ލައިފްސްޓައިލް

އިސްތަށި ފައިބަނީތަ؟ ކެއުން ތަފާތު ކޮށްލާ!

އިސްތަށި ފައިބަން މެދުވެރި ވެދާނެ ސަބަބުތައް ވަރަށް ގިނަ އެވެ. މިސާލަކަށް އެއީ ހަށިގަނޑަށް އަންނަ ބައޮލޮޖިކަލް ބަދަލަކަށް ވެސް ވެދާނެ އެވެ. ކެއުމުގައި އެކަށީގެންވާ ވަރަށް ނިއުޓްރިއަންޓްސް ނުހިމެނޭތީ ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. އަދި އިސްތަށިގަނޑު ޚާއްސަކޮށް ބޮލުގެ ނާށިގަނޑު އެކަށީގެންވާ ގޮތެއްގައި ސާފު ނުކުރެވޭތީ ވެސް މި މައްސަލަ ދިމާވެ އެވެ. އިސްތަށި ފައިބާނަމަ އެންމެ އިސްކަން ދޭން ޖެހޭނީ ކާ ކެއުމަށް ބަދަލެއް ގެނައުމަށެވެ.

އިސްތައްޓަށް އެންމެ މުހިއްމު އެއް މާއްދާއަކީ ޕްރޮޓީނެވެ. ޕްރޮޓީންއަކީ އިސްތަށިތަކުގެ ބިލްޑިން ބްލޮކްސް އެވެ. އެހެންކަމުން ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ޕްރޮޓީން ލިބުމަކީ އިސްތަށިގަނޑުގެ ސިއްހަތަށް ވަރަށް ބޭނުންތެރި ކަމެކެވެ. އިސްތަށިގަނޑު ވަރުގަދަޔަށް ހެދުމާއި ސިއްހަތު ރަނގަޅުވުމަށް ޕްރޮޓީންގެ ދައުރު ބޮޑެވެ.

ޕްރޮޓީން ހޯދަން ކާނީ ކޮން ކޮން އެއްޗިއްސެއް ހެއްޔެވެ؟ ޕްރޮޓީން ލިބޭނެ އެންމެ ބަރާބަރު އަދި ހޯދަން އެންމެ ފަސޭހަ އެއްޗަކީ ބިހެވެ. ބިހަކީ ޕްރޮޓީނުން މުއްސަނދި ވެފައިވާ ކާނާ އެކެވެ. ބިހުގެ އިތުރުން ތޮޅީގެ ބާވަތްތަކާއި ކިރުން އުފައްދާފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކިރު، ޔޯގަޓް އަދި ޗީޒް ބޭނުން ކުރުމުން ޕްރޮޓީން ލިބޭނެ އެވެ.

ދެން އެންމެ މުހިއްމު އެއްޗަކީ ދަގަނޑުގެ ބައި ނުވަތަ އަޔަން އެވެ. އަޔަން އަކީ ޕްރޮޓީން އާ އެއްވަރަށް މުހިއްމު އެއްޗެކެވެ. ސަބަބަކީ ސެލްތަކަށް އޮކްސިޖަން ފޯރުކޮށްދޭ ވަސީލަތަކީ އަޔަން ކަމަށް ވާތީ އެވެ. އަޔަންގެ ބައި މަދުވުމުން ލޭ މަދުވެ އިސްތަށި ފައިބާނެ އެވެ.
ހަށިގަނޑަށް އަޔަން ލިބޭނެ ކާނާ ތަކުގެ ތެރޭގައި ބޯވެލިފަތް ނުވަތަ ސްޕިނެޗް އަކީ ކެއުން އެންމެ ރަނގަޅު އެކައްޗެވެ. ސްޕިނެޗްގެ އިތުރުން މުގުގެ ބާވަތްތައް، އޮއިސްޓާ، ރެޑް މީޓް އަދި އާފަލު ކެއުމުން ހީވެސް ނުކުރާ ވަރުގެ ފައިދާ ހަށިގަނޑަށް ޚާއްސަކޮށް އިސްތަށިގަނޑަށް ކުރާނެ އެވެ.

ވިޓަމިން ސީ އަކީ ވެސް އިސްތަށިގަނޑަށް ވަރަށް މުހިއްމު މާއްދާ އެކެވެ. އަހަރެމެންގެ އިސްތަށިގަނޑުގައި ފްރީ ރެޑިކަލްސް ހުރުމުން އިސްތަށިގަނޑު ހެދުމަށް ހުރަސް އެޅެ އެވެ. އަދި އިސްތަށިތަކުގެ ބުޑުތައް ހަލާކުވެ އެވެ. ވިޓަމިން ސީ އަކީ އެންޓި އޮކްސިޑަންޓް އަކަށް ވާތީ ވިޓަމިން ސީ ލިބުމުން އިސްތަށިތަކުގެ ސްޓްރެސް ފިލާނެ އެވެ. އަދި ހުރިހާ ވިހަ ބައިތައް ނައްތާލާނެ އެވެ. އަދި ނުރަވުން ވެސް ދުރުވާނެ އެވެ.

ވިޓަމިން ސީ ލިބޭ ކާނާ ތަކުގެ ތެރޭގައި ހުތް މޭވާގެ ތެރެއިން އޮރެންޖް، ލުނބޯ، ޓޮމާޓޯ ހިމެނެ އެވެ. އަދި ފޭރާއި ފަޅޯ އަދި ސްޓްރޯބެރީ އަކީ ވެސް ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާ އެވެ. ކޮންމެ ދުވަހެއްގެ ވެސް ކެއުމުގައި މީގެން ކޮންމެވެސް ބާވަތެއް ހިމެނޭތޯ ޔަގީން ކުރާށެވެ. ދެން އޮތީ އޮމެގާ 3 ފެޓީ އެސިޑްސް އެވެ. މިއީ އިސްތަށިގަނޑު ބޯވެ ވަރުގަދަ ވުމަށް ވަރަށް މުހިއްމު އެއްޗެކެވެ. އޮމެގާ 3 ލިބޭނަމަ އިސްތަށިގަނޑަށް ފާޑުފާޑުގެ ބަލިތައް ޖެހި ބަލިކައްޓެއް ނުވާނެ އެވެ.

އޮމެގާ 3 ލިބޭނެ އެންމެ ރަނގަޅު ވަސީލަތަކީ އެކި ވައްތަރުގެ މަހެވެ. މަހުގެ އިތުރުން ނަޓްސްގެ ތެރޭގައި ހިމެނޭ އާމަންޑް، ވޯލްނަޓްސް ކާނަމަ މި މާއްދާ ފުރިހަމައަށް ހަށިގަނޑަށް ލިބެމުން ދާނެ އެވެ. ފްލެކްސީޑްސް އަކީ ވެސް އޮމެގާ 3 ގިނައިން އެކުލެވޭ އެއްޗެކެވެ. ފްލެކްސީޑްސް ހަނާކޮށްގެން ހަވީރު ސަޔެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެވެ.

ބައޯޓިން އަކީ ވެސް އިސްތަށިގަނޑުގެ ސިއްހަތަށް މުހިއްމު އެއްޗެކެވެ. ސަބަބަކީ އެމިނޯ އެސިޑްސް އުފައްދާލެއް އިތުރުވާނީ ބައޮޓީންގެ ސަބަބުން ކަމަށް ވާތީ އެވެ. ބައޮޓިން ލިބޭ ކާނާގެ ތެރޭގައި ކުކުޅުބިހުގެ ގޮބޮޅި، އެވަކާޑޯ، އާމަންޑް، ކޯލިފްލާވާ، މަޝްރޫމްސް އަދި ކައްޓަލަ ހިމެނެ އެވެ.

މި ހުރިހާ މާއްދާތަކެއް އެކުލެވޭ ކާ އެއްޗެހި ކޮންމެ ދުވަހަކު ކާނީ ކިހިނެއް ބާއޭ ބައެއް މީހުން ހިތަށް އަރާފާނެ އެވެ. މި ހުރިހާ ބާވަތްތައް ކޮންމެ ދުވަހަކުވެސް ކާން އެންމެ ފަސޭހަ ވާނީ އެކި ގަޑިއަށް އެކި އެއްޗެހި ކާ ގޮތަކަށް ރާވާލައިގެންނެވެ.

މިސާލަކަށް ހެނދުނު ސަޔަށް އޮރެންޖް ޖޫސް ނުވަތަ ޓޮމާޓޯ ޖޫސް ތައްޓެއް ބޯލާށެވެ. އާއްމުކޮށް ހެނދުނު ސަޔަށް ބޭނުންކުރާ އެއްޗިއްސާ އެކުގަ އެވެ. އެއީ ބްރައުންޑް ބްރެޑް ފޮއްޗަކާ ޗީޒް ކޮޅަކާ ބިސް ގަނޑަކާ ކަމަށް ވިޔަސް އެއޮތީ ވަރަށް ބޮޑު ބައި ކަވަރު ކުރެވިފަ އެވެ.
މެންދުރު ކެއުމުގައި ކުކުޅު، ސްޕިނެޗް، އަދި މުގާއި މަޝްރޫމް ފަދަ އެއްޗެއް ތައްޔާރުކޮށްލެވި ސައިޑް ޑިޝް އެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެވެ. ޔޯގަޓް އަކީ ވެސް މެންދުރުކެއުމުގައި ހިމެނިދާނެ ރަނގަޅު ކެއުމެކެވެ.

ހަވީރު ސަޔަށް ތެޔޮ ހެދިކާތަކުގެ ބަދަލުގައި އެކި ކަހަލަ އޮށް ހަނާ ކޮށްގެން ކެވިދާނެ އެވެ. އަދި އާމަންޑް ކަހަލަ ބަދަނުގެ ބާވަތެއް ހަނާ ކޮށްލައިގެން ކާ ލެވިދާނެ އެވެ. އާފަލެއް ފަޅޯފޮއްޗެއް ފަދަ އެއްޗެއް ވެސް ހަވިރު ސަޔަކަށް ހަމަ ވަރަށް ރަނގަޅުވާނެ އެވެ.
ދެން އޮތީ ރޭގަނޑު ކެއުމެވެ. ރޭގަނޑުގެ ކެއުން ވީހާވެސް ލުއިކޮށްލާށެވެ. ތަރުކާރީކޮޅެއް ފެނުކައްކާލައިގެން ކާލާފައި ނިދުމުގެ ކުރިން ކިރުތައްޓެއް ބޯލިޔަސް އެއޮތީ އެ ދުވަހަކަށް ބޭނުންވާ ހުރިހާ ބައިތަކެއް ހަށިގަނޑަށް ހަމަ ކުރެވިފަ އެވެ.