ލައިފްސްޓައިލް

ފިރިމީހާ މާ ބޮޑަށް ލޯބިވާތީ މީހަކު ވަރިވާން ކޯޓަށް

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ސަމްބަލް ޑިސްޓްރިކްޓްގައި ދިރިއުޅޭ އަންހެނަކު ފިރިމީހާ ކައިރިން ވަރިވާން ކޯޓަށް ހިނގައްޖެ އެވެ. މި ދެ މީހުންގެ ކައިވެންޏަށް އަދި ވީ އެންމެ 18 މަހެވެ. ސަމްބަލްގެ ޝަރީއާ ކޯޓުގައި އަންހެންމީހާ ވަރިވާން އެދޭ ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާ ދެކެ ފިރިމީހާ މާ ބޮޑަށް ލޯބިވާތީ އެވެ. އަދި އެއްގޮތަކަށް ވެސް އަރާރުން ނުވާތީ އެވެ.

އުއްތަރު ޕްރަދޭޝްގެ ނޫހަކުން ބުނެފައިވާ ގޮތުގައި ފިރިމީހާގެ އަމަލުތައް ހުންނަ ގޮތް އަންހެންމީހާ އަށް ހަޖަމު ކުރަން އެހާ ފަސޭހަ ނޫން ކަމަށް އޭނާ ބުނެ އެވެ. އަންހެންމީހާ ބުނަނީ ކައިވެނި ކޮށްގެން ފާއިތުވީ 18 މަސް ދުވަހުގެ ތެރޭގައި އެންމެ ފަހަރަކު ވެސް ފިރިމީހާ އާއި އޭނާ އަރާރުމެއް ނުވެ އެވެ. އެކަމާ އޭނާ މިހާރު ހުރީ ފޫހި ވެގެން ގޮސް ހަދާނެ ގޮތް ހުސްވެފަ އެވެ.

ކެއްކުމުގަޔާއި ގޭގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި ވެސް ފިރިމީހާ އޭނާއަށް އެހީތެރިވާ ކަމަށް ވެސް އަންހެންމީހާ ބުންޏެވެ.

"އޭނާ [ފިރިމީހާ] ދުވަހަކުވެސް އަހަރެން ދެކެ ރުޅި އައިސްގެން ހަޅޭއްލަވައެއް ނަހަދާ. އަދި އަހަރެން ކޮންމެ ފަދަ ކަމެއް ކުރިޔަސް އޭނާ އެކަމަކާ ހިތްހަމަ ނުޖެހިގެނެއް ނޫޅޭ. މިފަދަ މާހައުލެއްގައި އަހަރެންނަށް ނޭވާ ހާސްވާ ކަހަލަ ގޮތްތަކެއް އިހްސާސް ވަނީ،" އަންހެންމީހާ ބުނި ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

އަންހެންމީހާ އިތުރަށް ބުނި ގޮތުގައި އޭނާއަށް ކުށެއް ކުރެވުނަސް ފިރިމީހާ ރުޅި ނައިސް އޭނާއަށް މައާފު ކުރެ އެވެ. އެފަދަ ވަގުތުގައި ވެސް ފިރިމީހާ އާ ޒުވާބު ކުރާ ހިތް ވިޔަސް ފިރިމީހާ އޭނާއާ ޒުވާބު ނުކުރާ ކަމަށް ވެސް އަންހެންމީހާ ބުންޏެވެ. އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ ކުރާ ހުރިހާ ކަމަކަށް އެއްބަސްވާ ފިރިއަކާ އެކު އޭނާއަކަށް ދިރިއެއް ނޫޅެވޭނެ އެވެ.

ޝަރިއާ ކޯޓުން މި މައްސަލަ ބެލި ގާޒީ ވެސް އަންހެންމީހާ ދެއްކި ވާހަކަތަކުން ވަރަށް ބޮޑަށް ހައިރާންވި އެވެ. އަދި އަންހެންމީހާ ވަރިއަށް އެދި ހުށަހެޅި ހުށަހެޅުން ކޯޓުން ބަލައި ނުގަތެވެ. އަންހެން މީހާ ދައްކާ ވާހަކަތަކަކީ ސިކުނޑިއަށް ގަބޫލު ކުރެވޭ ޒާތުގެ ވާހަކަ ތަކަކަށް ނުވާ ކަމަށް ބުނެފަ އެވެ.

ފިރިމީހާ ކައިރިން ވަރިވާން ބޭނުންވާ އެހެން އެއްވެސް ސަބަބެއް އެބައޮތްތޯ ވެސް އަންހެންމީހާ ކައިރީ ގާޒީ ސުވާލު ކުރި އެވެ. އަންހެންމީހާ ބުނި ކަމަށް ވަނީ އެހެން އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަންހެންމީހާ އަށް ހެޔޮކޮށް ކަންތައް ކުރުމަކީ އޭނާއަށް ގޯސްކޮށް ކުރެވުނުކަމެއް ކަމަކަށް ފިރިހެންމީހާ އެއް ގަބޫލެއް ނުކުރެ އެވެ. ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަ ފިރިއަކަށް ވާން އޭނާ ބޭނުންވާތީ އެގޮތަށް ކަންތައް ކުރީ ކަމަށް ފިރިމީހާ ބުނި ކަމަށް ވެއެވެ.

ކޯޓުގައި ފިރިހެންމީހާ އެދުނީ އޭނާގެ އަންހެނުން ހުށަހެޅި މައްސަލަ ނުބަލައި ރައްދު ކޮށްދިނުމަށެވެ. އަދި ކޯޓުން އަމަލު ކޮށްފައި ވަނީ ފިރިހެންމީހާ އެދުނު ގޮތަށެވެ. ކޯޓުން މި ދެމަފިރިންނަށް އަމުރުކުރީ ދެ މީހުން ވާހަކަ ދައްކައިގެން މި މައްސަލައަށް ހައްލެއް ހޯދުމަށެވެ.