ހަބަރު

މުއްޔަށް ޑުރަގް އެތެރެ ކުރި ދެ މީހަކު ހައްޔަރު ކޮށްފި

ލ. އަތޮޅުން މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މުއްޔަށް އައި ލޯންޗަކުން ފޭބި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ ރަށު ބަނދަރު ސަރަހައްދުން ކަމަށެވެ.

އަދި އެ ދެ މީހުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ބެލެވިގެން އިތުރަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް އެކަކުގެ ހަށިގަނޑުން ފެނިފައިވާ ކަމަށާއި އަނެއް މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެކެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.