ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ނިންމުމާއެކު ރައްޔިތުން ރަތަށް

ކޮވިޑްގެ ބަލިމަޑުކަމުގެ ދެވަނަ ރާޅެއްގައި ރާއްޖެ ޖެހިއްޖެ އެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވްވެ އެވެ. އެކަމަށް މަޑުޖެހުމެއް ނާންނަތާ މަސް ދުވަސްވީ އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފަ އެވެ.

މާސްކު އެޅުން މަޖުބޫރުކޮށް ރޭގަނޑު 10:00 ކުން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގާފައި ވެއެވެ. ނަމަވެސް މީހުން ބައްޔަށް ޕޮޒިޓިވްވާ އަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ކާފިއު ހިންގަން ފެށިފަހުން ވެސް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2،000 ވުރެ މައްޗަށް އަރާފަ އެވެ. މިއީ ސިއްހީ ދާއިރާގެ ބޭފުޅުން ކުރިން ކޮށްފައިވާ އަންދާޒާއަށްވުރެ ވެސް އިތުރު އަދަދެކެވެ.

އެކަމާއި ގުޅިގެން އިތުރު ފިޔަވަޅުތައް އެޅުމަށް މަޝްވަރާ ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެންމެ ފަހުން ރޭ ވަނީ އާ ފިޔަވަޅެއް އިއުލާނު ކޮށްފަ އެވެ. އެގޮތުން ރޭގަނޑު 8:00 އިނޖް ފެށިގެން ފަތިހު 5:00 މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވެހިކަލް ދުއްވުން ވަނީ މަނާ ކޮށްފަ އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މި ފިޔަވަޅާއެކު އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް މީހުން ވަރަށް ރުޅިވެރިކަމާއެކު އެ ނިންމުމަށް ފާޑުކިޔާފައި ވެއެވެ. އެ ނިންމުން ނިންމާފައި ވަނީ ކޮން ކަންތައްތަކެއްގެ މައްޗަށް ބިނާ ކޮށްގެންތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

"ރޭގަނޑު އަށެއްގެ ފަހުން ކޮވިޑް ދަތުރު ކުރަނީ ވެހިކަލްގައިކަން ދިރާސާއަކުން ހާމަވެއްޖެ!،" އެޗްޕީއޭގެ ނިންމުމަށް ފާޑުކިޔާ މީހަކު ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.

ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެޗްޕީއޭގެ ނިންމުން ތަންފީޒު ކުރުމާއި ގުޅޭގޮތުން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ.

އެޗްއީއޯސީގެ އެ ބައްދަލްވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި ރެއިން ފެށިގެން އެކަން ތަންފީޒު ކުރާނެ ކަމަށާ އަދި އުސޫލާއި ހިލާފުވާ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

"އެކަން ތަންފީޒު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާއިރު ފުރަތަމަ ފަހަރު ނަސޭހަތްތެރިވާނަން. ދެވަނަ ފަހަރަށް މަނާ ގަޑީގައި އެ ވެހިކަލް ޗެކް ކުރެވިއްޖެނަމަ ޖޫރިމަނާ ކުރާނަން. އަދި އެކަން ތަކުރާރުވާނަމަ އެ ވެހިކަލެއް އަޅުގަނޑުމެން ޓޯ ކުރާނަން. އޭގެ ފަހުގައި އެ އުނޅަދެއް ދޫކުރެވޭނީ އެ ޖޫރިމަނާ ދެއްކުމަށް ފަހު،" ޝަރީފް ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ރައްޔިތުންގެ ރުޅިވެރިކަމުގެ ބަސްތައް އެޗްޕީއޭއަށް އަމާޒު ކޮށްފައިވާއިރު ބައެއް މީހުންގެ ނަޒަރުގައި މިއީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ނޫނެވެ. މިއީ ދައުލަތަށް ފައިސާ ހޯދަން އެޅި އިތުރު ފިޔަަވަޅެކެވެ.

މިހާރު ވެސް މާސްކު ނާޅާ މީހުންނާއި ކާފިއު ވަގުތު ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކޮށްގެން ދައުލަތަށް އެތައް ލައްކަ ރުފިޔާއެއް ހޯދާފައިވާކަން އާންމުން ވަނީ ހަނދާންކޮށްދީފަ އެވެ.

"ހެނދުނާއި މެންދުރު އަދި ހަވީރު ވެސް ކެފޭތަކާއި ހޮޓާތައް ފުރިފައި. ދެން ރޭގަނޑު އަށަކުން ފަހަކަށް ވެހިކަލްތައް ދުއްވުން މި ހުއްޓު ވަނީ ކީއްކުރަންބާ؟ ކާކު ކޮންތާކު ހުރެގެން ކޮން ވިސްނުމެއްގައި ނިންމާ ނިންމުމެއްތަކެއްގައި މިއީ،" ޑިރެެކްޓަރު ޖެނެރަލްގެ ނިންމުމަށް ފާޑުކިޔާ އާންމުގެ މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވެއެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް އެޅި އާ ފިޔަވަޅާއެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ އެޗްޕީއޭ އާއި ފުލުހުންނަށެވެ. ކޮވިޑްގެ ބަލި މީހުން ފެސިލިޓީތަކަށް ގެންދިއުމުގައި އަމަލު ކުރަމުންދާ ގޮތާއި ފެސިލިޓީތަކަށް ގެންގޮސް އަމަލު ކޮށްފައިވާ ގޮތް އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. އެޗްޕީއޭގެ އަތް ދަށުން ގޮސް ހެދިފައިވާ ގިނަ ގޯސްތަކެއްގެ ހަނދާންތައް ވަނީ އާ ކޮށްފަ އެވެ.

"ބަލި މީހުން ފެސިލިޓީއަށް ގެންދަން މި ގުޅަނީ މަރުވެގެން ޖަނާޒާ ބޭއްވީމަ. ނޫނީ ޓެސްޓް ކުރަން މި ގުޅަނީ ހޮސްޕިޓަލްގައި މަރާ ހަނގުރާމަ ކުރަމުން ދަނިކޮށް. ރައްޔިތުން ޖޫރިމަނާކޮށް ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުން ކީއްތޯ،" ފޭސްބުކްގައި މީހަކު ޖަހާފައިވާ ސްޓޭޓަސްއެއްގައި ވެއެވެ.

މީގެ އިތުުރުން ރޭގަނޑު ވަޒީފާއަށްދާން ޖެހޭ މީހުން ވެސް ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ކުދި ވިޔަފާރިތަކަށް މިކަމުން ލިބޭނެ ގެއްލުންތަކާއިމެދު ވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ރޭގަނޑު ފިހާރަތައް ބަންދު ކުރަން ޖެހޭ ވަގުތު އަވަސް ކުރިއިރު އަދިވެސް ފިހާރަތައް މި ހުޅުވެނީ ދިހައެއް ޖަހާއިރު. އެންމެ ކުޑަމިނުން ހެނދުނު ހަތެއް ޖަހާއިރު ފިހާރަތައް ހުޅުވުމުގެ ހުއްދަ ދެއްވާ،" މިނިސްޓަރު ފައްޔާޒަށް ޓެގްކޮށް މީހަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

އަދި ބައެއް މީހުން ވަނީ މީގެ ކުރިން މާލެ ސިޓީ ލޮކްޑައުންކޮށް ދެ މަހެއްހާ ދުވަސްވީއިރު ރައްޔިތުން އުޅެން ޖެހުނު ހާލު ސަރުކާރާއި ކަމާބެހޭ އިދާރާތަކަށް އެނގޭތޯ ވެސް ސުވާލު ކޮށްފަ އެވެ. މިދިޔަ ދުވަސްތަކުގައި އެތައް ބައެއްގެ ވަޒީފާ ގެއްލި، މުސާރައިން ބޮޑު ބައެެއް އުނި ކޮށްފައިވާއިރު އާމްދަނީ ލިބޭނެ މަގު އެެއްކޮށް ބަންދުވެފައިވާ އެތައް ބަޔަކު ތިބިކަން ވެސް ސަރުކާރަށް ވަނީ ހަނދާން ކޮށްދީފައި ވެއެވެ.

ބައެއް މީހުންގެ ނަޒަރުގައި މިއީ އެޗްޕީއޭގެ ނިންމުމެއް ނޫނެވެ. މިއީ ސިޔާސީ ނިންމުމެކެވެ. އަދި އެޗްޕީއޭގެ ނިންމުންތަކަކީ ސިޔާސީ ނިންމުންތަކެއް ކަމަށާ އެއީ ސަރުކާރުން އަންގައިގެން ކުރާ ކަމެއް ކަމަށް އެމީހުން ސިފަ ކުރެ އެވެ.