ރިޕޯޓް

ގެސްޓްހައުސްތައް ހުޅުވާ ތާރީހު ނޭނގި ވާނުވާގައި!

ރާއްޖޭގެ ޓޫރިޒަމްގައި ގެސްޓްހައުސް "ބާރުގަދަ" ކުރަން ފެށީ މީގެ 10 އަހަރު ކުރިން ފެށިގެންނެވެ. ހަމައެކަނި ލަގްޒަރީ މަތީ ފަންތީގެ އަގު ބޮޑުކޮށް އޮތް ޓޫރިޒަމަށް އައި މި ޕްރޮޑަކްޓް ވީ ގިނަ ބަޔަކަށް އެފޯޑް ކުރެވޭ ހިދުމަތަކަށެވެ. އެހެންވެ ދުނިޔޭގެ އެކި ކަންކޮޅުތަކުން "ބަޖެޓް ޓްރެވަލާސް" ދަތުރު ކުރަން ފެށި އެވެ. ނަތީޖާއަކަށްވީ މި ވިޔަފާރި ފުޅާވެގެން ދިއުމެވެ. މިދިޔަ އަހަރާ ހަމައަށް ރާއްޖޭގައި 600 ގެސްޓްހައުސްއެއް ހުއްޓެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލާއާފާތް ލައްވާލުމާއެކު މި ވިޔަފާރިއަށް ހީނަރުކަން އައިސް ހުރިހާ ގެސްޓްހައުސް ތަކެއް ބަންދު ކުރިއެވެ. މިއާއެކު ރަށްރަށުގެ އިގްތިސޯދު ހީނަރުވާން ފެށި އެވެ. ނަމަވެސް ޖުލައި 15 ގައި ބޯޑަރު ހުޅުވުމާއެކު އުންމީދުއާވި އެވެ.

ރިސޯޓުތައް ހުޅުވުމަށް ފަހު އަލުން ގެސްޓްހައުސްތައް ހުޅުވޭނެ ތާރީހެއް ކަމަށް ސަރުކާރުން ބުނި ތާރީހަކީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19 ބަލީގެ ދެވަނަ ރާޅު ރާއްޖެއަށް ލައްވާލުމާއެކު ތާރީހަށް ބަދަލުއަ އެވެ. އެހެންވެ، މިހާރު އޮތީ ގެސްޓްހައުސް ހުޅުވޭނެ ތާރީހެއް ނޭނގުމެއްގެ ތެރޭގަ އެވެ. މިހާރު މި ވިޔަފާރިވެރިންގެ ސުވާލަކީވެސް އެއީ އެވެ. މި އަހަރު އެ ވިޔަފާރީ ދެން ފެށޭނެ ހެއްޔެވެ؟

"ގެސްޓްހައުސްތައް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު ނުހުޅުވިއްޖެނަމަ ވަރަށް ބޮޑެތި ގެއްލުން ތަކެއް ވާނެ. މީގެ ސަބަބުން މި ވިޔަފާރީގެ ބޮޑު ބައެއް ބަނގުރޫޓުވެ، ނެތި ދިއުމުގެ ފުރުސަތު އެބައޮތް. މިކަމާޖެހޭ ވިސްނަން ސަރުކާރުން،" ވ. އަތޮޅު ތިނަދޫގައި ގެސްޓްހައުސްއެއް ހިންގާ ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.

ގެސްޓްހައުސް ކުރިން ހުޅުވަން ބުނި މި މަހުގެ އެއްވަނަ ދުވަހު ނުހުޅުވުމާއެކު، ޓޫރިޒަމް މިނިސްޓްރީން އޭރު ބުނަމުން އައީ މި މަހުގެ 15 ގައި ރިވިއުކުރުމަށް ފަހު ތާރީހެއް ދޭނެ އެވެ. ނަމަވެސް މިމަހުގެ 15 ފަހަނަ އަޅައި ދިޔައިރު ވެސް މީގެ ތާރީހެއް ދެވޭ ގޮތެއް ނުވި އެވެ. އެހެންވެ ގެސްޓްހައުސް ވިޔަފާރިވެރިންގެ ބޮޑު ބައެއް ތިބީ މާޔޫސްކަމުގަ އެވެ. އެ މީހުންގެ ޝަކުވާއަކީ އަވަހަށް ހުޅުވުމާއި ލަހުން ހުޅުވުމެއް ނޫނެވެ. ޝަކުވާއަކީ ހުޅުވާނެ ތާރީހެއް ނުލިބުމެވެ. ގެސްޓްހައުސްތަކުގެ ހައްގުގައި ވަކާލާތު ކުރާ ޖަމިއްޔާ ގޭމް އިން ބުނެފައިވާ ގޮތުގައި ތިން މަސް ތެރޭ މި ދާއިރާއަށް ލިބުނު ގެއްލުން 30 މިލިއަން ޑޮލަރާ ގާތް ކުރާނެ އެވެ.

"އެކި ގައުމުތަކުން މީހުން މައުލޫމާތު ސާފު ކުރޭ، އަންނަން ބޭނުންވާ ކަމަށް ބުނެ. އެކަމަކު އަޅުގަނޑުމެންނަށް ދެވޭނެ ޖަވާބެއް ނޭނގެ. ތާރީހު އެނގިގެން ދެވޭނެ ޖަވާބެއް އެނގޭނީ،" އއ. އުކުޅަސް ގެސްޓްހައުސްއެއްގެ ވެރިއަކު ވިދާޅުވި އެވެ.

ރިވިއުކުރަން ބުނި ތާރީހު ހިނގައްޖެ

ތޮއްޑޫގައި ގެސްޓްހައުސް ވިޔަފާރި ކުރާ މީހަކު ބުނި ގޮތުގައި ގިނަ ކަންތައްތައް މެނޭޖު ނުކުރެވިގެން އުޅޭތަން ފެންނަމުންދެ އެވެ.

"ސަރުކާރުން ކުރިން ބުނީ 15 ގައި ރިވިއުކޮށްފަ ޖަވާބެއް ދޭނެ ކަމަށް. އެކަމަކު މިހާރު މިއީ 16 އަދިވެސް ވާގޮތެއް ނޭނގެ. މި ތިބެން ޖެހެނީ ވާނުވާގައި. މިއަށްވުރެ ރަނގަޅަށް މިކަންތައް ކުރެވެންވާނެހެން ހީވަނީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ރަށްރަށް މުޅިން އެއްކޮށް ގެސްޓްހައުސް ވިޔަފާރި އަށް ބުރަވެފައި ނެތްނަމަވެސް، ކ. މާފުއްޓަކީ އެފަދަ ރަށެވެ. އެ ރަށުގެ ވިޔަފާރީގެ ބޮޑުބައެއް ބަރޯސާވެފައި ވަނީ މި ވިޔަފާރީގެ މައްޗަށެވެ. ރަށުގައި ދައުރުވާ ފައިސާގެ ބޮޑުބަޔަކީ މި ވިޔަފާރިން އުފެދޭ ފައިސާ އެވެ. ރަށުގެ ފިހާރަތަކާއި އާއްމުންގެ އަތްމަތި ތިޔާގިވުން ބިނާވަނީ މި ވިޔަފާރި އޮންނާނެ ގޮތެއްގެ މައްޗަށެވެ.

މާފުށީގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ކުރާ އެއް ވިޔަފާރިވެރިޔާ ކަމަށްވާ ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ސީއީއޯ އަބްދުﷲ ނާޝިދު ވިދާޅުވި ގޮތުގައި ގެސްޓްހައުސްތައް ހުޅުވޭނެ ތާރީހެއް ނޭނގޭނަމަ މަސައްކަތް ފަށާނެ ހިސާބެއް ވެސް ނޭނގޭނެ އެވެ.

"ހުޅުވާނީ ސެޕްޓެމްބަރު ނޫނީ އޮކްޓޫބަރު ނޫނީ ނޮވެމްބަރުގައި ވިއަސް ބޭނުންވަނީ، ތާރީހެއް. މިހާރު މިގޮތަށް އޮތީމަ ބުކިން ހަދަން ނޫނީ ބުކިން ނަގަން ވެސް ނޭނގިފައި މިތިބެނީ. ތާރީހު އެނގިގެން މަސައްކަތް ކުރެވޭނީ،" ނާޝިދު ވިދާޅުވި އެވެ.

ހުޅުވާނީ ސެޕްޓެމްބަރު ނޫނީ އޮކްޓޫބަރު ނޫނީ ނޮވެމްބަރުގައި ވިއަސް ބޭނުންވަނީ، ތާރީހެއް. މިހާރު މިގޮތަށް އޮތުމުން ބުކިން ހަދަން ނޫނީ ބުކިން ނަގަން ވެސް ނޭނގިފައި މިތިބެނީ
އަބްދުﷲ ނަޝީދު | ކާނި ހޮޓެލްސްގެ ސީއީއޯ

އޭނާ ވިދާޅުވި ގޮތުގައި އަންނަ މަހުގެ އެއްވަނަ ދުވަހަށް ބަލްގޭރިއާ އިން 30 މީހުންގެ ބުކިންއެއް ލިބިފައިވެ އެވެ. ނަމަވެސް އެ މީހުންނަށް ދޭނެ ޖަވާބެއް ނޭނގެ އެވެ.

"ހުޅުވާނަމަ އެކެއްގައި އެ މީހުން ބަލްގޭރިއާއިން އަންނަން ބޭނުންވޭ އެކަމަކު އާދެވޭނީ ވެސް ތާރީހެއް އެނގިގެން. ތާރީހު ނޭނގޭނަމަ ބުނާނެ އެއްޗެއް ނޭނގޭނެ. އެހެންވެ ހުޅުވާނެ ތާރީހެއް މުހިންމު ވަނީ،" ނާޝިދު ވިދާޅުވި އެވެ.

ރާއްޖޭގައި 600 އެއްހާ ގެސްޓްހައުސް ހުރިއިރު، އެނދުގެ އަދަދު ވެސް 12،000 އަށްވުރެ ގިނަ އެވެ.

ހުޅުމާލޭގައި ގެސްޓްހައުސް ވިޔަފާރި ކުރާއިރު، އެ ރަށުގެ ގެސްޓްހައުސްތަކުގެ ބޮޑުބައެއް އަދާކުރާ ދައުރަކީ ޓްރާންސިޓް ހޮޓެލް އެއްގެ ދައުރެވެ. ރާއްޖެ އަންނަ ގެސްޓް މީހާ ރިސޯޓަށް ދިއުމުގެ ކުރިން ގެސްޓްހައުސް އެކްސްޕީއަންސް ކޮށްލަން ގިނަ ބަޔަކު މަޑު ކުރެ އެވެ.

ހުޅުމާލޭގެ މަޝްހޫރު ގެސްޓްހައުސްއެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި ގެސްޓްހައުސް ވިޔަފާރި ކުރިއަށް ގެންދަން ބޭނުންނަމަ ހުޅުވާނެ ތާރީހެއް މުހިންމު ވެއެވެ.

"ރިސޯޓުތައް ވެސް ހުޅުވާނެ ތާރީހެއް ކަނޑައެޅި ވަގުތު އޮވެގެން. އޭރުން އެއަށް މަސައްކަތް ކުރަން އެނގޭނީ،"

ޔޫއައި ހޮޓެލްސްގެ ވެރިޔާ، އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ކުރީގެ ރައީސް އަހުމަދު ނާސިހު ވިދާޅުވި ގޮތުގައި ތާރީހެއް ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން އޭނާ އަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ގެސްޓްހައުސްގެ ދައުރު ބޮޑެވެ. ރިސޯޓުތަކެކޭ އެއްގޮތަށް މި ވިޔަފާރި ވެސް ފެށޭނެ ތާރީހެއްގެ ބޭނުން ބޮޑެވެ. ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކުރެވޭނެ ތާރީހެއްގެ ލަފާ ކުރުން ސަރުކާރުން ގެންގުޅޭއިރު މިފަދަ ބޮޑު އިންޑަސްޓްރީގެ ހުޅުވޭނެ ތާރީހެއް ވެސް ދުރާލާ އެނގެން ޖެހެ އެވެ. އެހެންނޫންނަމަ މިހާރު ރައްޔިތުން ތިބި ހާލު ކުރި އަށް ވުރެ ވެސް ގޯސް ވުމުގެ ފުރުސަތު ބޮޑެވެ.