ލައިފްސްޓައިލް

މަރުވި ދަރިފުޅު އަތްމަތީ ބާއްވައިގެން ތިން ކިލޯ މީޓަރަށް


އިންޑިޔާގެ އަންދުރަ ޕްރަދޭޝްގެ ވަރަށް ކުޑަ އަވަށެއްގައި ދިރިއުޅޭ މީހެއްގެ ހަތް އަހަރުގެ އަންހެން ދަރިފުޅު މަރުވުމުން އެ ކުއްޖާގެ ފުރާނަ ނެތް މަސްގަނޑު ހިފައިގެން ތިން ކިލޯ މީޓަރަށް ހިނގައިފި އެވެ. މި ކުއްޖާގެ ޖަނާޒާ ބޭއްވުމަށް އަމިއްލަ އަވަށަށް ވެހިކަލެއްގައި ގެންދެވޭނެ ގޮތް ނުވީ އަވަށަށް ދާން އަޅާފައި އޮތް ބްރިޖް 2014ގެ ހުދުހުދު ސައިކްލޯންގައި ހަލާކުވި ގޮތަށް އަލުން މަރާމާތު ކޮށްފައި ނުވާތީ އެ ހިސާބަށް ވެހިކަލެއްގައި ދަތުރު ކުރެވޭނެ ގޮތެއް ނެތިގެންނެވެ.

ޓައިމްސް އޮފް އިންޑިޔާގައިވާ މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ގޮއްލޯރީ ބާބޫ ރާއޯ ނަމަކަށް ކިޔާ މި މީހާ އަކީ ވައްޔާ ވިލެޖުގެ މީހެކެވެ. އޭނާގެ ބަލި ދަރިފުޅު އެޑްމިޓް ކޮށްފައި އޮތީ މާ ދުރުގައިވާ އެހެން އަވަށެއްގެ ހޮސްޕިޓަލެއްގަ އެވެ. ހުކުރު ދުވަހު ދަރިފުޅު މަރުވުމުން އޭނާގެ ޖަނާޒާ ބޭއްވުމަށް އަމިއްލަ ގެޔަށް ގެންދެވޭނެ އިތުރު ގޮތެއް ނެތިގެން މި މީހާ ދަރިފުޅުގެ ގަބުރު އަތްމައްޗަށް ލައިގެން އެހާ ދިގު ރާސްތާއަކަށް ހިނގަން މަޖްބޫރު ވިއެވެ.

ކުއްޖާ ބާއްވާފައި އޮތް ހޮސްޕިޓަލާއި ގޮއްލޯރީގެ އަވަށާ ދެމެދު 22 ކިލޯ މީޓަރުގެ ދުރުމިނެއް ހުއްޓެވެ. އަމިއްލަ އަވަށަށް ދަރިފުޅުގެ މަސްގަނޑު ގެންދަން ގޮއްލޯރީ އަށް ހޮސްޕިޓަލުގެ ފަރާތުން އެމްބިއުލެންސެއް ހަމަޖައްސައި ދިނެވެ. ނަމަވެސް އަވަށާ ތިން ކިލޯ މީޓަރަށް ވުރެ ކައިރިއަށް އެމްބިއުލެންސަށް ދެވޭ ގޮތް ނުވީ އެވެ. އެއީ ވެހިކަލެއްގައި އަވަށަށް ދަތުރު ކުރެވެން އޮތް ހަމައެކަނި ގޮތަކީ ބްރިޖެއް ހުރަސްކޮށްގެން ކަމަށް ވެފައި އެ ބްރިޖް ހަލާކުވެފައި އޮތުމުންނެވެ. އެހެންވެ ބާކީ އޮތް ތިން ކިލޯ މީޓަރަށް ގޮއްލޯރީ އަށް ހިނގަން ޖެހުނީ ދަރިފުޅު އަތްމަތީގައި ބާއްވައިގެންނެވެ.

ޗަކަޔާއި ފެން ހެދިފައިވާ ވަރަށް ހާލަތު ގޯސް މަގުތަކުން ލާފައި އޭނާ ދަރިފުޅުގެ މަސްގަނޑު ހިފައިގެން ދިޔައިރު ބައެއް ފަހަރަށް އޭނާގެ ފަހަތުން ރޮމުން އައި އެ ކުއްޖާގެ މަންމަ އަށް ވެސް ކުއްޖާގެ ގައިގައި ހިފައިދޭން ޖެހުނެވެ.

މީގެ ހައެއްކަ އަހަރުކުރިން ބްރިޖް ހަލާކުވި ފަހުން އެ އަވަށުގެ މީހުންނަށް އެހެން އަވަށަކަށް ޑޮކްޓަރަށް ދެއްކުން ފަދަ ކަމަކު ދާން ޖެހިއްޖެނަމަ 20 ވަރަކަށް ކިލޯ މީޓަރު ހިނގަން ޖެހެ އެވެ.