ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވްވި 33 މީހަކަށް ނުގުޅުނު: އެޗްއީއޯސީ

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 33 މީހަކު ގުޅިފައިނުވާތީ އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދެވިފައިނުވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިއަދު ބުނީ އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި 348 މީހަކު ތިބި ކަމަށެވެ. އެއީ ތަފާތު އެކި ސަބަބުތައް މެދުވެރި ވެގެންނެވެ. އެގޮތުން 89 މީހަކު ފެސިލިޓީތަކަށްދާން ދެކޮޅު ހަދާފައިވެއެވެ. އަދި 18 މީހަކު ފެސިލިޓީތަކަށް ނުގޮސް ތިބީ އާއިލާގެ އެހެން މީހުންގެ ނަތީޖާތައް ލިބެންދެން ކަމަށް އެ ސެންޓަރުން ބުންޏެވެ. މިހާތަނަށް 33 މީހަކާއި ނުގުޅިގެން އެ މީހުންވެސް ފެސިލިޓީތަކަށް ގެންދެވިފައެއްނުވެއެވެ.

އަދި މި ވަގުތު 194 މީހަކު ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްއޯއީސީން ވަނީ ބުނެފައެެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް މިހާތަނަށް ނުވަ ރިސޯޓެއްގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބަނޑޮހާއި އެރިޔަދޫއާއި ފަން އައިލެންޑް އާއި ރޯޔަލް އައިލެންޑް އާއި މެދުފުއްޓާ ފިލިތެޔޮ ވެސް ހިމެނެ އެވެ. އަތޮޅުތަކުގެ އެހެން ބައެއް ރިސޯޓުތަކާއި މަރުކަޒުތަކުގައި ވެސް ފަރުވާދެވޭ ގޮތް ހަމަޖައްސާފައިވެ އެވެ.

ކޮވިޑަށް ފަރުވާ ދޭން ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ވެސް 250 މީހުންގެ ޖާގަ އޮވެ އެވެ. އަދި މި ބަލީގައި ހާލު ބޮޑުވާ މީހުނަށް ފަރުވާ ދޭން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި ވެސް 16 އެނދެއް ހަމަޖައްސާފައި ވެއެވެ.