ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސިޔާސަތު ކަނޑައެޅުމުގައި ފެއިލެއް ނުވޭ: ލަތީފް

Aug 24, 2020
3

ކޮވިޑް ކޮންޓްރޯލްކުރުމުގައި ކަނޑައަޅާފައިވާ ސިޔާސަތުތައް ފެއިލްވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އެޗްޕީއޭއިން ވަނީ އަޅާފައެވެ. އެގޮތުން މާސްކު އެޅުން މަޖުބޫރުކޮށް ރޭގަނޑު ވަގުތު ކާފިއު ވަނީ ހިންގަމުންނެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

އެކަމާއި ގުޅިގެން އާންމުންގެ ފާޑުކިޔުން ދަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ފެއިލްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ އިސް ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވާ ޑރ. އަލީ ލަތީފް ބަލި ކޮންޓްރޯލްކުރުމުގައި ކަނޑައަޅާފައިވާ ސިޔާސަތުތައް ފެއިލްވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ބަލި ފެތުުރުން ކޮންޓްރޯލް ނުކުރެވިވަނީ މުޅިން އާންމުންގެ ސަބަބުން ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ.

ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކަށް ތަބާވެގެން ނޫނީ ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އަލީ ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑު ނުދަންނަވަން ކޮވިޑް ކޮންޓްރޯލްނުވެގެން ހަމައެކަނި މިދަނީ ޕަބްލިކް އަޅާނުލައިގެން ފަރުވާ ކުޑަވެގެން ނެކޭ. އަޅުގަނޑު މި ދަންނަވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ހުރިހާ އެންމެން އެކީ މަސައްކަތްކުރަން އެބަޖެހޭ. އަދި އެޗްޕީއޭއިން ދަންނަވާ ގޮތަށް ކަންކަން ނުކުރެވޭނަމަ ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެ. އަޅުގަނޑުމެން ނޫޅޭ ހުރިހާ ބްލޭމްއެއް ޕަބްލިކުގެ ބޮޅުގައި އަޅުވާކަށް،"

ނަމަވެސް ލަތީފް ވިދާޅުވީ ކޮވިޑްގެ ފުރަތަމަ ރާޅަށްފަހު ލުއިތައް ދެވުނީ ޕްލޭން ކުރިވަރަށް ވުރެ ބޮޑަށް ކަމަށެވެ. އެކަން އެހެން ކޮށްފައިވަނީ ރައްޔިތުންނަށް ލޮކްޑައުންގެ ސަބަބުން ލިބުނު ނުތަނަވަސް ކަމަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށެވެ. އެގޮތުން ފިހާރަތައް ބަންދުކުރުމާއި ރެސްޓޯރަންޓްތައް ބަންދުކުރުން އަދި ސުކޫލްތަކާއި އޮފީސްތައް ބަންދުކުރުމަކީ އަޅަން ޖެހިދާނެ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

ލޮކްޑައުންއަށް ދިއުމަކީ އެންމެ ފަހުގެ މަރުހަލާ ނަަމަވެސް މިހާރު ޕޮޒިޓިވްވަމުންދާ އަދަދަށް ކޮންމެ ދުވަހަކު ބަލި މީހުން ފެންނަމުންދާނަމަ އަލުން ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

"އޭގެ އެންމެ ފަހުގެ މަރުހަލާގައި ގިނަވެގެންދާ ކަމަށްވާނަމަ ލޮކްޑައުންއަކަށްދާންޖެހޭނެ. އަޅުގަނޑު ނުދަންނަވަން މިއަދު ލޮކްޑައުންއަކަށްދާންޖެހޭ. ނަމަވެސް އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުކުރެެވިއްޖެއްޔާ ލޮކްޑައުންއަކަށްދާންޖެހޭ. ލޮކްޑައުންއަކަށް ދާން މި ޖެހެނީ ބަލި ކޮންޓްރޯލު ކުރަން ދިވެހިންގެ ފުރާނަ ސަލާމަތްކުރަން،"


އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަކަށް ދިއުމަކީ ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭނެ ކަމެއް ކަމަށާ އެ ދަތިތައް ރައްޔިތުން ތަހަންމަލު ކޮށްފި ކަމަށެވެ. ނަމަވެސް ކޭސްތައް އިތުރުވާނަމަ ލޮކްޑައުންއަަކަށް ދިއުން ނޫން އެހެން ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އެ ފިޔަވަޅު އަޅަން ޖެހެނީ ދިވެހިންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެޗްޕީއޭއިން ދަންނަވާ ދެންނެވުމުންތަކަށް ސަމާލުކަންދޭންޖެހޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ. ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީއެއް ނުހުންނާނެ. އެވަރަށް ޑޮކްޓަރުންނެއް ނުތިބޭނެ. އެވަރަށް ނަރުހުންނެއް ނުތިބޭނެ. އަޅުގަނޑުމެންނަށް މެނޭޖެއް ނުކުރެވޭނެ. އެހެންވެއްޖެނަމަ ދިވެހިންގެ އެތައް ބައެއްގެ ފުރާނަ ގެއްލޭނެ. އެކްޝަންތައް ނެގުމަކީ ފަހަރެއްގައިވެސް މީހުންނަށް އުނދަގޫކުރަން ކުރާ ކަމެއް ނޫން،"