ކޮރޯނާވައިރަހުގެ ވަބާ ފެތުރުމުގެ ސަބަބުން ގިނަ ބަޔަކަށް ނަފްސާނީ ގޮތުން ވަރަށް ގިނަ އުނދަގޫތައް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ބައެއް މީހުން އޮފީހަށް ދިއުން ފަދަ ކަން ކަމުގައި ބޭރަށް ނުކުންނަން ބިރުގަނެ އެވެ. އަނެއް ބަޔަކަށް ރެސްޓޯރަންޓް ފަދަ ތަންތަނަށް ދާކަށް ނުކެރެ އެވެ. ބޭރު ގައުމަކަށް ދާން މަތިންދާ ބޯޓަކަށް އަރާ ވާހަކަ މީހަކު ދައްކާލިޔަސް ބިރުން ހަލާކުވާ މީހުން އެބައުޅެ އެވެ. ހެނދުނު ގަޑީގައި އާއްމުކޮށް ކަސްރަތުކޮށްލާ ހިނގާލަން ނުކުމެ އުޅުނު ކިތަންމެ ބަޔަކު ވެސް ބޭރަށް ނުކުންނަން ބިރުން ތިބީ ގޭގަ އެވެ.
ކޮރޯނާވައިރަހަކީ ހަގީގަތުގައި ވެސް އެއާ މެދު ޣާފިލު ވެވެން އޮތް އެއްޗެއް ނޫނެވެ. އެމީހަކަށް ވެވުނު ވަރަކުން ބަލި ނުޖެހޭތޯ ކުރެވުނުހާ ކަމެއް ކުރަން ޖެހޭނެ އެވެ. ނަމަވެސް މާ ބޮޑަށް ބަލި ދެކެ ބިރު ގަތުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟ ދިރާސާތަކަށްފަހު ތަޖުރިބާކާރުން ބުނަނީ އާދަޔާޚިލާފަށް ބިރުން އުޅުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. މިގޮތަށް މާ ބޮޑަށް ބިރުގަތުމަށް މިހާރު ބަހެއް ވެސް ހަދައިފި އެވެ. "ކްރޯނޯފޯބިއާ" އެވެ. މިއީ ބަލި ޖެހިދާނެތީ ގަންނަ ބިރަށް ވުރެ ވެސް ހިތުގައި އުފެދޭ ވަސްވާހެކެވެ.
ކޮވިޑް-19 ފެތުރެން ފެށިތާ ހަތަރު ފަސް މަސް ފަހުން މިހާރު މަޑުމަޑުން މީހުން ބޭރަށް ނުކުމެ އުޅެން ފަށައިފި އެވެ. އޮފީސް ތަކަށް ގޮސް މަސައްކަތް ކުރާ މީހުން ވެސް މަދެއް ނޫނެވެ. ރެސްޓޯރަންޓްތަކަށް ވަދެ ކައިބޮއި އުޅުން ވެސް މަޑުމަޑުން އަންނަނީ އިތުރު ވަމުންނެވެ. ނަމަވެސް ބޭރަށް ނުކުންނަން ބިރުން އެއްގޮތަކަށް ވެސް ގޭން ނުނުކުމެ ތިބި ބަޔަކު ވެސް އެބަތިއްބެވެ.
މާސްކް އަޅައި، ގައި ދުރުކަމަށް ސަމާލުވެ، އަތް ދޮވެ ސާފުކޮށް އަދި އެނޫން ވެސް ރައްކާތެރިކަމުގެ ގޮތުން އެޅެން ހުރި ފިޔަވަޅުތަކާ އެކު ބޭރަށް ނުކުމެ އުޅުން ވެސް މުހިއްމެވެ.
ސަބަބަކީ ގޭތެރޭގައި އަބަދު ތިބުމުގެ ސަބަބުން ނަފްސާނީ ގޮތުން ލިބޭ ގެއްލުންތަކާއި ސިއްހީ ގޮތުން ދިމާވެދާނެ މައްސަލަ ތަކަކަށް ޓަކަ އެވެ. މިސާލަކަށް ދޮށީ އުމުރުގެ މީހުން އެކަށީގެންވާ ވަރަށް ހިނގާލާ ކަސްރަތު ކޮށްލާ ނަހަދާނަމަ ދިމާވެދާނެ ސިއްހީ މައްސަލަތައް ހުންނާނެ އެވެ.
އުމުރުން ދުވަސްވުމުން ޖެހޭ އެކި ކަހަލަ ބަލިތަކުގެ ތެރެއިން ކޮންމެވެސް އެއް ބަޔެއް ދެ ބައްޔެއް ނެތް މީހަކު މިހާރު ވަރަށް މަދުވާނެ އެވެ. މިފަދަ މީހުންނަށް ވެސް ހެލިފެލިވެ އުޅެވޭލެއް މަދުވުމުން އެމީހުންގެ ހަށިގަނޑުގައި ހުރި ބަލިތައް އިތުރު ގޯސްވުމުގެ ފުރުސަތު ބޮޑެވެ.
ދެ ވަނަ ކަމަކީ ނަފްސާނީ ދުޅަހެޔޮކަމެވެ. ގޭތެރޭގައި ތިބެތިބެ ބޯހޮވައިފިޔޭ ބައެއް މީހުން ބުނެ އެވެ. މި މައްސަލަ ވެސް ހައްލުވާނީ ކޮންމެވެސް މިންވަރަކަށް ބޭރަށް ނުކުމެލާ އުޅެގެންނެވެ.
ކޮވިޑް-19 ގެ ވަބާ ނިމުނީ ކަމަކަށް އެކަކުވެސް ނުހެދެ އެވެ. މިހާރު ޖެހިފައިވަނީ އެ ބައްޔާއެކު އުޅެން ދަސްކުރާށެވެ. އެހެން ނޫންނަމަ އެ ބަލި ޖެހިގެން މަރުވާ މީހުންނަށް ވުރެ އެ ބަލި ޖެހިދާނެތީ ބިރުން އުޅެނިކޮށް މި ދުނިޔެ ދޫކުރަން ޖެހޭ މީހުން އިތުރުވެދާނެތީ އެވެ.