ކުޅިވަރު

ލިވަޕޫލްގެ ޓައިޓަލް ޑިފެންސް ފަށާނީ ލީޑްސްގެ މެޗުން

ތަށި ދިފާއު ކުރަން އާ ސީޒަންގައި ނުކުންނަ ޗެމްޕިއަން ލިވަޕޫލުން ކުޅޭ ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި ލީގަށް ޕްރަމޯޓްވި ލިޑްސް ޔުނައިޓެޑާ ދެކޮޅަށް ނިކުންނަން ޖެހިއްޖެ އެވެ.

ލިވަޕޫލްގެ ހޯމް ދަނޑު އެންފީލްޑްގައި ކުޅޭ އެ މެޗު އޮންނާނާ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. ތަށި ދިފާއު ކުރަން ނުކުންނަ ޗެލެންޖުގައި އަންނަ ސީޒަން ވެގެންދާނީ ބުރަ އަދި އުނދަގޫ ސީޒަނަކަށެވެ. އަންނަ އަހަރު ޖޫން 12 ގައި ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާތީ، އެ މުބާރާތަށް އެކަށީގެންވާ ވަގުތު ދޭން ސީޒަން މެއި މަހު ނިންމާލަން ޖެހޭތީ ޝެޑިއުލްގެ ގިނަ މެޗުތަކެއް ކައިރިކައިރީގައި ކުޅެން ޖެހޭނެ އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް އަދި ޔޫރޮޕާ ލީގްގެ ސެމީ ފައިނަލަށް ދަތުރު ކުރި މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓަޑަށް ލަހުން ސީޒަން ނިމުމުން އެ ދެ ޓީމު މެޗުތައް ފަށާނީ އެހެން ޓީމުތަކަށް ވުރެ އެއް ހަފުުތާ ފަހުންނެވެ. ލީގްގެ ޝެޑިއުލް ނެރުނުއިރު އެންމެ ފުރަތަމަ ދެ މެޗަކަށް ހަމަޖެހިފައި ވަނީ ބާންލީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި ސިޓީ އާއި އެސްޓަން ވިލާގެ މެޗުތަކެވެ. އެހެންނަމަވެސް އެ ދެ މެޗުންވެސް މިހާރު ވަނީ ފަސް ކޮށްފަ އެވެ.

ޗެމްޕިއަންސް ލީގްގެ ކޮލިފިކޭޝަންގައި ވާދަ ކުރާ ސިޓީން ފުރަތަމަ މެޗު ފަށާނީ ބްރޮއިޓިން އާ ދެކޮޅަށެވެ. ޗެމްޕިއަންޝިޕްގެ ޕްލޭއޮފް ކާމިޔާބު ކޮށް ޕްރިމިއާ ލީގް ޖާގަ ހޯދި ފުލްހަމް ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. ލިޑްސްގެ މެޗަށް ފަހު ލިވަޕޫލް އާއި ޗެލްސީ ކުޅޭ މެޗު 19 ވަނަ ދުވަހު އޮންނާނެ އެވެ.

ލީގް ފަށާ ފަހުން އެންމެ ބުރަ ޝެޑިއުލްއެއް އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އަށެވެ. ސެޕްޓެމްބަރު ނިމުމުން ނުނީ އެ ޓީމަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެ އެވެ. ޔޫރޮޕާ ލީގްގެ ކޮލިފައިންގައި އެ ޓީމަށް ތިން މެޗު އޮންނާނެ އެވެ. ލީގް ކަޕްގައި ދެ މެޗު އެ ޓީމުން ސެޕޓެމްބަރުގައި ކުޅެނެ އެވެ. ލީގްގެ ފުރަތަމަ މެޗުގައި އެ ޓީމު ނުކުންނާނީ އެވަޓަން އާ ދެކޮޅަށެވެ. ޕްރިމިއާ ލީގްގެ ކުޅުން ނިމޭނީ އަންނަ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.