ވިލާ ޓްރެވަލްސް

ވިލާ ޓްރެވަލްސް އާއި ވެސްޓަން ޔޫނިއަން އާ އިމާރާތަކަށް

Aug 22, 2020

އެއް އިމާރާތެއްގައި ހިންގަމުން އައި ވިލާ ޓްރެވަލްސްގެ ހުރިހާ ހިދުމަތްތަކާއި ވެސްޓަން ޔޫނިއަންގެ އޮފީހުގެ ހިދުމަތްތައް އާ އިމާރާ ތަކަށް ބަދަލު ކޮށްފި އެވެ.

ވިލާ ޓްރެވަލްސްގެ ދަށުން ރާއްޖޭގައި ހިންގަމުން ގެންދާ އިންޓަނޭޝަނަލް މަނީޓްރާންސްފާ ވެސްޓަން ޔޫނިއަން އޮފީސް ބަދަލު ކޮށްފައި ވަނީ މަޖީދީމަގުގައި ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހިންގި އިމާރާތަށެވެ. އެ ތަނުން ހިދުމަތް ފެށި ނަމަވެސް ނަން ބޯޑު ހަރު ކުރުން ފަދަ ބައެއް ތައްޔާރީތައް އަދި ވެސް ނުނިމެ އެވެ.

ވިލާ ޓްރެވަލްސްގެ މެނޭޖަރު ފަރުހާދު އަބްދުލް ލަތީފު ވިދާޅުވި ގޮތުގައި އިމާރާތް ބަދަލު ކުރުމާއެކު ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ވެގެންދާނެ އެވެ.

"މިހާރު ދެ ފްލޯ އިން ހިދުމަތް ދެވޭނެ. މިހާރު ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ވާނެ. ކިއުބީ އިން އޮންލައިންކޮށް ނަމްބަރު ވެސް ދޫކުރާނެ،" ފަރުހާދު ވިދާޅުވި އެވެ.

ވިލާ ޓްރެވަލްސްއަކީ ރާއްޖެ އަންނަ ގިނަ އެއާލައިންތަކެއްގެ ޓިކެޓު ވިއްކަމުން ގެންދާ ކުންފުންޏެވެ. އެ ކުންފުނިން ޓިކެޓު ވިއްކާ އެއް އެއާލައިންއަކީ އިންޑިއަން އެއާލައިނެވެ. މި އެއާލައިނުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަނީ އަލުން ދަތުރުތައް ފަށާފަ އެވެ.