ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އިގްތިސާދަށް ދިރުން ލިބޭނީ ޒުވާނުންގެ ދައުރު އިތުރުކޮށްގެން"

ހިޖްރީ ސަނަތުން އައު އަހަރަކާ ބައްދަލުކުރާއިރު މިއަދު މެދުވެރިވެފައި ވަނީ ހިޖުރައިގެ މަތިވެރި ހާދިސާއިން ލިބިދޭ އިބްރަތްތަކުން ފިލާވަޅު ލިބިގަތުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހާލަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 1442 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ހިޖްރައިން ލިބިދޭ އެންމެ މަތިވެރި އިބްރަތަކީ މުސްލިމުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުން ބަދަހިކޮށް އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާ އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމިއޮތުމުގެ މުހިންމުކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއެރުމާއި ތަރައްގީއަށް އެދޭނަމަ އެންމެހައި ރައްޔިތުން އެއް އަޒުމެއްގައި އެއް އަމާޒަކަށް ގަދައަޅައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަން ބޮޑުކަންވެސް ހިޖުރައިން ލިބިދޭ ފިލާވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންރާއްޖެވެސް މިހާރު ތަޖުރިބާކުރަމުން ދަނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ވިދާޅުވިއެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ހުރަސްތަކެއް ކުރިމަތިވެ ތަރައްގީގެ ދުވެލި ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކޮވިޑް-19ގެ ހުރަސްތައް ގިރާކޮށް ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި ސަރުކާރުން މި ކުރާ މަސައްކަތުގައި، ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވޭ. އަޅުގަނޑުމެން އުންމީދުކުރާ ފަދަ ހަލުވި ދުވެއްޔެއްގައި އިގްތިސާދަށް ދިރުން ލިބެން ފަށާނީ ވިޔަފާރި އާއި އިގްތިސާދީ އެންމެހައި ހަރަކާތްތަކުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ ފުޅާކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކޮށްގެންކަން ޔަގީން،"

ރައީސްގެ ތަހުނިޔާގެ ހިތާބުގައި މި ހާލަތުގައި ހިޖްރައިން ލިބިދޭ މަތިވެރި އިރުޝާދުތަކުން އިބްރަތް ހޯއްދެވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"..އެއީ ދަތި އުނދަގޫ ހާލަތްތަކުގައި ޢާއިލާގެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މުޖުތަމައުގެ އެއް ބަޔަކު އަނެއް ބަޔަކަށް އަޅާލައި އޯގާތެރިވެ އުޅުން. ކުޑަކުދިންނަށް ކަމޭހިތުމާއި އަންހެނުންނަށް އޯގާތެރިވުމާއި މުސްކުޅިންނަށް އެހީތެރިވުން. މިއަދު އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ އިޖުތިމާއީ އަދާލަތު ގާއިމުކޮށްދޭ މިފަދަ ރީތި ސިފަތައް އަޅުގަނޑުމެންގެ ކިބައިގައި އަލުން ހަރުލެއްވުމަށް،" ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވިއެވެ.