ހަބަރު

ލަންކާގެ ކުރީގެ ސަރުކާރުގެ ބޭފުޅަކު "ފިލަން" ރާއްޖެއަކަށް ނާދޭ: ފޮރިން މިނިސްޓްރީ

Jan 10, 2015

ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބުން މަހިންދަ ރާޖަޕަކްސަ އަށް ނާކާމިޔާބުވުމާ އެކު އޭނާގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން "ފިލަން" ރާއްޖެ ވަޑައިގެންފައިވާ ކަމަށް މީޑިއާގައި ދައްކާ ވާހަކަ އަކީ ދޮގެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައި ވަނީ ހުކުރު ދުވަހު ބޭއްވި އިންތިހާބުން ރާޖަޕަކްސަ އަށް ނާކާމިޔާބު ވާނެކަން ޔަގީންވުމާ އެކު ރާޖަޕަކްސަގެ ކޮއްކޮ ޑިފެންސް ސެކްރެޓަރީ ގޮތަބަޔަ ރާޖަޕަކްސަ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ވަޑައިގެންފައިވާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން އިއްޔެ ބުނެފައިވެ އެވެ.

ލަންކާގެ ކުރީގެ ސަރުކާރުގެ ބައެއް ބޭފުޅުން އެކި ގައުމުތަކަށް ފުރާވަޑައިގެންފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ލަންކާގެ ކުރީގެ ސަރުކާރުގެ އެއްވެސް ބޭފުޅަކު ހިމާޔަތަކަށް އެދިފައި ނުވާ ކަމަށެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނި އިރު ފޮރިން މިނިސްޓަރު ދުންޏާ މައުމޫނާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް ވަނީ ލަންކާގެ އިންތިހާބު ކާމިޔާބުކުރި މައިތިރިޕަލަ ސިރިސޭނާގެ ސަރުކާރާ ބައްދަލު ކުރުމަށް ލަންކާ އަށް ވަޑައިގެންފަ އެވެ. އާ ސަރުކާރުގެ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހައާ ދުންޏާ ބައްދަލުކުރެއްވުމަށް ފަހު ވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގާތް ގުޅުން ލަންކާގެ އާ ސަރުކާރާ އެކު ވަރުގަދަވެގެން ދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.