ވާހަކަ

ލޯބިން ބުނެލަން

(15 އޯގަސްޓް 2020 އާ ގުޅޭ)

"ޔާދިން ވެސް އަހަންނާ ގުޅޭކަށް ބޭނުމެއްނުވޭހެން ހީވަނީ. ތި ޢާއިލާއަށް އެއްވެސް ކަމެއް އަންގަން ބޭނުންނުވާނީ އެހެންވެއެއްނު. ކައިވެނިކުރަން ބޭނުމޭ ކިޔަނީ... ޢާއިލާއަށް ނޭނގިތަ ކައިވެނި ވެސް ކުރަނީ... ނޫނީ ދުވަސްކޮޅަކު މިހެން އުޅެލާފައި އަހަންނާ ވަކިވެގެން ދާން ދޯ ގަސްދުކުރަނީ." ފިޒާނާ ގަސްދުގައި ޔާދިންގެ ހިތުގައި ހިފައި ލަތްކެއްޖެހި ފަދައެވެ. އޭނާދެކެ ޔާދިން ހަޤީޤީ ލޯބިވާކަން އެނގިއެނގި ހުރެއެވެ.

"ފިޒާ އިތުބާރެއްނުކުރަންތަ؟." ޔާދިންއަށް އަހާލެވުނެވެ.

"އޭނާއެއްނު ޢާއިލާ ކައިރީ ފުރަތަމަ އެބުނީ. ޔާދު އަބަދުވެސް ހުރޭ ދެވަނަ މީހާއަށްވާން... ލައިތު ބޭނުންކޮށްފަ ދޭ އެއްޗެއްގެ ބޭނުންނޫނީ ޔާދުއަކަށް ނުހިފޭނެ. ނިކަން ކެރޭ މީހަކަށްވެބަލަ... އަހަރެމެން ކައިވެނިކޮށްގެން ވެސް އުޅޭނީ ލައިތުގެ ފައިފުއްސަކަށްވެގެން ދޯ. ހުރިހާކަމެއް ނިންމުގެ ބާރު އޮތްމީހަކީ އެއީ... ތި ޢާއިލާ ވެސް އޭނާގެ އިނގިލީގެ އިޝާރާތަށް ނަޝަނީ. ޔާދުއަށް ކަމެއްކުރެވޭތަ؟. މިކަހަލަ ވާހަކަދެއްކީމަ ނުބައިވާނީ އަހަރެން. މިހާ ދުވަސްވީއިރު އެއްފަހަރު ވެސް ލައިތުގެ ކުރިއަށް ޔާދުއަށް އެރިއްޖެތަ؟." ދެ ލޯ ފުހެލާ ފިޒާނާ ވާހަކަދެއްކި ގޮތުން ހީވަނީ ނުރުހުނީ ހެންނެވެ.

"ފިޒާ ހީކުރާހާ ސިމްޕަލް ކަމެއްނޫންމީ، ޢާއިލާގެ މަޞްލަޙަތު ގެއްލުނަ ނުދީ ހުރިހާކަމެއް ކުރަން އަހަރެން ގަސްދުކުރަނީ." ފިޒާނާއާ ނަޒަރު ވަކިކޮށްލައި ދެކަކުލުގައި އަތްއަޅުވާލައި ޔާދިން ގުދުވެލިއެވެ. އިސްއޮބާލައި ތަޅުމުގައި އޮތް ރަގަށް ނަޒަރު ހުއްޓާލި ގޮތުން ޔާދިންގެ ސިކުނޑީގައި ޚިޔާލުތަކެއް ހިނގަމުން ދާކަން ޔަގީނެވެ.

"ތިހެން ވިސްނައިގެން މިހާދުވަހު ކުރިއެއްނުލިބުނެއްނު. އަސަދުބެ އެ ލައިތު ގެނައީ ކޮންތާކުންކަމެއް ވެސް އެނގެނީއެއްނޫން. ގެނައި ގޮތަށް އެ ބޭންދީ ތަޚުތުގަ." ފިޒާނާ ބުންޏެވެ.

"އޯކޭ ދެޓްސް އިނަފް." ޔާދިން ބުނެލިއެވެ. އަދި ފިޒާނާ ގާތުން ސޯފާއިން ތެދުވިގޮތަށް އޭނާ ހިނގައިގަތީ ސިޓިންރޫމު ތެރެއިން މަގުމައްޗަށްވާގޮތަށް ހުރި ބެލްކަންޏަށް ނުކުންނާށެވެ. ދެބުމަކައިރިވެލައި ނިތްކުރިއަށް ރޫޖެހިލާފައި ހުރިހުރުމުން ޔާދިންގެ ބޮލުގައި ރިހުމެއް އުފެދިފައިވާކަން ގައިމެވެ.

"ލައިތުގެ ބިޓު ކުރިމަތީ އަހަރެން ފަޟީޙަތްވުން ނޫންކަމެއް ނުވި. މީތަ ޔާދިންގެ މޮޅު ޕްލޭނަކީ؟. ޔަގީން އޭނާ ގޮސް ލައިތު ކައިރީ ހުރިހާ އެއްޗެކޭ ކިޔާނެ... އަނެއްފަހަރު ލައިތުއާ އަހަރެން ކުރިމަތިލާންވީތަ؟." ޔާދިންގެ ފަހަތުން ފިޒާނާ ވާހަކަދައްކަމުން އައެވެ.

"މިވީގޮތުން އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން ކެންޒާއާއި ލައިތު ގުޅޭކަށް." ފިޒާނާގެ ހިތުގައި ހަޤީޤީ އެޖެންޑާ ސިއްރުވެފައި އޮތެވެ. ކެންޒާއަކީ ލައިތު ރައްޓެހިވެގެން އުޅޭ ކުއްޖާކަން ޔާދިން ކިޔާދިންފަހުން ފިޒާނާއަށް ނޭވާލާން ވެސް ދަތިވެފައިވާ ކަހަލައެވެ. ބޭނުންވެގެން އުޅޭ ގޮތް ނުވަނީސް ފިޒާނާއަށް ފުރުޞަތު ގެއްލެމުންދަނީކަމުގައި އިޙްސާސް ކުރެވުނެވެ. މުސްތަޤުބަލަށް ރޭވި ރޭވުންތައް ހޮޅިއަށްވެ ނިމެނީބާއޭ ހިތަށް އަރަނީއެވެ.

* * * * *

"އޭނާއާ ބައްދަލުވިނަމަ އަހަންނަށް ހީވަނީ އޭނާގެ ގޮތް ހިސާބަކަށް މިހާރު ޕެންޑާއަށް އެނގޭނެހެން. އޭނާ އެ އުޅެނީ މަށާ ހިތާނުވެވިގެން، އޭރުވެސް އޭނާދެކެ ފޫހިވޭ، އަދި މިހާރު ވަކިން ބޮޑަށް... ފަރުޒީން އާންޓީ ކައިރިއަށް އަހަރެން ފޮނުވާލީ އެ މައްސަލައިގަ. އަހަރެން އޭނާ ރޭޕްކުރިއްޔޭ ކިޔައިގެން، އެއީ ވަރަށް މަކަރު އަންހެނެއް، ޓީނޭޖްއިރުގަ ވެސް އޭނާ ހާދަ ކުރީގައޭ އުޅުނީ..." ލައިތު ފޫހިގޮތަކަށް ދެފަރާތަށް ބޯހޫރާލިއެވެ.

"އޭނާއާ ކްލޯޒްއެއްނުވަމޭތަ ތިބުނަނީ؟." ކެންޒާ އަހާލިއެވެ.

"އޭނާއާ ކައިރިވާނެތަ؟. ޕެންޑާ ތިހީކުރާ އެއްވެސް ކަމެއް އަހަރެމެން ދެމެދުގައި ނުހިނގާ. އޭނާ މިގޭ މީހުންނަށް ސިއްރުން އަހަރެންގެ ކޮޓަރިއަށް ވަންނަން ފެށީ. ފަނަރު އަހަރުވީއިރު އަހަރެން ހުރީ ކޮޓަރި ތަޅުލައިގެން އުޅެން އާދަވެފައެއް. އެކަމަކު ފަހުން ކޮޓަރިތަޅުލަން މަޖުބޫރުވީ އެ އަންހެނާއާ ހެދި. އަހަރެންގެ ކަންފަތް އަޑުއަހަން އާދަވެފައިނެތް ވިޔާނުދާ ވާހަކަތައް ވެސް ދައްކަނީ. އަހަރެންނަށް މިގެއަކީ މުޅިން އާ މާޙައުލެއް، މިގޭ މީހުންގެ ހުންނަ އަބުއިކަމާއި، މުޅިގެއަށް ވެރިވެފައި އޮންނަ ފަޅުކަން އަހަންނަށް އެއްގޮތަކަށް ވެސް ކަމަކުނުދިޔަ. ޔާދިން ވާހަކަނުދައްކާތީ، އޭނާއާއެކު ޖިއާން ވެސް ހުންނާނީ ދުރުގަ ބަލަން. ފަރުޒީން އާންޓީ އިނދެގެން އުޅުނީ ސިންގަޕޫރު މީހަކާ، ޑިވޯސްއަށްފަހު މޫވްކުރަން ބޭނުންވީމަ އެ ޢާއިލާއާއެކު އަހަރެން ވެސް ބޭރަށް ބަދަލުވީ. ކިޔެވުމުގައި ދެން އުޅެވުނީ... މިކޮޅަށް އައުމުގެ ޚިޔާލެއް ވެސް ނުކުރަން. ފިޒާނާއަށް ވީގޮތެއް ވެސް ނޭނގުނު. މާމައާއި ބައްޕައާ ދެމީހުން ވެގެން ކުރިކަމެއްކުރީ. އެއީ ނުބައި އަންހެނެއް، ޔާދުއަށް ވިސްނޭނެނަމައޭ ހިތަށް އަރާ. އަހަރެން މިގެއިން އެއްވެސް އެއްޗެއް ބޭނުމެއްނޫން. މުދަލާއި ފައިސާގައި ދިރިއުޅުން ވޭތުކުރާވަރަށްވުރެ ސާދާ ދިރިއުޅުމެއް އަހަރެން އަބަދުވެސް ދުށީ." ލައިތު ފުންނޭވާއެއް ލިއެވެ. ގާތުގައި އިން ކެންޒާ އިހުނަށްވުރެ ވެސް ގާތްކޮށްލައިފިއެވެ.

"އައި ލަވް ޔޫ..." ކެންޒާގެ ކަންފަތުގައި ތުންފަތް ޖެހޭހާ ކައިރިކޮށްލަމުން ލައިތު ބުންޏެވެ.

"އަހަރެން ވަރަށް ލޯބިވޭ." ލައިތުގެ ހިތުގެ ހިނގުން އިޙްސާސްވާހާ ގާތުގައި އިން ކެންޒާ މަޑުމަޑުން ބުނެލިއެވެ.

"ތެންކިއު..." ލައިތު ބުންޏެވެ.

"ކޮންކަމަކާ؟."

"އެމީހުން ދެއްކި ވާހަކަ ޤަބޫލުކުރުމުގެ ކުރީން އަހަރެން ގާތު އެހީމަ. އެކަމަކު ދެން ނުވާނެ ޔާދިންއާ ބައްދަލުކޮށްގެން. އޭނާ ބުނާ އެއްވެސްކަމެއްނުކުރާތި. އޭނާ ވާހަކައެއް ދައްކައިފިއްޔާ އަހަރެން ކައިރީ ބުނަންވާނެ. އޭނާ އަހަރެމެން ދެމެދަށް ވަންނަން މަސައްކަތްކުރާނެކަން އެނގޭ. ސޯ ބީ ކެއާފުލް." ލައިތު ބޭނުންވާގޮތް ހާމަކުރިއެވެ.

އިރު އޮއްސި އަނދިރިކަން ވެރިވެއްޖެއެވެ. ހާމަފެންޑާގެ ބޮކިތައް ދިއްލުމުގެ ވިސްނުމެއް ލައިތުގެ ނެތް ކަހަލައެވެ. އޭނާ ކެންޒާ ގާތްކޮށްލައިގެން އިނީ އެންމެ އިންޗިއެއް ވެސް ދޫދޭން ބޭނުންނުވާ ފަދައަކުންނެވެ. ލައިތުގެ ލާނެތް ބީހުންތައް އިޙްސާސް ކުރެވެން ފެށުމުން ހީލިއަރައިގެން ކެންޒާއަށް ހީނގަނެވެއެވެ. އެކަންވީ ލައިތު ގަޔާވި ހަރަކާތަކަށެވެ. ލައިތުގެ ތުންފަތް ކެންޒާ ކުއްލިއަކަށް ގައިދުކޮށްލީ އެފަދަ ޢަމަލެއް ފެނިދާނޭކަމުގައި ހީނުކޮށް އިންދައެވެ. ތެމިގެންދިޔަ ދެތުންފަތް މިނިވަންވެލި ހިނދު ލައިތުގެ ލުއި ހީނލުމުގެ އަޑު ހާމަފެންޑާއަށް ފެތުރިއްޖެއެވެ.

"ގިލިގިކޮށްޓާލާއިރަށް މިކަހަލަ ސަޕްރައިޒް ލިބެންޏާ ކިހިނެއް މަޑުން އިންނާނީ." ހިނިއައިސްފައި ލައިތު ބުންޏެވެ.

"ދެން އެހެން ނަހަދަބާ ޕްލީޒް... ހުވާ، ވަރުބަލިވެއްޖެ..." ހީނހީނ ނޭވާކުރުވެފައި އިންހެން ކެންޒާ ބުނެލީ ލައިތުގެ ދެއަތުގައި ހިފަހައްޓަމުންނެވެ.

"ވަރުބަލިވާވަރުކަމެއް އަދި ނުކުރަމެންނު..." ލާނެތްކަމާއެކު ކެންޒާގެ އަތްތިލަ ނަގައި ލައިތު ދަތްއަޅާލިއެވެ.

"އައުޗް... ތަދުވެއްޖޭ!..." އަތްދަމައިގަންނަމުން ކެންޒާ ބުންޏެވެ.

"ފެމެލީ ޓްރިޕެއްގެ ވާހަކަ އެބަދައްކާ، އަހަރެން ބޭނުން ޕެންޑާ ގެންދަން." ލައިތު ބުންޏެވެ.

"މިކަހަލަ ވަގުތެއްގައިތަ؟."

"މިވަގުތު ގޯހީތަ؟."

"ލައިރާ އެހާ ދެރަވެފަ ހުއްޓާތަ ދަނީ، އޭނާ އަހަރެން ކައިރީ ބުނި ޑިވޯސްވާން އުޅޭކަން." ކެންޒާގެ ހިނިތުންވުން ފަނޑުވެ ގެއްލިއްޖެއެވެ.

"ދޮންގެ ކަންތައްތަކުގެ ތެރެއަށް ޕެންޑާ ވަނުން ރަނގަޅުކަމަކަށް އަހަންނަށް ނުފެނޭ." ވަގުތުކޮޅަކަށް ހިމޭނުން އިނދެފައި ލައިތު ބުންޏެވެ.

"ކީއްވެ؟. ފުރަތަމަ ފަހަރަށް އަހަންނަށް ޖަޖްކުރުމެއްނެތި ކެއާކުރާ ފްރެންޑަކަށް ލިބުނީ ލައި، މިއަދު އޭނާ ވެސް އެކުވެރިއެއްގެ އެއްބާރުލުން ބޭނުންވާނެ. ލައިގެ އަހަރެންނޫން ރަޙުމަތްތެރިއަކުނެތް. އޭނާ އަހަރެމެންގެ ގުޅުމާމެދު ހުރީ ވަރަށް އުފަލުން. ލައިތުއާ ގުޅުވާ ދެރަބެއް ނުބުނޭ. އޭގެ ބަދަލުގައި ލައިތުގެ ރަނގަޅުކަން އަހަންނަށް ބުނެދިން." ކެންޒާގެ ވާހަކަތަކާ ދެކޮޅު ހެދުން ރަނގަޅުކަމަކަށް ލައިތަކަށް ނުފެނުނެވެ. އެކަމަކު ހަޤީޤަތް ހާމަކުރާކަށް ވެސް އޭނާއަކަށް ނުކެރުނެވެ.

"ދޮންއަށް ވެސް ރަނގަޅުވާނޭހެން ހީވަނީ އަބަދު ގޭގަ އެގޮތަށް އިނުމަށްވުރެ ފެމެލީ އިވެންޓެއްގައި ބައިވެރިވެލުން." ލައިތު ބުންޏެވެ.

ޢާއިލާކަމެއްގައި ކެންޒާ ބައިވެރިވާން އަވަސްކަމުގައި އޭނާ ބުންޏެވެ. ލައިތު އެގޮތް ޤަބޫލެއްނުކުރިއެވެ. ޢާއިލާ ގާތު އޭނާއާއި ކެންޒާގެ ދެމެދުގައި އޮތް ގުޅުން ހާމަކުރުމާއެކު ލައިތުއޭ އެއްފަދައިން ޢާއިލާގެ ކަންކަމުގައި ބައިވެރިވުމުގެ ހައްޤު ކެންޒާއަށް ވެސް ލިބިގެންވާކަން ހާމަކުރިއެވެ. ވާހަކައިގައި އިނދެފައި ލައިތުގެ އަތުގައި ހިފާލައި އަތުކުރީ އޮތް ގަޑި ކެންޒާ ބަލާލިއެވެ. އޭނާ ބަދިގެއަށް ދާންޖެހޭ ގަޑި ޖެހިއްޖެކަން އެނގި އަވަހަށް ތެދުވިއެވެ. އޭނާ ފޮނުވާލަން ބޭނުންނުވެގެން ލައިތު ބަހަނާދެއްކިއެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކުރުމަށްފަހު އޭނާ ލައިތުއަށް ޓަކައި ވަގުތު ހުސްކުރާނެކަން ބުންޏެވެ. ކެންޒާގެ އަތުގައި ހިފާލައިގެން ހާމަފެންޑާއިން ފައިބަން ދިއުމުގެ ކުރީން އޭނާ ކެންޒާގެ ތުންފަތުގައި ބޮސްދީފިއެވެ. ލޯބިވެޔޭ އަލުން ބުނެލިއެވެ.

* * * * *

ހަފްތާއެއް ފާއިތުވެ ދިޔައިރު ވަރީގެ ފޯމު ހުށަހަޅައި ކޯޓަށް ދާންވީ ދުވަސް ލައިރާއަށް އަންގައިފިއެވެ. އޭނާ ހިތާމަކުރާތީ ނުފެނުނަސް ދަރިފުޅުގެ ހާލު އެންމެ ރަނގަޅަށް އެނގެނީ ސަރަފީނާއަށެވެ. އިލިއާނާއާއި ޒުބިން ބައްދަލުކުރުން ރަނގަޅުކަމަކަށް ނުފެންނާނޭތީ އެކަން ހުއްޓުވާލަން ސަރަފީނާ ޚިޔާލު ފާޅުކުރިއެވެ. އެހެންނަމަވެސް ދަރިފުޅުގެ ރުއިމަށް ބީރުކަންފަތެއް ދޭނޭ ހިތްވަރެއް ނެތީ ލައިރާގެއެވެ. ޒުބިންއާއެކު ހޭދަކުރެވޭ ވަގުތު މަދުވުމާއެކު ގެއަށް ނިދަން ނާންނަކަން ވެސް އިލިއާނާއަށް ފާހަގަވެ އެކަމުގެ ޝަކުވާ ލައިރާއާ ކުރިއެވެ.

"ނިދިފަ އޮތީ..." އިލިއާނާ އުރާލައިގެން ޕޯޓިކޯ ކުރިމަތީ މަޑުކޮށްލައިގެން ހުރި ޒުބިން ބުންޏެވެ.

"ކޮޓަރިއާ ހަމައަށް ގެނެސްދޭންވީނު." ލައިރާ އެދުނެވެ.

"ލައި... މިހާރު ރަނގަޅެއްނުވާނެ އަހަރެން މިގެއަށް ވަނުން. އިލީ ވަރަށް ރޮއެފަ އެ ނިދުނީ. އަހަރެން މިގޭގައި ލައިއާއެކު ނޫޅޭނެކަން ބުނީމަ. އިލީ ކުޑަޔަސް މިހާރު ވެސް އެކުއްޖާއަށް އެކަންކަން އެނގެންވާނެ... އަހަރެމެން ވަކިވަނީކަން ބުނެދެން އަހަރެން ބޭނުންވަނީ." ޒުބިންގެ އަޑުއަހަން ލައިރާ ހުރީ ބަހެއްނުބުނެއެވެ. ދެން ގޭތެރެއަށް ވަންނަން ހުރި ހަތަރު ހަރުފަތުގެ ސިޑިކޮޅުން ތިރިއަށް ފައިބައިގެން އައިސް ޒުބިންގެ ކޮނޑުމަތީ ބޯއަޅާލައިގެން ނިދިފައި އޮތް ދަރިފުޅު ލައިރާ އުރާލައިފިއެވެ.

"ލައި..." ލައިރާ ދާން އުޅުމުން ޒުބިންއަށް ގޮވާލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެންނަމަވެސް ލައިރާ ހުއްޓުމުން އޭނާއަށް މާބޮޑު އެއްޗެކޭ ނުބުނެވުނެވެ. ހިތުގައި އޮތް ސުވާލުތައް ކުރަނިކޮށް ލައިރާއާ ދުރަށް ނުދެވިދާނޭ ޒުބިންއަށް ހީވަނީއެވެ.

"ދަނީ... ޔޫ ޓޭކް ކެއާ. އިލީ މާބޮޑަށް ރޮންޏާ އަހަންނާ ގުޅިޔަސް އޯކޭ." ވަކިވުމުގެ ކުރީން ޒުބިން ބުންޏެވެ.

"ދުވަސްކޮޅަކުން އިލީ ހަމައަކަށް އެޅިދާނެ. ޒުބިން އަހަރެމެންނާމެދު ދެން ނުވިސްނާ." އިލިއާނާ އުރާލައިގެން ހުރެ ލައިރާ ސިޑިން އަރައިގެން ގޮސް އެތެރެއަށް ވަދެއްޖެއެވެ.

"ލައި ދެރަވެގެން އުޅޭހެން ހީވަނީ. އަހަރެން ކައިރީ ދައްކާ ވާހަކައާ ލައިގެ ފުށުން ފެންނަ ޢަމަލުތައް އެއްގޮތަކަށް ވެސް ނުގުޅޭ، މިހިސާބަށް އައިއިރު އަހަރެން ލައިއަށް އެއްވެސް ކަމެއް އޮޅުވައެއްނުލަން. ލައި... ލައި އަހަރެންދެކެ ލޯބިވޭތަ؟. އަހަންނާ ވަކިވާން ބޭނުންނުވާ ވާހަކައެއް ނުބުނޭ." ދޮރޯދިމާއަށް އިރުކޮޅަކު ބަލަން ހުރެފައި ޒުބިން އެނބުރިލީ އެގެއިން ނުކުންނާށެވެ.

އެލެވޭޓާގެ ދޮރު ހުޅުވުމުން ނުކުތުމުގެ ބަދަލުގައި ލައިތު ދޮރުގައި ހިފެހެއްޓިއެވެ. ކުރިމަތީ ހުރި ލައިރާއަށް ރޮވިފައި ހުރިހެން ހީވިއެވެ. އެލެވޭޓާ ތެރެއަށް ލައިރާ ވަނުމުން އިލިއާނާ އުރާލައި ލައިރާގެ އެޕާޓްމެންޓާ ހަމައަށް ގެންގޮސްދޭން ލައިތު ނިންމިއެވެ. ނަމަވެސް ދަރިފުޅުގެ ގައިގާ ބައްދާލައިގެން ހުރުމުން ލައިރާއަށް ހިތްވަރު ލިބެއެވެ. ލައިތުގެ އަތަށް އިލިއާނާ ނުދިނީ އެހެންވެއެވެ. އެހެންވިޔަސް ލައިރާއާއެކު އޭނާގެ އެޕާޓްމެންޓަށް ލައިތު އައެވެ.

އިލިއާނާގެ ކޮޓަރީގައި ބާއްވާފައި ލައިރާ ނުކުތް އިރު ކުރިން އެމޫނުގައިވި އަސަރުތައް ފިލާ ހިނގައްޖެއެވެ. ލައިތު މަޑުކޮށްލައިގެން ހުރިގޮތް ފެނުމުން ހައިރާންވިއެވެ.

"އަންހެންކުދީންގެ ހުރިހާ ޕްރޮބްލެމްއަކަށް އޮތް ހައްލެއްމީ." އަތުގައި އޮތް އައިސްކްރީމް ތަށްޓާއި ސަމްސަލެއް ދިއްކޮށްލަމުން ލައިތު ބުންޏެވެ. ލައިރާގެ ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.

"ތީ ކެންޒާ ބުނި އެއްޗެއް ދޯ." ވަގުތުން ލައިރާ އަހާލިއެވެ. ރަކިވެފައި ހުރެ ލައިތު ބޯޖަހާލިއެވެ. ލައިރާ އައިސްކްރީމްތަށީގައި ހިފުމާއެކު އަނެއްއަތުން ލައިތުގެ މުލައްދަނޑީގައި ހިފާލިއެވެ. އަދި ލައިރާއާއެކު ލައިތު ވެސް އައިސް ސޯފާގައި އިށީނެވެ.

"ކެންއަކީ ވަރަށް ނައިސް ކުއްޖެއް، އަހަރެންގެ ސްޓަބާން ބްރޯގެ ތިހޮވުން ވަރަށް ބަރާބަރު." އައިސްކްރީމް ތަށްޓަށް ސަމްސާ ކޮށްޕާލައި ލައިތުގެ ކޮނޑުގައި ޖެހިލައިގެން އިނދެ ލައިރާ ވާހަކަދެއްކިއެވެ.

"އައި ނޯ ދެޓް." ލައިތު ބުންޏެވެ.

"ލައިތު ކައިވެނިކުރަން ވިސްނާހެން ދޮންއަށް ހީވޭ." ލައިރާއަށް ހީވުމަށްވުރެ ޔަގީންވެފައި އޮތްކަމެކެވެ. ލައިތު ލައްވާލީ ހޫންއެކެވެ.

"ކޮންއިރަކުން؟. އެހާ ލަސްނުކުރައްޗޭ..." ލައިރާ ބުންޏެވެ.

"ކެން ގްރެޖުއޭޓްވީމަ ޕްރޮޕޯސް ކުރަންކަމަށް." ލައިތު ޚިޔާލުކޮށްފައި އޮތްގޮތް ބުންޏެވެ. އޭނާވަނީ ވަރަށް ދުރަށް ވިސްނާފައެވެ. ކެންޒާއާއެކު މުސްތަޤުބަލް ރާވައިފައެވެ.

"ވަރަށް ލޯބިވޭ ދޯ..." ލައިރާ ސަމާސާގެ ރާގުގައި ބުންޏެވެ. އަދި ލައިތުގެ ކޮނޑުގައި ކޮނޑު ޖައްސާ ކޮށްޕާލިއެވެ. މިފަހަރު ވެސް ލައިތު ލައްވާލީ ހޫންއެކެވެ.

"އެއްވެސް ކަމެއް ސިއްރުނުކުރައްޗޭ... ފަހުން ބުނަން ހުއްޓާ މާލަސްވެދާނެ. އޭރުން އޮންނާނީ ލޯބިވާ މީހާއާ އަބަދަށް ވަކިވާންޖެހިފައި. އަހަރެން ބޭނުމެއްނޫން ތި ދެމީހުން ވަކިވާކަށް." އިރުކޮޅަކު އައިސްކްރީމް ސަމްސަލަކަށްފަހު ސަމްސަލެއް ކެއުމުގައި ހިމޭނުން އިނދެފައި ލައިރާ ވާހަކަދެއްކިއެވެ.

"ޑޯންޓްވޮރީ... ވީ އާ ފައިން." ލައިތު ޔަގީންކަން ދިނެވެ.

"ދޮން ޕްލޭންކުރަނީ ކިހިނެއް؟." ލައިތު އަހާލިއެވެ.

"އަދި ނޭނގެ. ހިތަށް އަރާ ފުރައިގެން ދާން ވެސް... އެކަމަކު ވަކިގޮތެއް އަދި ނުނިންމަން. އިލީއާ މެދު ވިސްނެނީ." ލައިތުގެ ކިނޑުގައި ލައިރާ ބޯއަޅާލިއެވެ.

"ބޭބީ އެޖަސްޓްވާނެ. މިގޭގައި ބޭބީއާއެކު އުޅޭނެ މީހުން މަދެއްނޫން. އަހަރެން ވެސް މިހުރީނު. ބޭބީއަށް ކަމެއް ބޭނުންވެއްޖެނަމަ އަހަރެން ކައިރީ ބުނޭ. ދޮން މާ ބޮޑަށް ފިކުރުނުކުރޭ. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ. ޒުބިންއަށް ހިޔެއްނުވޭ އޭނާ ބޭނުންވާ ކަންތައް ހާސިލުވާނޭހެން. ކޮންމެކަމެއް ވެސް ވާނީ ރަނގަޅަށް." ލައިތުގެ ހިތުގެ ޝުޢޫރު ބޭރުކޮށްލިއެވެ. ލައިރާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. ޢާއިލާގެ ކަންތައްތަކުގައި އެންމެ ދުރުން އުޅޭ މީހަކީ ލައިތެވެ. އެކަމަކު ލައިތު ޔަގީންކަން އެދެނީ ލައިރާއާއި އިލިއާނާ އެކަނިވިޔަ ނުދީ އެމީހުންގެ ޒިންމާގައި އޭނާ ބައިވެރިވާނޭކަމެވެ. އެ ކޮއްކޮގެ ބަހަށް ލައިރާ އިތުރުބާރުކުރެއެވެ. އޭނާއަކީ މާނައެއްނެތް ބޭކާރު ވާހަކަ ދައްކާނޭ ޒުވާނެއްނޫންކަން ލައިރާއަށް އެނގޭތީއެވެ.

* * * * *

އަސަދާއި ސަރަފީނާ އިނީ ފަތާފެންގަނޑު ކައިރީ ހައްދާފައި އޮތް ކުޑަކުޑަ ބަގީޗާގައި ހުރި މޭޒުދޮށުގައެވެ. އެމީހުންނާއެކު ކަސްތޫރީއާއި ފަރުޒީން ވެސް އިނެވެ. ހަވީރުގެ ސައިގަޑިއަކީ ހުރިހާ ކުދީން ބައިވެރިވާ ގަޑިއެއް ނޫނެވެ. އެހެންވިޔަސް ގޭގެ އިސް މެންބަރުން ބައިވެރިވެއެވެ. އެމީހުންގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ ވަގުތެއް ވެސް މެއެވެ.

ބިއްދޮށްފަރާތަށް ނުކުތް ޔާދިން ފެނުމުން ސަރަފީނާ އަހާލީ ސައިހަދައިދޭންވީތޯއެވެ. އޭނާ ބޯހޫރާލުމަށްފަހު އެންމެން ތިބި މޭޒު ކައިރީގައި ހުއްޓުނެވެ. އެންމެންގެ މޫނަށް ބަލާލަމުން ވާހަކައެއް ދައްކަން ބޭނުންވާކަން ހާމަކުރިއެވެ. އަސަދު ބޯޖަހާލި ގޮތުން ބުނާށޭކަން އެބުނީ ޔާދިންއަށް އެނގުނެވެ. މަޑުކުރުމެއްނެތި ޔާދިން ހާމަކުރީ ކުންފުނީގެ ލައިތުގެ މަޤާމު އޭނައަށް ދިނުމަށެވެ. ނޫނީ އޭނާ ބޭނުންވާ މީހަކާ އިނުމުގެ ހުއްދަ ދިނުމަށެވެ. އެހިނދު މޭޒުދޮށުގައި ތިބި އެންމެންނަށް އެކަކުއަނެކަކަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ.

(ނުނިމޭ)