ލައިފްސްޓައިލް

ކުއްޖެއްގެ ނޭފަތްތެރެއިން ލެގޯ ކޮޅެއް ދެ އަހަރު ފަހުން ނަގައިފި

ލެގޯ ސެޓެއްގައި އިން ކުޅޭ ކުޑަ ޕްލާސްޓިކް އަތެއް ކުއްޖެއްގެ ނޭފަތަށް ވަނުމުން އެ ނުނެގި ދެ އަހަރަށް ވުރެ ގިނަ ދުވަސްވުމަށް ފަހު އެ ނެގޭ ގޮތް ވެއްޖެ އެވެ.

ނިއު ޒިލެންޑްގެ ސައުތުލެންޑްގެ ޑުނެޑިންގައި ދިރިއުޅޭ ސަމީރް އަންވަރް 2018 ގެ ދުވަހެއްގައި ލެގޯ ކުޅެން އިނދެފައި އޭގެ އެތިކޮޅެއް ނޭފަތަށް ކޮއްޕާލީ އެވެ. އޭނާގެ ބައްޕަ މުއްދަސިރް ހަމަ އެ ދުވަހު ޓޯޗު އަލިކޮށްގެން ނޭފަތުގައި އިން އެތި ފެނޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާއަށް އެ ފެންނަ ގޮތް އެ ދުވަހަކު ނުވި އެވެ. މިކުއްޖާ ޑޮކްޓަރަށް ދެއްކުމުން އޭރު ޑޮކްޓަރު ބުނީ އަމިއްލައަށް އޭތިކޮޅު ވެއްޓޭނެ ކަމަށާއި މާ ގިނަ ދުވަހު އެ ގޮތަށް ހަރުލާފައި ނީންނާނެ ކަމަށެވެ.

ސަމީރްގެ ބައްޕަ ބުނީ އެ ލެގޯކޮޅު ފެންނަން ނެތުމުން ނޭފަތުގައި އެ ނެތްކަމަށް އެމީހުން ޔަގީންކޮށް އެކަމާ އަޅާ ނުލާ ތިބީ ކަމަށެވެ. ނަމަވެސް ކުޑަ ކުޑަ ސަމީރަކަށް އޭނާގެ ލެގޯ ކޮޅު ނޭފަތުން ވެއްޓުނުކަމެއް އޭރު ވެސް ޔަގީން ކަމެއް ނެތެވެ. އޭނާ ދިޔައީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބައްޕަ ކައިރީގައި އެ ޝަކުވާ ކުރަމުންނެވެ.

"އޭނަ ބުނޭ އޭތިކޮޅު އެބަ އިނޭ ތިމަންނަގެ ނޭފަތުގައި،" ސަމީރުގެ ބައްޕަ ބުންޏެވެ.

އޭގެ ފަހުން ދެ އަހަރު ފާއިތުވެފައިވާތީ ސަމީރުގެ އާއިލާގެ މީހުން ހީކުރީ ހަމަ ހަގީގަތުގައި ވެސް އޭތިކޮޅު ވެއްޓިފައިވާ ކަމަށެވެ.
ބީބީސީގައިވާ މި ޚަބަރުގައިވާ ގޮތުން މި ހަފުތާ ތެރޭގައި ސަމީރް އޭނާގެ އާއިލާއާއެކު ބޭރަށް ގޮސް މަފިން އެއް ކަނިކޮށް އޭގައި ހާކާފައި ހުރި ކުނޑިތަކެއް އޭނާގެ ނޭފަތަށް ވަދެ ނޭފަތަށް އުނދަގޫ ވާން ފެށީ އެވެ.

"އަހަރެމެން ބުނިން އޭނާޔަށް އެއްޗެއް އިންހެން ހީވަނީ އޭ. ގޮސް ނޭފަތް ފޮޅާލާށޭ. ދެން އެ ފަހަރު ނޭފަތް ފޮޅާލިތަނާ ކަޅުކުލައިގެ އަތެއްހެން އިން ލެގޯކޮޅު ޓިޝޫ އަށް ވެއްޓުނީ،" ސަމީރުގެ ބައްޕަ ބުންޏެވެ.

މި ލެގޯ ކޮޅު ފެނިފައި އާއިލާގެ އެންމެންނަށް ލިބުނީ ޝޮކެކެވެ. ސަމީރަށް އެ ލެގޯކޮޅު ފެނުމުން ވަރަށް އުފާވި އެވެ. އަދި އޭތި އިން ވާހަކަ ތަކުރާރުކޮށް އާއިލާގެ މީހުން ކައިރީގައި ބުނަމުންދިޔަކަން ސަމީރު އެމީހުންނަށް ހަނދާން ކޮށްދިނެވެ.