ލައިފްސްޓައިލް

ބަލިވެ އޮތް ޑޮކްޓަރު މީހެއްގެ ފުރާނަ ސަލާމަތްކޮށްދީފި

ކޮވިޑް-19ގެ އެންމެ ކުރީ ސަފުގައި ފްރޮންލައިން ވޯކާސްގެ ގޮތުގައި މަސައްކަތްކުރާ އެއް ބަޔަކީ ޑޮކްޓަރުންނެވެ. އެ މީހުން މި ހަނގުރާމައިގެ ކުރިޔަށް ނުކުމެ ތިބީ އަމިއްލަ ފުރާނައަށް ވެސް ބެލުމެއް ނެތި އެވެ. އެންމެން ވެސް ގަބޫލުކުރާ އަދި ޔަގީންވާ އެއް ކަމަކީ ޑޮކްޓަރުން ނެތްނަމަ މި ވަގުތު ދުނިޔޭގެ ހާލަތު އޮންނާނީ މިހާރަށް ވުރެ އެތައް ސަތޭކަ ގުނައެއް ގޯސްކޮށް ކަމެވެ. އަދި އެހާ ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރާ ކޮވިޑް-19 ބަލިމަޑުކަން މައިތިރިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމެވެ. ބައެއް ޑޮކްޓަރުން އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން ބަލި މީހުން ސަލާމަތްކުރަން މަސައްކަތް ކުރެ އެވެ. މިފަހަރުގެ ވާހަކަ އަކީ ވެސް މިފަދަ ޑޮކްޓަރެއްގެ ވާހަކަ އެކެވެ.

އިންޑިޔާގެ ގުޖްރާތުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ސަންކޭތު މެހެތާ އަކީ ހޭނައްތާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. އުމުރުން 37 އަހަރުގެ މި ޑޮކްޓަރަށް ކޮވިޑް-19 ޖެހި ނޭވާ ލާން ދަތިވެ، އޮކްސިޖަން ލެވެލް ދަށްވެގެން އައިސީޔޫގައި އޮތީ އެޑްމިޓް ކޮށްފަ އެވެ. އޭނާއަށް ވެސް އޮތީ ނޭވާލާން ބޭނުންވާ ހޮޅި ގުޅާފަ އެވެ.

އައިސީޔޫގައި އޭނާ އޮތް އެނދާ ޖެހިގެން ދެ އެނދު ދޫކޮށްފައި ހުރި އެނދަކަށް ކުއްލިއަކަށް ވަރަށް ހާލު ބޮޑު މީހެއް ގިނަ އެވެ. މިއީ ވެސް ކޮވިޑް-19 އިގެ ސަބަބުން ނޭވާ ނުލެވިގެން ވަރަށް އިމަޖެންސީކޮށް ގެނައި އުމުރުން 71 އަހަރުގެ މީހެކެވެ. ހާލު ސީރިއަސް ކަމުން އޭނާގެ އެތެރެ ހައްޓަށް އެންމެ ތިން މިނިޓް ތެރޭގައި ހޮޅި ލައްވަން ޖެހެ އެވެ. އެހެން ނޫންނަމަ އޭނާގެ ސިކުނޑިއަށް ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ޑޮކްޓަރާއި 71 އަހަރުގެ ބަލިމީހާ އެޑްމިޓްކޮށްފައި އޮތް ބީއޭޕީއެސް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ޕަރްޝޮއްތަމް ކޮރާޑިއާ ވިދާޅުވި ގޮތުގައި މިހާ ހާލު ބޮޑު މީހަކު އިންޓިއުބޭޓް ކުރުމަކީ ނުވަތަ އެ މީހާގެ އެތެރެހައްޓަށް ހޮޅި ލެއްވުމަކީ ހޭނައްތާ ޑޮކްޓަރުން ކުރާ މަސައްކަތެކެވެ.
މި މީހާ ގެނައުމާއެކު އޭނާ އިންޓިއުބޭޓްކުރުމަށް ޑޮކްޓަރުން އައިސީޔޫއަށް ވަނުމަށްޓަކައި އެމީހުންނަށް ފުރަތަމަ ޖެހެނީ ކޮވިޑް-19 ޕްރޮޓޮކޯލް އަށް އަމަލު ކުރާށެވެ. އެހެންކަމުން އެވަގުތު ހޮސްޕިޓަލުގެ ޑިއުޓީގައި ތިބި ހޭނައްތާ ޑޮކްޓަރުންނަށް އެންމެ އަވަހަކަށް ވެސް ޕީޕީއީ ކިޓް ލުމުގައި ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްފަހު އެ މީހާއަށް ޚިދުމަތް ދޭން ފެށޭވަރު ވާނީ 15 އާއި 20 ވަރަކަށް މިނިޓު ފަހުންނެވެ.

އެ މަންޒަރު ބަލާކަށް އެޑްމިޓްކޮށްފައި އޮތް ހޭނައްތާ ޑޮކްޓަރަކަށް ނޯވެވުނެވެ. އޭނާގެ އޮކްސިޖަން ސަޕޯޓަށް ގުޅާފައިވާ ހޮޅި އަމިއްލައަށް ނައްޓާލާފައި އޭނާ ވަގުތުން ތެދުވެގެން ގޮސް ހާލު ބޮޑު ބަލިމީހާގެ ހަށިގަނޑަށް ހޮޅި ގުޅާދީ އެމީހާއަށް ނޭވާ ލެވޭ ގޮތް ހަދާދީ އެމީހާގެ ފުރާނަ ވަނީ ސަލާމަތް ކޮށްދީފަ އެވެ. އަމިއްލަ މީހާގެ ފުރާނައަށް ފަރުވާލެއް ނެތި އެވެ. އަދި ނޭވާ ލާން ދަތިވެފައިވާ ހާލުގަ އެވެ.
އޭގެ ފަހުން ވެސް އެތައް ދުވަހެއް ވަންދެން އައިސީޔޫގައި އޮކްސިޖަން ސަޕޯޓްގައި ޑރ. މެހެތާ ވަނި ފަރުވާ ހޯދާފަ އެވެ. އަދި އޭނާގެ ހާލު މިހާޜު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުގެ ސީއީއޯ ވިދާޅުވި އެވެ.

ޑރ. މެހެތާ އަމިއްލައަށް އޮކްސިޖަން ސަޕޯޓް ނައްޓާލާފައި ތެދުވެގެން ގޮސް އޭނާގެ ހަށިގަނޑުގައި ނެތް ހިތްވަރު ދައްކައި އެހެން މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިން ގޮތް ފެނިފައި އެ ވަގުތު އެތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓި ފައެވެ.

ޑރ. ކޮރާޑިއާ ވިދާޅުވީ ދުވަސްވީ މީހާ އަދިވެސް އޮތީ ވެންޓިލޭޓަރު ސަޕޯޓުގަ އެވެ. އޭނާގެ ހާލު އިތުރަށް ގޯސް ނުވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޑރ. މެހެތާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭތާ 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށާއި އޭނާ ބަލިކަމުން ވާހަކަ ދައްކާށާއި ނޭވާ ލާން ވެސް ވަރަށް ދަތިވެފައިވާ ކަމަށެވެ. އެ ހާލުގައި އޭނާ ނެތް ހިތްވަރު ހޯދައިގެން ތެދުވެގެން ގޮސް އެހެން ބަލި މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިނުން ހޮސްޕިޓަލުން ވަރަށް ޝުކުރު ވެރިކަމާއެކު ފާހަގަކުރާ ކަމަށް ވެސް ޑރ. ކޮރާޑިއާ ވިދާޅުވި އެވެ.
ސޫރަތު އެނެސްތެޓިކް އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓް ޑރ. ހީރަލް ޝާހް ވިދާޅުވި ގޮތުގައި ޑރ. މެހެތާ ބަލިކަމުން އޭނާއަށް ރަނގަޅަށް ހިނގާބިނގާ ވެސް ނޫޅެވެ އެވެ. އެ ހާލުގައި އޮވެފައި އެހެން މީހަކު މަރަށް ތެޅޭތަން ފެނިގެން އޭނާގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ޑރ. މެހެތާ ދިޔައީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ކަމަށާއި އޭނާ އެ ކުރީ އޭނާގެ އަމިއްލަ ފުރާނަ ހިނގައިދާނެ ފަދަ ކަމެއް ކަމަށް ޑރ. ހީރަލް ވިދާޅުވި އެވެ.

"އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ގޮސް އޭނާ ވަނީ އެހެން މީހެއްގެ ފުރާނަ ސަލާމަތް ކޮށްދީފަ،" ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. މެހެތާ އަކީ ބީއޭޕީއެސް ހޮސްޕިޓަލުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްފައިވާ ޑޮކްޓަރެކެވެ. ފަހުން އޭނާ ހޮސްޕިޓަލު ވަޒީފާއިން ވަކިވެ އަމިއްލައަށް ކްލިނިކެއް ހުޅުވައިގެން މަސައްކަތް ކުރަން ފެށީ އެވެ. އަދި މިހާރުވެސް ވިޒިޓިން އެނެސްތީޓިސްޓެއްގެ ގޮތުގައި އޭނާ ޕްރައިވެޓް ހޮސްޕިޓަލުތަކަށް ގޮސް އުޅެ އެވެ.