މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 146 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
މިއަދުގެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 144 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް ދެ މީހަކީ އަތޮޅުތެރޭގެ ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 117 ދިވެހިން ހިމެނެއެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 27 މީހަކާއި އިންޑިއާގެ ދެ މީހަކާއި ސްރީލަންކާގެ ފަސް މީހަކާއި ޕިލިޕީންސް މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 6,225 އަރާފައެވެ.
ބަލިން ރަނގަޅުވީ 140 މީހުން
އެޗްޕީއޭއިން ބުނީ މިއަދު ކޮވިޑުން ރަނގަޅުވީ 140 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 3788 އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2413 މީހުންނެވެ. ކޮވިޑްގައި 24 މީހަކު ވަނީ މަރުވެފައެވެ. އެންމެ ފަހުން މީހަކު މަރުވީ އިއްޔެއެެވެ. އެޗްޕީއޭއިން ބުނީ އިއްޔެ ހެނދުނު 9:34 އެހާ ކަންހާއިރު އުމުރުން 41 އަހަރުގެ އަންހެނަކު ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ. އޭނާއަކީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ.
މިވަގުތުވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 152 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.