ދުނިޔެ

ރަޝިއާގެ އިދިކޮޅު ލީޑަރަށް ޒަހަރުދިން ކަމުގެ ތުހުމަތު

Aug 20, 2020

މޮސްކައު (އޯގަސްޓް 20) - ރަޝިއާގެ އިދިކޮޅު ލީޑަރަކަށް ޒަހަރު ދިނުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އޭނާގެ ތަރުޖަމާނު ބުނެފި އެވެ.

ރަޝިއާގެ ރައީސް ވްލެޑަމީރު ޕޫޓިންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އެލެކްސީ ނަވަލްނީ ދަތުރުމަތީގައި އިންނަވަނިކޮށް ހާލު ދެރަވަގެން، އެމަޖެންސީގައި ބޯޓު ޖައްސައިގެން ވަނީ ހޮސްޕިޓަލަށް ގެންދެވިފަ އެވެ.

ނަވަލްނީ، 44 ހާލުކޮޅު ވަރަށް ސީރިއަސްކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ނަވަލްނީގެ ސަޔަށް ޒަހަރު އަޅާފައިވާކަމަށް އޭނާގެ ތަރުޖަމާނު ވަނީ ތުހުމަތުކޮށްފަ އެވެ.

އޭނާ މިވަގުތު އޮންނެވީ ކޯމާއެއްގައި ވެންޓިލޭޓަރުގައި ކަމަށް ވެސް ތަރުޖަމާނު ފަހުން ވަނީ ވިދާޅުވެފަ އެވެ. ޕޫޓިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާކޮށްގެން ނަވަލްނީ އަކީ އެތަކެއް ފަހަރު މަތިން ޖަލަށް ވެސް ލާފައިވާ ބޭފުޅެކެވެ.