ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 198 މީހަކު ކޮވިޑް ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 3،208 އަށް އަރާފައެވެ. މިއީ މިފަހުން އެންމެ ގިނަ ބަޔަކު ރަނގަޅުވީ ދުވަހެވެ.
ކޮވިޑް ޖެހުނު 198 މީހަކު މިއަދު ރަނގަޅުވި ނަމަވެސް އިތުރު 107 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 73 ދިވެހިން ހިމެނެ އެވެ. ދެން ތިބީ ބަންގްލަދޭޝްގެ 29 މީހަކާއި އިންޑިއާގެ ތިން މީހަކާއި ފިލިޕީންސް މީހަކާއި ސްރީ ލަންކާގެ މީހެކެވެ. މިއަދު ޕޮޒިޓިވްވި އެ މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5,679 އަރާފަ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2449 މީހުންނެވެ. ކޮވިޑްގައި 22 މީހަކު ވަނީ މަރުވެފަ އެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވީ އިއްޔެ ރޭގެ ވަގުތެއްގަ އެވެ. ރޭ 1:45 ގައި މަރުވެފައިވަނީ އުމުރުން 61 އަހަރުގެ އަންހެނެކެވެ.
އަތޮޅުތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް މި ބަލި ފެނުނު ރަށްތަކަކީ، އައްޑޫސިޓީގެ ފޭދޫ އާއި ހިތަދޫ، ފުވައްމުލަކު ސިޓީ އާއި ބ. އޭދަފުއްޓާއި އެ އަތޮޅު ކަމަދޫ އާއި ކުޑަރިކިލާއި ކ. މާފުއްޓާއި ތުލުސްދޫ އާއި ހއ. ފިއްލަދޫ އާއި ދިއްދޫ އާއި ހއ. އިހަވަންދޫ އާއި ހދ. ނައިވާދޫ އާއި ގއ. މާމެންދޫ އާއި ރ. ހުޅުދުއްފާރު ފ. ނިލަންދޫ އަދި ވ. ފުލިދޫ އެވެ. މީގެ އިތުރުން ބައެއް ރިސޯޓުތަކުން ވެސް ވަނީ މި ބަލި ފެނިފަ އެވެ.