މަސްތުވާތަކެތި

ޑުރަގާއެކު ދެ ރަށަކުން ދެ މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއެކު ދެ ރަށަކުން ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ތ. ގުރައިދޫ އާއި މ. މުލިން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ގުރައިދޫން މީހަކު ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން މިއަދު އެމީހާ ދިރިއުޅޭ ގެ ބަލާ ފާސް ކުރުމަށް ފަހު އެވެ. ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެކެވެ.

ފުލުސް އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 22 ވަނަ ދުވަހު މ. މުލިން ވެސް ވެސް ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ މާލެއިން މުއްޔަށް ދިޔަ ބޯޓަކުން ބޭލި ކޮތަޅެއް ހިފައިގެން ދަނިކޮށް ކަމަށެވެ.

އެމީހާ ހުއްޓުވައި ބަލައި ފާސްކުރަން އުޅުމުން އޭނާގެ އަތުގައި އޮތް ކޮތަޅު އެއްލާލާފައިވެ އެވެ.

މަސްތިވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާއިރު އިއްޔެ ވަނީ މާލޭގެ ދެ ގެއެއް ބަލާ ފާސްކޮށް 250 ފުޅި ބަނގުރަލާއި މަސްތިވާތަކެތި އަތުލައި މީހަކު ހައްޔަރު ކޮށްފަ އެވެ.