ކުޑަ އާބާދީއެއް އޮންނަ ވ. އަތޮޅުގެ ތިނަދޫން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީ އިން މިއަދު ބުނީ ތިނަދޫން ޕޮޒިޓިވް ވެފައި ވަނީ 36 އަހަރުގެ އަންހެނަކާއި ފިރިހެނަކު ކަމަށެވެ. އެ މީހުން ޕޮޒިޓިވް ވެފައިވަނީ ލޮކްޑައުން ކަރަންޓީނުން ދޫކޮށްލަން ހެދި ޓެސްޓަށް ފަހު އެވެ. ތިނަދޫ އަކީ ވެސް ކުޑަ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގައި ތިބެނީ 215 މީހުނެވެ.
ލޮކްޑައުން އަށް ލުއިތައް ދިނުމާ ގުޅިގެން އަތޮޅުތަކަށް ދަތުރު ކުރެވޭނެ އުސޫލެއް ވަނީ ކަނޑައަޅާފަ އެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ހޯމް ކަރަންޓީނުވާން ރަށްރަށަށް ދަތުރު ކުރަމުންނެވެ.
މާލެ ސިޓީގެ އިތުރުން އަތޮޅުތަކުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަނީ ކުރިއަށްވުރެ އިތުރުވަމުންނެވެ. މިހާތަނަށް ކޮވިޑް ބަލި ވަނީ އައްޑޫ ސިޓީގެ ފޭދޫ އާއި ހިތަދޫ އާއި ފުވައްމުލަކު ސިޓީ އާއި ބ. އަތޮޅުގެ ބައެއް ރަށްތަކާއި ހއ. އާއި ހދ. އަދި ވ. އަތޮޅާއި ރ. އަތޮޅުން ފެނިފަ އެވެ. އަދި ބައެއް ރިސޯޓުތަކުން ވެސް މި ބަލި އަލުން ވަނީ ފެނިފައި ވެއެވެ.
ރާއްޖެއިން މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުނަށް މިހާތަނަށް ކޮވިޑް-19 ޖެހިފައިވާއިރު 24 މީހަކު އެ ބަލީގައި މަރުވެފައި ވެއެވެ.