ހަބަރު

ގަރާޖް ރަޖިސްޓްރީ ކުރަން ލާޒިމުނުވާ ގޮތަށް އިސްލާހެއް

Aug 17, 2020
15

އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދު ރެޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި މި ބިލުގައި ބުނެފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، ހަދާފައިވާ ގަވާއިދުގެ ދަށުން، އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓްރީ ކުރާ ގޮތަށް ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

މިގޮތަށް ގަވާއިދުގައި ބުނެފައިވާތީ އޭގެ ސަބަބުން ގަރާޖުތަކުގެ ވެރިފަރާތުން އޭގެ ނާޖާއިޒު ފައިދާ ނަގައި ބޮޑެތި އަދަދުން ގަރާޖު ފީގެ ނަމުގައި ނަގަމުންދާ ކަމަށެވެ. އަދި ގަރާޖު ކުލީގެ ގޮތިގައި ކަމަށްބުނެ ގަރާޖުތަކުގެ ވެރިފަރާތުން ބޮޑެތި އަދަދުން ފައިސާ ނަގަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ގަރާޖުތަކުގައި އޮންނަން ޖެހޭ ޖާގައަށްވުރެ އިތުރަށް ގިނަ އުޅަނދުތަކެއް ރެޖިސްޓްރީކުރަމުންދާ ކަމަށާއި މިފަދަ އަމަލުތައް ހުއްޓުވައި މޮނިޓާ ކުރެވޭތަން ނުފެންނަ ކަމަށް ވެސް އޭނާގެ ބިލުގައި ވެއެވެ. ދެން ބުނެފައި ވަނީ އެކަމަށް ހުއްޓުމެއް ގެނައުމަށްޓަކައި، ގާނޫނުގެ ދަށުން އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދު ރެޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރެޖިސްޓްރީކުރުން ލާޒިމު ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ކަމަށެވެ.