ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހާލަތު ގޯސް، ފަރުވާ ދޭނެ މީހުން ނެތް: ޝީނާ

ކޮވިޑް-19 ބަލި ފެތުރުން އިތުރުވެފައިވާއިރު ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތީ ކޭޓާ ނުކުރެވޭފަދަ ހާލަތެއްގައި ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ކޮވިޑް ބަލި ކޮންޓްރޯލް ކުރެވިފައިވަނިކޮށް އަނެއްކާވެސް ބަލި ފެތުރޭ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. އެކަމާއި ގުޅިގެން އިތުރު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

މިއަދު ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެގެން ދިއުމާއެކު، އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލުގެ އެނދުތައް 62 ޕަސަންޓް ފުރިފައިވާކަމަށާ އެއީ ކަންބޮޑުވާ ޖެހޭ މިންވަރެއް ކަމަށް ޝީނާ ވިދާޅުވިއެވެ.

ޝީނާ ވިދާޅުވީ ރާއްޖެއިން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު މަދުނަމަވެސް ގިނަ ބަޔަކަށް އައިސީޔޫގައި ފަރުވާދޭން ޖެހުމަކީ މަރު އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

"އެހެން ގައުމުތަކުގައި މީހުން މަރުވެގެން މި ދިޔައީ ސިއްހީ ނިޒާމު ބާޑަންވެގެން ގޮސް، އެމީހުންނަށް ކޭޓާ ނުކުރެވިގެން. ނަންބާސްތައް އަންނަލެއް ފާސްޓްކަމުން އެމީހުން ލާނެ އެނދު ނެތި، އެމީހުންނަށް ކޭޓާ ކުރާނެ ޑޮކްޓަރުން، ނާސަސް ނެތިގެން،"

ޝީނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުވެސް މިހާރު އޮތީ އެފަދަ ހާލަތެއްގައި ކަމަށެވެ. ބަލި ޖެހޭ މިންވަރަށް ބަލާއިރު އެމީހުންނަށް އެޓެންޑް ކުރަން އެކަށީގެންވާ ވަރަށް ޑޮކްޓަރުން އަދި ނަރުހުންވެސް ނެތް ކަމަށް ވިދާޅުވިއެވެ.

އާންމު ހާލަތުގައި އެޑްމިޓްކުރާ ބަލި މީހުން ބަލަހައްޓަން ކޮންމެ ފަސް އެނދަކަށް ނަރުހެއް ހުންނަ ކަމަށާ ނަމަވެސް މިއަދު އެ އަދަދު އިތުރުވެފައިވާތީ ކޮންމެ ތިރީސް އެނދަކަށް އެޓެންޑް ކުރަން ޖެހެެނީ އެންމެ ނަރުހަކަށް ކަމަށް ވިދާޅުވިއެވެ.

"ޕޮައިންޓަކީ ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު މި އޮތީ ބާޑަންވެފައޭ. ކޭޓާއޭ ނުކުރެވޭ. މެނޭޖް ކުރަނީ ކޮންމެވެސް ގޮތަކަށް. ދެން މިރޭޓުން ދާ ފަށައިފިިއްޔާ ސުކޫލެއްގައި އެނދު ޖަހައިގެންވެސް ބޭތިއްބިދާނެ. އެކަމަކު ސުވާލަކީ އެމީހުންނަށް ފަރުވާ ދޭނީ ކޮން ބައެއްހޭ،"

ޝިނާ ވިދާޅުވީ މިދިޔަ ދެތިން ހަފްތާގައި ކޮންމެ ހަފްތާއަކު ހަތަރު މީހުން މަރުވަމުންދިޔައިރު މިއީ ރާއްޖެފަދަ ގައުމަކާއި އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ.

ޕޮައިންޓަކީ ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު މި އޮތީ ބާޑަންވެފައޭ. ކޭޓާއޭ ނުކުރެވޭ. މެނޭޖް ކުރަނީ ކޮންމެވެސް ގޮތަކަށް. ދެން މިރޭޓުން ދާ ފަށައިފިިއްޔާ ސުކޫލެއްގައި އެނދު ޖަހައިގެންވެސް ބޭތިއްބިދާނެ. އެކަމަކު ސުވާލަކީ އެމީހުންނަށް ފަރުވާ ދޭނީ ކޮން ބައެއްހޭ
ޑރ. ޝީނާ މޫސާ

ކޮންޓްރޯލް ނުވަނީ އަމަލު ނުކުރާތީ

ބަލި ކޮންޓްރޯލް ކުރުމަށް މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެޗްޕީއޭއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މާސްކު އެޅުން މަޖުބޫރުކޮށް ވަކި ގަޑިތަކެއްގައި ދަނީ ކާފިއު ހިންގަމުންނެވެ. ނަމަވެސް އެ ފިޔަވަޅުތައް އެޅިފަހުން ރެކޯޑް އަދަދަކަށް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ފުރަތަމަ 15 ވަރަކަށް ދުވަހު 2،000 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

ފިޔަވަޅުތަކާއެކުވެސް ބަލި ކޮންޓްރޯލް ނުވަނީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ. އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ ބަލި ކޮންޓްރޯލް ނުވަނީ ފިޔަވަޅުތަކަށް އެކަށީގެންވާ ގޮތެއްގައި އަމަލު ނުކުރާތީއެވެ.

"ފިޔަވަޅުތަކަށް މީހުން، މުއައްސަސާތަކުން އަމަލުކުރާ މިންވަރު ދަށީ. އެއީ ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ސަބަބަކީ،"

ޝީނާ ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރުގެ ކަމެއް ނޫން ކަމަށާ ބަލިން ސަލާމަތްވާނީ އެންމެން މަސައްކަތްކޮށްގެން ކަމަށެވެ.

"އެންމެން އެއް ގޯލަކަށް މަސައްކަތް ކޮށްގެން ނޫނީ ބަލި ކޮންޓްރޯލެއް ނުކުރެވޭނެ،"

ޝީނާ މިއަދުވެސް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރަން އޮތް އެންމެ ފަސޭހަ ގޮތަކީ ލޮކްޑައުންއަކަށް ދިއުން ކަމަށެވެ. އެހެން ކަމުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަން އެޗްޕީއޭއިން ފިޔަވަޅުތައް މުރާޖައާ ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ސީދާ ލޮންޑައުންއަކަށް ގޮސްސިއްޔާ ބަލި ކޮންޓްރޯލް ކުރަން ހުރިހާ ގޮތަކުންވެސް ފަސޭހަވާނެ،"

ކޮވިޑްގެ ބަލިމަޑުކަމުގެ ފުރަތަމަ ދުވަސްކޮޅު ބަލި މެނޭޖްކޮށްފައިވަނީ އެޗްޕީއޭ ލީޑުކޮށް ވަރަށް ގިނަ ވޮލަންޓިއަރުންގެ އެހީތެރިކަމުގައި ކަމަށް ޝީނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު އެ ވޮލަންޓިއަރުންވެސް ތިބީ އެމީހުންގެ ރަސްމީ މަސައްކަތުގައި ކަމަށްވާތީ ބަލި މިހާރު ފެތުރޭ މިންވަރުން އެޗްޕީއޭއަށް ކޭޓާ ނުކުރެވޭނެ ކަމަށް ޝީނާ ވިދާޅުވިއެވެ.

ދުވާލަކު 600 މީހުންނަށްވެސް ބަލި ޖެހިދާނެ

ޝީނާ ވިދާޅުވީ މިހާތަނަށްވެސް ރާއްޖެ ހިމެނިފައިވަނީ ޓެސްޓިން ކެޕޭސިޓީ ވަރަށް ދަށް ގައުމެއްގެ ގޮތުގައި ކަމަށެވެ. އެކަށީގެންވާ އަދަދަކަށް ޓެސްޓް ކުރެވޭނަމަ ދުވާލަކު 600 ބަލި މީހުން ފެނުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ވިދާޅުވިއެވެ.

މިހާރު ބަލި މީހުން ފެންނަ ނިސްބަތަށް ބަލާނަމަ އިންފެކްޝަންތައް ވަރަށް ބޮޑަށް އިތުރުވެފައިވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ބަލި ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅުތަކުން އިގްތިސާދަށްވެސް އާންމު ދިރިއުޅުމަށްވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށާ ނަަމަވެސް އެ ފިޔަވަޅުތައް އަޅައިގެން ނޫނީ ބަލި ކޮންޓްރޯލް ކުރަން ފަސޭހަނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.