ހަބަރު

ހިތަދޫ އާއި މާމިގިލިން އިތުރު ބަޔަކު ޕޮޒިޓިވް ވެއްޖެ

ހޯމް ކަރަންޓީނަށް ރަށަށް ދިއުމަށް ފަހު ޓެސްޓު ކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު ކޭސްތަކެއް ފެނިއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޓިން ސެންޓަރު، (އެޗްއީއޯސީ) އިން މިއަދު ބުނީ، ހޯމް ކަރަންޓީނަށް ފަހު ޓެސްޓު ކުރުމުން ދެ ރަށަކުން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފނިފައިވާ ކަމަށެވެ. އެއީ، އައްޑޫ ސިޓީގެ ހިތަދޫ އާއި އދ. މާމިގިލިންނެވެ.

މިދިޔަ 24 ގަޑި އިރު ތެރޭ ޕޮސިޓިވްވީ މީހުން ތެރޭގައި ހިތަދޫ އިން ޕޮސިޓިވްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މާމިގިލިން ވަނީ އަންހެނެއް ޕޮސިޓިވްވެފަ އެވެ. މި ދެ ރަށުންވެސް ވަނީ މިދިޔަ ހަފްތާ ތެރޭގައި ޕޮސިޓިވް ކޭސްތައް ފެނިފަ އެވެ. އަދި ހިތަދޫ އިން ފެނުނު ފުރަތަމަ ޕޮސިޓިވް ކޭސްއާ ގުޅިގެން އެރަށަށް އަރާ ފޭބުންވެސް 24 ގަޑި އިރަށް މަނާކުރި އެވެ.

ލޮކްޑައުން އަށް ލުއިތައް ދިނުމާ ގުޅިގެން އަތޮޅުތަކަށް ދަތުރު ކުރެވޭނެ އުސޫލެއް ވަނީ ކަނޑައަޅާފަ އެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ހޯމް ކަރަންޓީނުވާން ރަށްރަށަށް ދަތުރު ކުރަމުންނެވެ. މާލެ ސިޓީގެ އިތުރުން އަތޮޅުތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ ކުރިއަށްވުރެ އިތުރުވަމުންނެވެ. މިހާތަނަށް މި ބަލި ވަނީ އައްޑޫސިޓީގެ ފޭދޫ އާއި ހިތަދޫ، ފުވައްމުލަކު ސިޓީ އާއި ބ. އަތޮޅުގެ ބައެއް ރަށްތަކާއި ހއ. އާއި ހދ. އަދި ވ. އަތޮޅާއި ރ. އަތޮޅުން ވެސް ފެނިފަ އެވެ. އަދި ބައެއް ރިސޯޓުތަކުން ވެސް ވަނީ މި ބަލި އަލުން ފެނިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އެންމެ ފަހުންގެ އަދަދަކީ 5،785 އެވެ. މި ބަލިން 3349 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާތަނަށް 22 މީހަކު ވަނީ މަރުވެފަ އެވެ.