ލައިފްސްޓައިލް

ހޭލެވުުނުއިރު އޮތީ ގަބުރު ބަހައްޓާ ތަނުގައި

ރަޝިޔާގެ 81 އަހަރުގެ މާމައަކަށް މަރުވާ މީހުން ބައިތިއްބާ ތަނެއްގައި އޮންނައިރު ކުރެވޭނެ އިހްސާސްތައް ވަރަށް ރަނގަޅަށް ކުރެވިއްޖެ އެވެ. މަރުވީ ކަމަށް ނިންމައި މި މާމަ މޯގަށް ލުމުން އޭނާއަށް ހޭވެރިކަންވީ އެއްރޭ އެއްތަނުގައި އޮތް ފަހުންނެވެ.

ރަޝިޔާގެ ގޯޝެންޗެންސްކީ ސެންޓްރަލް ޑިސްޓްރިކްޓް ހޮސްޕިޓަލުގައި އޮގަސްޓް 14 ވަނަ ދުވަހު ޒިނައިޑާ ކޮނޮކޯވާ ވަނީ ގޮހޮރުގެ އެއްބައި ބުރިކޮށްލަން އޮޕަރޭޝަނެއް ކޮށްފަ އެވެ. އޭނާ މަރުވީ ކަމަށް ނިންމައި މޯގަށް ގެންދިޔައީ އެރޭ ދަންވަރު 1.10 ހާއިރު އެވެ.

އޭގެ ހަތް ގަޑިއިރު ފަހުން އަނެއް ދުވަހުގެ ހެނދުނު 8.00 ހާއިރު މޯގު ބަލަހައްޓަން ލާފައި ހުރި އަންހެން މުވައްޒަފަކަށް ފެނުނު މަންޒަރަކުން އޭނާ ބިރުން ގޮސް ޝޮކެއް ޖެހުނެވެ. ކޮނޮކޯވާ ބާއްވާފައި އޮތް މޯގްގެ މޭޒުމަތިން އޭނާ ތަޅުންގަނޑުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީމަ އެވެ. މޯގް ބަލަހައްޓާ މީހާއަށް ފެނުނުއިރު އެ މާމަ ދިޔައީ އެ ތަނުން ސަލާމަތް ވެގެން ނުކުމެވޭތޯ މަސައްކަތް ކުރަމުންނެވެ.

މޯގުގެ ބޭރުން ދިޔަ އެމްބިއުލެންސް ޑްރައިވަރަކަށް އެތާ ތެރޭން އަޑުފައްގަނޑެއް އިވޭތޯ ވަދެ ބެލިއިރު އެތަން ބަލަހައްޓާ މީހާ "މާމާ އޮށޯންނާށޭ. މާމާ މަޑުން އޮންނާށޭ" ގޮވަނީ އެވެ.

މޯގް ބަލަހައްޓާ މީހާ ދައްކާ ވާހަކަތައް ގަބޫލު ނުކުރެވިގެން އެމްބިއުލެންސް ޑްރައިވަރު އެތެރެއަށް ވަންއިރު މޯގް ބަލަހައްޓާ މީހާގެ އަތުގައި ހިފައިގެން އެ މާމަ އޮވެގެން އޭނާ އެތަނުން ސަލާމަތް ކޮށްދޭން އެދެނީ އެވެ. ވަގުތުން އެމީހާގެ ގައިގައި ބްލެންކެޓެއް އަޅައިގެން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ވަނީ ފަރުވާ ދޭން ފަށާފަ އެވެ. އެ މާމައަށް ބޮޑުދައިތަ ކިޔާ އަންހެނެއް ކަމަށްވާ ޓަޓިއާނާ ކުލިކޯވާ އަށް ހޮސްޕިޓަލުގެ ސީނީއާ ޑޮކްޓަރަކު ގުޅާފައި އޭނާ މަރުނުވާ ކަމަށާއި މަރުވި ކަމަށް ނިންމުނީ އެރި އޮޅުމަކުން ކަމަށް ބުނި ކަމަށް ވެއެވެ.

ކުލިކޯވާ އަށް އޭނާގެ ބޮޑުދައިތަ ދުނިޔޭގައި ހުރިކަން އެނގުމުން ވަރަށް އުފާވި އެވެ. ނަމަވެސް އޭނާ ހޮސްޕިޓަލުގެ ކަމާ ބެހޭ ސްޓާފުންނާ ވަރަށް މުހިއްމު ސުވާލެއް ކުރި އެވެ. މިފަދަ ކަމެއް ދިމާވީ ކިހިނެއް ހެއްޔެވެ؟

ޑޮކްޓަރުން ކުލިކޯވާ ކައިރީގައި ބުނީ ކޮނޮކޯވާ "ކްލިނިކަލީ ޑެޑް"ކަމަށް ބަލާ ހާލަތުގައި މަދުވެގެން 15 މިނިޓް އޮތް ކަމަށެވެ. އޭނާ މަރުވި ކަމަށް ނިންމާފައިވަނީ އެހެންވެ އެވެ. އޭނާ އަލުން ދިރުނު ގޮތެއް ޑޮކްޓަރުންނަކަށް ބުނެއެއް ނުދެވުނެވެ. ކުލިކޯވާ ބުނި ގޮތުގައި ބޮޑުދައިތަ އަށް އޭނާއެއް ނޭނގުނެވެ. ނަމަވެސް ސާޖަރީއެއް ހެދިކަން ހަނދާން ހުއްޓެވެ. އަދި މާ ކުރިއްސުރެ ރިއްސާ ކަކުލެއްގެ ވާހަކައެއް ހަނދާން ހުއްޓެވެ.

ރަޝިޔާގެ ހޮސްޕިޓަލުތަކުގައި އާއްމުކޮށް ކަންތައް ކުރަން ކަނޑައަޅާފައި އޮންނަ ގަވައިދަކީ މަރުވީ ކަމަށް ނިންމާތާ ދެ ގަޑިއިރު ފަހުން މޯގަށް ފޮނުވުމެވެ. ނަމަވެސް ކޮނޮނޯވާ މޯގަށް ފޮނުވާފައިވަނީ މަރުވި ކަމަށް ނިންމިތާ އެއްގަޑި 20 މިނިޓް ފަހުން ކަމަށް އޭނާއަށް ފަރުވާ ދިނުމުގައި އުޅުނު ހޭނައްތާ ޑޮކްޓަރަކާއި އާދައިގެ ޑޮކްޓަރެއް ބުނެފައި ވެއެވެ.

އެކްޓިން ހޮސްޕިޓަލު ހެޑް އެލެކްސެންޑާ ވްލާސޯވް ވިދާޅުވީ ގޯސް ހެދިފައިވަނީ ހޭނައްތާ ޑޮކްޓަރަށް ކަމަށެވެ. އަދި އޭނާ ވަނީ މިހާރު ސަސްޕެންޑް ކޮށްފައި ކަމަށާއި އެ ޑޮކްޓަރުގެ ކުރިމަގާ މެދު އެއްޗެއް ބުނަން ނޭނގޭ ކަމަށް ހޮސްޕިޓަލުގެ އިސް ވެރިޔާ ބުނެފައި ވެއެވެ.

މިހާރު ކުނިނޯވާގެ އާއިލާއިން ދަނީ މި މައްސަލައިގައި ހޮސްޕިޓަލާ ދެކޮޅަށް ދައުވާ ކުރަން ތައްޔާރު ވަމުންނެވެ.