ލައިފްސްޓައިލް

ކޮވިޑް ބިރުގަންނަ މީހުނަށް ޖަޕާނުގެ ސަންދޯއް ތަޖުރިބާ

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި އަބަދު ބިރު ގަނޭ ހެއްޔެވެ؟ ހިތް ބިރުގަންނަވަރުން މާ ބޮޑަށް ސްޓްރެސް ވުމަކީ ވެސް ރަނގަޅުގޮތެއް ނޫނެވެ. ސްޓްރެސް ވާނަމަ އެ މީހެއްގެ ގައިގައި ކުރިއްސުރެ ބައްޔެއް ހުރިނަމަ އެ ބައްޔެއް އިތުރަށް ގޯސް ވެދާނެ އެވެ. އަދި ބަލި ނެތް މީހުންނަށް ތަފާތު ބަލިތައް އަލަށް ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި ގޮތަށް ބިރުގަންނަ މީހުންގެ ސްޓްރެސް ފްރީ ކޮށްލާ ބަލީގެ ކަންކަން ހަނދާން ނައްތާލަން އެހީތެރިވުމުގެ ގޮތުން ޖަޕާނުގެ ގްރޫޕަކުން މިހާރުވަނީ މުޅިން އާ އީޖާދެއް ކޮށް އެކަން މިހާރު އަމަލީ ގޮތުން ވެސް ވަނީ ކުރަން ފަށާފަ އެވެ. ބިރުގަންނަ މީހުން ލާން މި ގްރޫޕުން ތައްޔާރުކޮށްފައި ވަނީ ސަންދޯއް ތަކެކެވެ. އެ ސަންދޯކުގެ ވަށައިގެން ތިބެނީ ބޮޑެތި ޗެއިންސޯ ދިއްކޮށްގެން ތިބޭ ޒޮމްބީ ތަކެކެވެ.

ޓޯކިޔޯގައި ހުންނަ މި ތަނަށް ހަފުތާ ބަންދުގައިދާ ކަސްޓަމަރުންނަށް އެ ތަނުން ދެނީ ދެ މީޓަރު (ހަ ފޫޓު ބައި) ހުރި ސަންދޯއް ގޮތަށް ހުންނަ ފޮށިގަނޑެކެވެ. އެ ފޮށީގަނޑުގައި ކުޑަ ދޮރު ކަނޑާފައިހުރެ އެވެ. މީގެ ތެރޭގައި އެމީހާ އޮންނައިރު ބިރުވެރި ވާހަކަތައް އަޑު އަހަން ޖެހެ އެވެ. އަދި ފޮށީގެ ވަށައިގެން އެކްޓަރުން ބިރުވެރި ކަންތައްތައް ޕާފޯމް ކުރާނެ އެވެ. ބައެއް ފަހަރަށް ބިރުވެރި އަތެއް އެމީހުންނާ ދިމާލެއް ކުއްލިއަކަށް އަތުވެދާނެ އެވެ. އަނެއްބައި ފަހަރަށް އެމީހުންގެ ގަޔަށް ފެން އެއްޗެއް ޖަހާފާނެ އެވެ. މިފަދަ ވަރަށް ގިނަ ކަންތައްތައް މި ފޮށީގައި އޮންނަ ވަގުތު ތަޖުރިބާ ކުރެވޭނެ އެވެ.

"ބަލިމަޑުކަމާ ހެދި އެންމެންނަށް ވެސް ވަރަށް ބޮޑަށް ސްޓްރެސް އާ ވަނީ ކުރިމަތިވެފަ. އަހަރެމެން އުންމީދުކުރަނީ މި ސަންދޯކުގައި އޮވެ ބާރަށް ހަޅޭއްލަވާލަން ލިބުނީމަ މި މީހުންގެ ސްޓްރެސްގެ ބޮޑު ބައެއް ދާނެ ކަމަށް،" މިކަން އިންތިޒާމްކުރާ ކުންފުނީގެ ކޯޑިނޭޓަރު ކެންޓާ އިވާނާ ބުންޏެވެ.

"ސްކެއަ ސްކޯޑު" ގެ ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ސަންދޯކުގައި އޮންނަން ޖެހެނީ 15 މިނެޓު އެވެ. އެ ވަގުތުގެ ތެރޭގައި ވަރަށް ރަނގަޅު ޝޯއެއް މި މީހުންނަށް ފެންނާނެ އެވެ.

ކޮވިޑް-19ގެ ހާލަތު ޖަޕާނުގައި އަނެއްކާވެސް ގޯސް ވާން ފަށާފައިވާއިރު އިވާނާ، 25، ގެ ކުންފުނީގައި އޭނާ އަށް މަސައްކަތްކޮށްދޭ އެކްޓަރުންނަށް މަސައްކަތް ލިބޭލެއް މިހާރު ވަނީ ވަރަށް މަދުވެފަ އެވެ. އެމީހުންނަކީ ކުރިން ޖަޕާނުގެ އެކި ހިސާބުތަކުގައި ހުންނަ ތީމް ޕާކުތަކުގައި ޕާފޯމް ކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ބައެކެވެ. ނަމަވެސް މި މީހުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތިފައި ތިއްބާ އިވާނާ އެމީހުން ގޮވައިގެން މި މަސައްކަތް ފެށީ އެވެ.