ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިންޒާރެއް: ކޭސްތައް ގިނަވެއްޖެނަމަ ޓްރައޭޖް ކުރަންޖެހިދާނެ

ކޮވިޑްގެ ބަލި މީހުން ގިނަވެއްޖެނަމަ ޓްރައޭޖް ކުރަންޖެހިދާނެ ކަމަށް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެ އެވެ. ޓްރައޭޖް ކުރުމަކީ ފަރުވާދޭން ޖެހޭ މީހުންތައް އެމީހެއްގެ ބަލި ހާލަތު ހުރިގޮތެއް ބެލުމަށްފަހު އިސްކަންދޭނެ ގޮތެއް ކަނޑައެޅުމެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށެވެ. މިދިޔަ ހަފްތާގައި އެކަނިވެސް 980 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާ މިއީ ވަރަށް މަތީ ނަންބަރެއް ކަމަށް ވިދާޅުވިއެވެ.

އަލީ ލަތީފް ވިދާޅުވީ މިހާރު ޕޮޒިޓިވްވާ އަދަދު ދަށް ނުކުރެވިއްޖެނަމަ ސިއްހީ ކަންކަން މެނޭޖް ނުކުރެވޭނެ ކަމަށެވެ.

"ދުވާލެއްގެ މައްޗަށް 200 ނޫނީ 300 ކޭސް ޕޮޒިޓިވްވަންޏާ ހޮސްޕިޓަލްގެ ބެޑް ހުއްޓަސް އެ ބެޑް ކެޕޭޝިޓީއަށްވުރެ މައްޗަށް ގޮސްގެން އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ،"

ރާއްޖެއިން ކޮވިޑް ބަލީގެ މީހަކު ފެނުނުތާ 56 ދުވަސްތެރޭ 500 މީހުންނަށް ބަލި ޖެހިފައިވާ ކަމަށާ އެ އަދަދު 1000 އެރުމަށް ހޭދަވީ 13 ދުވަސް ކަމަށް އަލީ ލަތީފް ވިދާޅުވިއެވެ. ނަމަވެސް މިއަދު 500 މީހުންނަށް ބަލި ޖެހެން ހޭދަވަނީ ތިނެއް ނުވަތަ ހަތަރު ދުވަސް ކަމަށް ވިދާޅުވިއެވެ.

އަލީ ލަތީފް ވިދާޅުވީ ބަލި މީހުން އިތުރުވެ އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިހާރުވެސް ވަރަށް ޑޮކްޓަރުންނާއި ނަރުހުން މަދުވެގެން އެކަމުގެ ދަތިކަން އިންތިހާއަށް ދިމާވާ ކަމަށެވެ.

"ދުނިޔޭގެ ގައުމުތަކުގައި ގިނަ މީހުން މަރުވެފައިވަނީ އެ ދޭންޖެހޭ ފަރުވާ ނުދެވިގެން. އަދި މާލޭގައިވެސް މި ގޮތަށް ކޭސްތައް ގިނަވެއްޖެނަމަ އަޅުގަނޑުމެން ޖެހިދާނެ ޓްރައޭޖް ކުރަން. ޓްރައޭޖްގެ މާނައަކީ އެމީހެއް ސަލާމަތްކުރެވިދާނެ ކަމަށް ބަލާ މީހުންގެ ތެރެއިން ކޮން ބަޔަކުތޯ އެމީހުން އެޑްމިޓްކޮށްފައިވާ ފަރުވާދޭނީ އެ ގޮތަށް ނިންމުން. މިހާރު އަދި ނުޖެހޭ އެއްގޮތަކަށްވެސް އެހެން ޓްރައޭޖް ކުރާކަށް. އެހެން ނަމަވެސް ކޭސްތައް ގިނަވެ، ހޮސްޕިޓަލްތައް މަދުވެއްޖެނަމަ އަޅުގަނޑުމެން ޖެހޭނީ ޓްރައޭޖްއެއް ކުރަން،"

އަލީ ލަތީފް ވިދާޅުވީ އެތައް ބައިވަރު ބަލި މީހުންގެ ތެރެއިން ވަކި ބަޔަކު އެޑްމިޓްކުރަން ވަކި ބަޔަކު ވެންޓިލޭޓަރަށްލާން ނިންމަން ޖެހިއްޖެނަމަ އެކަންވާނީ ވަރަށް ހިތާމަވެރި ކަމަކަށް ކަމަށެވެ.