ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ލަފާކުރި އަދަދު ފަހަނައަޅައި ނުރައްކާ!

ކޮވިޑް ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅު ރާއްޖެއަށް ބިއްދާލިތާ 165 ދުވަސް ހަމަވީއެވެ. މާޗް މަހުގެ ހަތްވަނަ ދުވަހު ފެތުރެން ފެށި ބަލިމަޑުކަން ޖޫން މަހުގެ ފަހުކޮޅާއި ހަމައަށް ދެމިގެންދިޔައެވެ. އޭގެ ފަހުން ބަލި މީހުން ފެންނަ ނިސްބަތް ދަށައްދާން ފެށުމުން ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށިއެވެ.

ނަމަވެސް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހާލަތު އަލުން ގޯސްވާން ފެށިއެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ސަތޭކައިން ނެއްޓި 200 އަށް ކައިރިކުރެއެވެ. އެހެން ކަމުން އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރަން ފެށިއެވެ.

އެ ގޮތުން މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކޮންމެ ރެއެއްގެ 10 ކުން ފެށިގން ފަތިހު ފަހަކަށް ކާފިއު ދަނީ ހިންގަމުންނެވެ. ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބުރޫކޮށް ހިދުމަތްދޭ ތަންތަނުން އަމަލު ކުރަންޖެހޭ އުސޫލުތައް ހަރުކަށިކުރިއެވެ.

ނަމަވެސް ފިޔަވަޅުތައް ހަރުކަށިކޮށް ކާފިއު ހިންގަން ފެށިތާ 15 ދުވަސްވީއިރުވެސް ބަލި ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވެއެވެ. ކާފިއުގެ 15 ދުވަހުގެ ތެރޭގައި 100 އިން ދަށައް ދިޔައީ އެންމެ ދެ ދުވަހުއެވެ. ދެން ކޮންމެ ދުވަހަކުން ސަތޭކައިން މަތިން މި ބައްޔަށް މީހުން ދިޔައީ ޕޮޒިޓިވްވަމުންނެވެ. ބައެއް ދުވަސް ދުވަހުގެ ނަންބަރު 200 ވެސް ހުރަސް ކުރެއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ކާފިއު ހިންގަން ފެށީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދުވަހާއި ހަމައަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 4،446 ކެވެ. ނަމަވެސް އޭގެ 15 ދުވަސް ފަހުން އެ އަދަދު ވަނީ 6,225 އަށް އަރާފައެވެ. މާނައަކީ މިދިޔަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް 1779 މީހުން އަލަށް ޕޮޒިޓިވްވުމެވެ.

އެ ދުވަހުގެ ނިޔަލަށް ރާއްޖެއިން މަރުވެފައިވަނީ 19 މީހުންނެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެ އަދަދު ވަނީ 24 އަށް އަރާފައެވެ. މިދިޔަ 15 ދުވަސްތެރޭ ފަސް މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މިއީ ވަރަށް ބޮޑު އަދަދެކެވެ. ފިޔަވަޅުތައް ހަރުކަށިކުރިނަމަވެސް ބަލި ފެތުރޭ މިންވަރު އެއްވެސް މިންވަރަކަށް ކޮންޓްރޯލްކުރެވިފައެއް ނުވެއެވެ. މިއީ ސިއްހީ މާހިރުންގެވެސް ކަންބޮޑުވުމެކެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވާ ގޮތުގައި ކޮވިޑްގެ ހާލަތު ރާއްޖޭގައި އަދިވެސް ވަރަށް ގޯހެވެ. އެ ހާލަތު ބަދަލުވާ ކަމުގެ އެއްވެސް ނިޝާނެއް މިދިޔަ 15 ދުވަސްތެރޭ ފެނިފައެއް ނުވެއެވެ.

ނަމަވެސް ނަޒްލާ ގަބޫލުކުރައްވާ ގޮތުގައި މިހާރު ބަލިޖެހޭ މީހުންގެ އަދަދު ގިނަވުމުގައި އެހެން ސަބަބެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މީހެއްގެ ހަށިގަނޑަށް ޖަރާސީމު ވަނުމަށްފަހު އަލާމާތްތައް ފެންނަން ގިނަވެގެން 14 ދުވަސް ނަގައެވެ. އެހެންވީމަ މިހާރު ބަލި ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުންގެ ހަށިގަނޑަށް ޖަރާސީމު ވަދެފައިވަނީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ކުރިން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

"މިހާރުވެސް އަޅުގަނޑުމެން މި އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަންވެސް ތިން ހަފްތާވަރު ނަގާނެ އާންމުކޮށްވެސް. އެހެންވީމަ އަދި އޭގެ ސީދާ އަސަރު ނުފެނުމަކީ އެކަށީގެންވާ ކަމެއް. މިހާރު އަޅުގަނޑުމެންނަށް މި ފެންނަ ކޭސްތަކަކީ އޭގެ ކުރިން އިންފެކްޝަން އެމީހުންނަށް ޖެހިފަތިބި މީހުންނަށްވުން އެކަށީގެންވޭ. އެހެންވީމަ ކަންނޭންގޭ މިހާރު މިހާ ގިނައިން މި ފެންނަނީ. އަޅުގަނޑުމެން އުންމީދުކުރަން ކުރިއަށް އޮތްތާ ކޭސަސްތައް މަދުވެގެންދާނެ ކަމަށް މިހާރު ހުރި ފިޔަވަޅުތަކާއެކުވެސް،"

މިހާރުވެސް އަޅުގަނޑުމެން މި އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަންވެސް ތިން ހަފްތާވަރު ނަގާނެ އާންމުކޮށްވެސް. އެހެންވީމަ އަދި އޭގެ ސީދާ އަސަރު ނުފެނުމަކީ އެކަށީގެންވާ ކަމެއް. މިހާރު އަޅުގަނޑުމެންނަށް މި ފެންނަ ކޭސްތަކަކީ އޭގެ ކުރިން އިންފެކްޝަން އެމީހުންނަށް ޖެހިފަތިބި މީހުންނަށްވުން އެކަށީގެންވޭ. އެހެންވީމަ ކަންނޭންގޭ މިހާރު މިހާ ގިނައިން މި ފެންނަނީ. އަޅުގަނޑުމެން އުންމީދުކުރަން ކުރިއަށް އޮތްތާ ކޭސަސްތައް މަދުވެގެންދާނެ ކަމަށް މިހާރު ހުރި ފިޔަވަޅުތަކާއެކުވެސް
ޑރ. ފާތިމަތު ނަޒްލާ ރަފީގް | އެޗްއީއޯސީގެ ތަރުޖަމާން

ލަފާކުރުންތަކަށްވުރެ އިތުރަށް ބަލި މީހުން ފެނުން

ކޮވިޑްގެ ހާލަތު ގޯހުން ގޯހަށްދާއިރު މި ހިނގާ އޮގަސްޓް މަހަކީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ މަހެވެ. މުޅި މަހު 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކުރުންތަކުން ދައްކައެވެ.

ޖުލައި 31ގެ ނިޔަލަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 3،793 މީހުންނަށެވެ. އެހެން ކަމުން މި ވޭތިވެދިޔަ 19 ދުވަހުގެ ތެރޭގައި 2،432 މީހަކަށް މިވަނީ ބަލި ޖެހިފައިވެއެވެ. އެހެން ކަމުން ޑރ. ޝީނާ އިސްވެ ހުންނަވާ ހެއްދެވި ދިރާސާތަކުން ލަފާކުރި އަދަދު މިހާރުވެސް މިވަނީ ފަހަނަ އަޅާފައެވެ.

މީގެ އިތުރުން މިމަހުގެ ތެރޭގައި ގިނަ ބަޔަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭނެ ކަމަށްވެސް އޮތީ ލަފާކޮށްފައެވެ. އެގޮތުން 450 އެއްހާ މީހުންނަށް ފަރުވާ ދޭންޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މި މަސް ފެށުނީއްސުރެ 150 ވުރެ ގިނަ މީހުންނަށް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 11 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ތިން މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

އެހެން ކަމުން އޮގަސްޓްގެ ކުރިއަށް އޮތް ދިހަ ދުވަހަކީވެސް ކޮވިޑްގެ ބަލީގައި ނުރައްކާތެރި ދުވަސްތަކެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާނެ

މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާ ފެންނަން ދުވަސްކޮޅެއްވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިނަމަވެސް އަދިވެސް ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތުވެސް އެބައޮތެވެ.

އެކަމާއި ގުޅިގެން ސިއްހީ މާހިރުންނާއި ކަމާ ގުޅުންހުރި އިދާރާތަކާއެކު ކޮންމެ ދުވަހަކުވެސް ދަނީ މަޝްވަރާތައް ބޭއްވެމުންނެވެ. ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަންޖެހޭ ކަމަށް ސިއްހީ މާހިރުން ގަބޫލުކުރައްވައެވެ. އަދި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓުވާ، ކާފިއުގެ ވަގުތުތަކަށްވެސް ބަދަލު ގެންނަން ވަނީ މަޝްވަރާކޮށްފައެވެ.

ސުކޫލުތަކުގެ ކިޔެވުން އިތުރު ދެ ހަފްތާއަށް މެދުކަނޑާލާ އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ނިންމާފައެވެ. އަދި މިސްކިތްތަކުގައި ގައިދުރުކޮށް ސަފު ހެދުމާއި ގުޅޭގޮތުން މިި ހަފްތާ ތެރޭގައި އިލްމުވެރިންނާއެކު ވަނީ މަޝްވަރާކޮށްފައެވެ. އެ މަޝްވަރާތަކުގައި ހާލަތު އިތުރަށް ގޯސްވާތީ އިތުރު ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.

އޮގަސްޓް މަހުގެ ލަފާކުރުންތަކަށްވުރެ އިތުރަށް އެތައް ބަޔަކަށް ބަލިޖެހިފައިވާއިރު ނޮވެންބަރުގެ ކުރިން ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ކަމަކަށް ނުބެލެވެއެވެ. އެހެން ކަމުން ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަަޅަންޖެހެއެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކުން މިހާތަނަށް ނަތީޖާއެއް ފެނިފައިނުވުމަކީ ފިޔަވަޅުތައް އަޅަންޖެހޭ ކަމުގެ ދަލީލަކަށް ފުދެއެވެ. އެހެން ނޫނީ ރާއްޖޭގެ ހާލަތު ބޮޑުތަނުން ގޯސްވެ، ކުރިން އަންދާޒާ ކުރެވުނު ގޮތަށް ފަރުވާ ދިނުމުގެ ނިޒާމު ބޮއްސުއްލައިގެންގޮސް އެތައް ބަޔަކަށް އޭގެ ދެރަ ލިބުމަކީ ދުރުކަމެއް ނޫނެވެ.