ގެސްޓް ހައުސްތައް

އެތެރޭގެ އިގްތިސޯދަށް ހިންގަން ފަޅި ސިކުންތެއް!

Jul 18, 2021
1

މިދިޔަ އަހަރުގެ މާޗުގައި ރާއްޖޭން ކޮވިޑް ބަލި ފެނުމުން އިގްތިސޯދީ ހިންގުން އެފުށް މި ފުށަށް ޖެހުނެވެ. މި ބަލިން ދަތުރުފަތުރަށް ބުރޫއަރައި ގެއްލުންވުމުން މުޅި އިގްތިސޯދަށް ވެސް "ބަލިމަޑުކަމެއް" ކުރިމަތިވި އެވެ. ހާއްސަކޮށް އެތެރޭގެ އިގްތިސޯދު ހިންގަން ދައްޗާ ދިމާވި އެވެ. ޖުލައި 15، 2020 ގައި ބޯޑަރު ހުޅުވުމާއެކު އެތެރޭގެ އިގްތިސޯދު ހިންގަން ފުރުސަތު ފަހިވި އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ހިމެނޭ ހިދުމަތްތައް މަޑުމަޑުން ހިންގަން ފެށި އެވެ. ނަމަވެސް ކޮވިޑު ބަލީގެ ނަމްބަރުތައް މަތިވެ އަނެއްކާވެސް އިކޮނޮމިކް ހަރަކާތްތައް އެއްކޮށް ހުއްޓުނުނެވެ. ހާއްސަކޮށް އިގްތިސޯދަށް ވަންނަ ފައިސާ ކޮޅުކޮޅަށް ޕަންޕު ކުރާ ހޮޓާ / ކެފޭ އަދި ރެސްޓޯރެންޓުތައް ބަންދު ކުރަން ޖެހުމާއެކު ފައިސާ ދައުރު ކުރުން ހުއްޓުނެެވެ. އެ ރާޅު ދަމާލައި އަނެއްކާ ވެސް މިވަނީ ވިޔަފާރި ހިންގަން ވަގުތު ކޮޅެއް ލިބިފަ އެވެ. މި ފަހަރު މިގޮތުގައި ކިހާ ދުވަހު އޮންނާނެ ހެއްޔެވެ؟ މިއީ އެތެރޭގެ އިގްތިސޯދު ހިންގަން ލިބޭނެ "ފަޅި ސިކުންތަ" ކަށް ވެދާނެ ހެއްޔެވެ؟

"އެތެރޭގެ ޓްރާންސްޕޯޓް ސްޓްރިކްޓް ރޫލްސްތަކާއެކު ވެސް ހުޅުވުމަކީ އެތެރޭގެ އިގްތިސޯދު ހިންގަން ލިބުނު ފުރުސަތެއް. ދެން މީގައި މުހިންމީ ގޯސް ނުހަދައި ކުރިއަށް ގެންދިއުން. އޭރުން ވިޔަފާރިތައް ހިންގާލަން ވަގުތު ކޮޅެއް ލިބޭނީ. އެހެން ނޫނިއްޔާ އަނެއްކާ ވެސް ހުރިހާ ކަމެއް ސުމަކުން ފަށަން މި ޖެހެނީ،" އިގްތިސޯދީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ކޮވިޑުގެ ދެވަނަ ރާޅަކަށް ފަހު އެތެރޭގެ އިގްތިސޯދު ހުޅުވާލުމާއެކު މިހާރު ވަނީ މަޑުމަޑުން ހިންގައިގެންފަ އެވެ. ހާއްސަކޮށް ދަތުރުފަތުރު ފެށިގެން ދިއުމާއެކު އާއްމު ވިޔަފާރިއަށް ދިރުން ލިބެން ފަށައިފި އެވެ. އަދި އީދާ ދިމާކޮށް މި ފުރުސަތު ލިބުމަކީ ރަށްރަށުގެ ގެސްޓްހައުސްތަކަށް ލިބުނު ކޮންމެ ވެސް ފުރުސަތެކެވެ. އެކަން މިހާރު ވެސް ވަނީ ފެންނަން ފަށާފަ އެވެ. މާލޭގައި ތާށިވެފައިތިބި އެތައް ހާސް ބަޔަކު ވަނީ ރަށްރަށަށް ދަތުރު ކުރަން ފަށާފަ އެވެ. މިއީ ގެސްޓްހައުސްތަކަށް ލިބިގެން ދިޔަ ކޮންމެ ވެސް ވަރެއްގެ ހިތްހަމަ ޖެހުމެކެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 10،000 ގެސްޓްހައުސް އެނދު ހިންގަން ލިބޭނެ ފުރުސަތެކެވެ.

މާލޭން ގިނަ ބަޔަކު ދަތުރުކުރާ އއ. ތޮއްޑޫން ސެރީނާ ގެސްޓްހައުސްގެ ވެރިޔާ އަހުމަދު ކަރަމް ވިދާޅުވި ގޮތުގައި މި ފުރުުސަތު ވާނީ އެތެރޭގެ އިކޮނޮމީ ހިންގަން ލިބޭނެ ރަނގަޅު ފުރުސަތަކަށެވެ.

"މި ރަށް [ތޮއްޑޫ] މޮނީޓަރިންގައި އޮތަސް ކޮންމެވެސް ވަރަކަށް ޓޫރިސްޓުން ވެސް އެބަތިބި. އަދި ރަސްދޫ ފަދަ ރަށްރަށް ހަމަ ރަނގަޅަށް ލޯކަލް ބުކިންސްތައް ވެސް ލިބެމުން އެބަދޭ. މިގޮތަށް ރަށްރަށަށްދާ މީހުންގެ ސްޕެންޑިން ވެސް ހަމަ ރަނގަޅު، ފިހާރަތަކުން ވިޔަފާރި ކުރޭ. އެހެންވެ މިއީ ރަނގަޅު ފުރުސަތެއް،" ގޭމްގެ ރައީސްކަން ވެސް ކުރެއްވި ކަރަމް ވިދާޅުވި އެވެ.

ކޮވިޑުގެ ރާޅެއް ދަމާލައި އެތެރޭގެ އިގްތިސޯދު ހިންގަން ވަގުތު ކޮޅެއް ލިބިފައިވާއިރު ގެސްޓްހައުސް މާކެޓު ހުޅުވުމުން އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށް ބެލެވެ އެވެ. މިއީ ގެސްޓްހައުސް މާކެޓަށް ހިންދެމިލަން ލިބޭނެ ވަގުތު ކޮޅެކެވެ.

ކާނި ހޮޓެލްގެ ސީއީއޯ އަބްދުﷲ ނަޝީދު ވިދާޅުވި ގޮތުގައި މާފުށީގައި ހިންގާ ކާނީގެ ގެސްޓްހައުސްތަކުގައި 200 އެއްހާ ޓޫރިސްޓުން މިހާރު ވެސް އެބަތިއްބެވެ.

"އަޅުގަނޑުމެން އެހެން ތަންތަނާ ތަފާތުވާނެ. ދުނިޔޭގެ އެކި ގައުމުތަކުގައި އޮފީސް ހަދައިގެން މަސައްކަތް މި ކުރަނީ. އެހެންވެ ރަޝިއާ މާކެޓަށް ބެލި ނަމަވެސް ކާނި ނޭނގޭ މީހުން މަދުވާނެ. އެހެންވީމަ މިހާރު ވެސް އޮކިއުޕެންސީ މިދިޔަ މަހު 30 ގައި ހުރެފަ މިމަހު 70 ޕަސެންޓަށް އަރާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އީދު އޮތުމުން ލޯކަލް ބުކިންތައް ވެސް ކާނި ގެސްޓްހައުސްގައި ގިނަ އެވެ.

"ކޮންމެ ވެސް ވަރަކަށް ލޯކަލް ވެސް އެބަތިބި، އެކަމަކު މި ވަގުތަށް ގިނައީ ބޭރު މީހުން،" މާފުށީގައި 200 އެއްހާ އެނދު ހިންގާ އަބްދުﷲ ވިދާޅުވި އެވެ.

މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ދެކުނު އޭޝިއާ ޓޫރިސްޓު މާކެޓު ހުޅުވުމާލުމާއެކު ގެސްޓްހައުސް ދާއިރާ އަށް ބޮޑު ބަަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ. މި ބަދަލާއެކު ކަރަންޓީން ވާން އިންޑިއާ އިން ގިނަ އަދަދެއްގެ މީހުން އަންނާނެ އެވެ. މިއީ ގެސްޓްހައުސްތަކަށް ލިބޭނެ ފުރުސަތެކެވެ.

ކަރަންޓީން ޕެކޭޖުތަކަށް ބަލާއިރު 15 ދުވަހުގެ މި ޕެކޭޖުތަކުން އެވްރެޖުކޮށް ގެސްޓްހައުސް ތަކަށް މީހެއްގެ އަތުން 600 ޑޮލަރު ވަރު ލިބޭނެ އެވެ. ނަމަވެސް މިކަން ކުރާއިރު މި ފުރުސަތުގެ ބޭނުން ކުރަން ޖެހޭނީ ފަރުވާތެރިކަމާއި ރޭވުންތެރިކަން އިސްކޮށްގެނެވެ. އެހެންނޫނަމަ އާއްމުންގެ އެއް ފަހަރާ ބޮޑު ނުރައްކަލަކަށް ވެއްޓިގެންދާނެ އެވެ.

އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިއީ ރަނގަޅު ފުރުސަތެއް ނަމަވެސް، މިކަން ކުރުމުގައި ސަމާލުވާން ޖެހެ އެވެ. އަދި މިކަން ކުރަން ޖެހޭނީ އެ މީހުން ވަކިން ބައިތިއްބައި ޕީސީއާރު ރިޒަލްޓް ލިބި ކްލީންވުމުން ފައިނަލް މަންޒިލަށް ފޮނުވޭނެ ގޮތަކަށެވެ.

"އެހެން ގައުމުތަކުގައި ވެސް މިކަން އެބަކުރޭ. އެކަމަކު މި ފުރުސަތުގެ ބޭނުންކުރުމުގައި ވަރަށް ސަމާލުވާން ޖެހޭ،" ފިރާގު ވިދާޅުވި އެވެ.

އީދަށް އާއްމުންގެ ގިނަ ބަޔަކު ރަށްރަށަށް ގޮސްތިބިއިރު އަންނަ ރަށުގެ ތެރޭގައި ފައިސާ ދަތުރުވާން ފެށުމަކީ އެތެރޭގެ އިކޮނޮމީ ހިންގަން ލިބޭނެ ފުރުސަތުތަކެކެވެ. ނަމަވެސް މިހާރު ކޮވިޑުގެ ހާލަތުވާ ގޮތަށް ބަލާއިރު މިއީ ފަޅި ސިކުންތެއްގެ ކަމެއްގެ ގޮތުގައި ބެލިދާނެ އެވެ.