ލައިފްސްޓައިލް

ނުކައި ނުބޮއި ގޭމް ކުޅުނު ކުއްޖެއް މަރުވެއްޖެ

ކެއުމެއް ބުއިމެއް ނެތި ދުވާލުގެ ހަތަރު ދަމު ވީޑީއޯ ގޭމް ކުޅުމުގައި ހޭދަކުރި އިންޑިޔާގެ އަންދްރަ ޕްރަދޭޝްގެ 16 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ. އޮގަސްޓް 10 ވަނަ ދުވަހު މި ކުއްޖާ މަރުވިއިރު ފޯރިއަރުވާފައި ކުޅުނީ ޕަބްޖީ ނުވަތަ (ޕްލެޔައަންނޯންސް ބެޓްލްގްރައުންޑްސް) އެވެ. މި ކުއްޖާ ކެއިން ބުއިން ވެސް ހުއްޓާލާފައި ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއް މި ގޭމް ކުޅުމުގައި ހޭދަކޮށްފައިވާ ކަމަށް އަންދްރަޕްރަދޭޝް މީޑިއާ އިން ބުނެފައި ވެއެވެ.

މި ކުއްޖާ ބަލިވާން މެދުވެރިވީ ފެން ބުއިމެއް ކެއުމެއް ނެތި ގޭމް ކުޅެން އިނުމުގެ ސަބަބުން ގައިން މާ ބޮޑަށް ފެންމަދުވެގެންނެވެ.
ކުއްޖާއަށް ދެން ދިމާވާން ފެށި ގޮތަކީ މާ ގަދަޔަށް ބޭރަށް ހިންގަން ފެށީ އެވެ. އާއިލާގެ މީހުން މި ކުއްޖާ ވަގުތުން ޕްރައިވެޓް ހޮސްޕިޓަލަށް ގެންދިޔަ އެވެ. ބޭރަށް ހިންގުން އިންތިހާއަށް ގޮސްފައިވާތީ އެކަން ހުއްޓުވަން މި ކުއްޖާގެ ސާޖަރީ އެއް އެ ހޮސްޕިޓަލުގައި ހެދި އެވެ. މި ކުއްޖާ މަރުވީ ސާޖަރީ ހަދައިގެން ވެސް ބަލިން ސަލާމަތް ނުވެވިގެންނެވެ.

ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޖީ.އާރް ރާދިކާ ވިދާޅުވި ކަމަށް ލޯކަލް މީޑިއާއިން ބުނެފައިވާ ގޮތުގައި ސައިބަ ކުށްތައް ކުރުވާ މީހުން ކުޑަކުދިން އޮންލައިން ގޭމަށް ދަހި ކުރުވައި އަދި އެއަށް ހިތް ޖައްސުވަ އެވެ. ބައެއް ފަހަރަށް އެ މީހުން ކުޑަ ކުދިން އެމީހުންގެ މަޅީގައި ޖައްސައި އެ ކުދިންގެ ކޮންޓްރޯލް އަތުލަނީ ގާނޫނާ ޚިލާފު ކަންތައްތައް ކުރުވައިގެންނެވެ.

ޕޮލިސް ސުޕްރިންޓެންޑެންޓް ވިދާޅުވި ގޮތުގައި އެހިސާބުގަނޑުގެ މައިންބަފައިންނާއި ކުދިންނަށް އަމާޒުކޮށް ސައިބަ ކްރައިމް އަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަން މިހާރު ދަނީ ރާވަމުންނެވެ. އެއީ މިފަދަ ގޮތްގޮތަށް ކުދިންނަށް ދިމާވާލެއް އިތުރުވަމުން ދާތީ އެވެ.

ޕަބްޖީ އަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ކަހަލަ ގޮތަކަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުޅޭ އޮންލައިން ގޭމެކެވެ. އަދި މި ގޭމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒު ވެފައި ވެއެވެ. މި ގޭމަށް ދެވި ހިފާލެއް ބޮޑުކަމާއި ކުޑަކުދިންނާއި ޒުވާނުން މި ގޭމުގެ ސަބަބުން ހަލާކުވަމުންދާ ކަމުގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މާޗް 2019 ގައި އިންޑިޔާގެ ގުޖްރާތުގައި މި ގޭމް މަނާ ކުރި އެވެ. އެއީ ކުދިން މާ ބޮޑަށް މި ގޭމަށް ދެވި ހިފާތީ އާއި އަނިޔާވެރިކަމުންނެވެ. އަދި މިއީ އިމްތިހާނު އޮންނަ ދުވަސްވަރު ކުދިންނަށް ފިލާވަޅުތައް ދަސްކުރުމަށް ހުރަސް އެޅޭ އެއްޗެއް ކަމަށް ބުނެފަ އެވެ.